19 Jun 2020, 11:53
ދިއްލީ (ޖޫން 19): ޗައިނާ އާއި އިންޑިއާގެ ބޯޑަރުގައި ދެގައުމުގެ ސިފައިންގެ މެދުގައި މިދިޔަ ހޯމަ ދުވަހު ހިނގި ކުރިމަތިލުމުގައި ޗައިނާއިން ހިފެހެއްޓި އިންޑިއާގެ 10 ސިފައިން އެގައުމުން ދޫކޮށްލައިފި ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
ދަ ހިންދޫ އާއި އިންޑިއަން އެކްސްޕްރެސްއިން މިއަދު ރިޕޯޓު ކުރި ގޮތުގައި ޗައިނާއިން ސިފައިން ދޫކޮށްލީ ދެ ގައުމުގެ އަސްކަރިއްޔާގެ މޭޖާ-ޖެނެރަލުން އިއްޔެ ވާހަކަތައް ބޭއްވި ފަހުންނެވެ. އަދި ދަ ހިންދޫގައިވާ ގޮތުން ޗައިނާއިން ދޫކޮށްލި 10 ސިފައިންގެ ތެރޭގައި ހަތަރު އޮފިސަރަކު ހިމެނޭ އިރު އޭގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެ އެވެ.
އިންޑިއަން އެކްސްޕްރެސްގައިވާ ގޮތުން އެއީ 1962 ވަނަ އަަހަރު އިންޑިއާ އާއި ޗައިނާއާ ދެމެދު ކުރި ހަނގުރާމައަށް ފަހު، ޗައިނާއިން އިންޑިއާގެ ސިފައިންތަކެއް ހިފެހެއްޓި ފުރަތަމަ ފަހަރެވެ.
އިންޑިއާގެ ދެ މީޑިއާއަކުން މިއަދު އެފަދައިން ރިޕޯޓު ކުރި ނަމަވެސް އިއްޔެ އިންޑިއާގެ އަސްކަރިއްޔާއިން ވަނީ އެގައުމުގެ ސިފައިންތަކެއް ޗައިނާއިން ހިފަހައްޓާފައި ނުވާ ކަމަށް ބުނެފަ އެވެ.
އިންޑިއާއިން ބުނި ގޮތުގައި ހޯމަ ދުވަހުގެ ހާދިސާއަކީ ޗައިނާއިން ދުރާލާ ރާވައިގެން ދިން ހަމަލާއެކެވެ. އަދި އެހާދިސާ ހިނގީ ބޯޑަރު މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުމަށް ދެ ފަރާތުން އެއްބަސްވެފައި ވަނިކޮށެވެ.
ނަމަވެސް ޗައިނާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ދެ ފަރާތުގެ މެދުގައި ތަޅާފޮޅުމަކަށް ދިޔައީ އިންޑިއާ ސިފައިން އެ ދުވަހު ދެ ފަހަރެއްގެ މަތިން ޗައިނާގެ ފަޅިއަށް ވަނުމުން ކަމަށް ބުނެފަ އެވެ.
އެ ހާދިސާގައި އިންޑިއާގެ 20 ސިފައިން މަރުވެ، 76 ސިފައިންނަށް އަނިޔާވެފައިވެ އެވެ. އަދި ޗައިނާގެ ސިފައިންތަކެއްވެސް މަރުވި ކަމަށް ހަބަރު ފެތުރިފައިވީ ނަމަވެސް އެގައުމުން ރަސްމީ ގޮތެއްގައި އެފަދައިން ނުބުނެ އެވެ.
އެ ހާދިސާގައި މަރުވި އިންޑިއާގެ ބައެއް ސިފައިންގެ ޖަނާޒާތައް އިއްޔެ ބޭއްވި އިރު ގިނަ އަދަދެއްގެ މީހުން ޖަނާޒާގައި ބައިވެރިވި އެވެ. އަދި ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީއާ ގުޅުން ހުރި ބައެއް ޖަމާއަތްތަކުން ވަނީ ޗައިނާ ބޯއިކޮޓް ކުރުމަށާއި އެގައުމުގެ ކުންފުނިތަކާ އެކު ހަދާފައިވާ އެއްބަސްވުންތައް އުވާލުމަށް ގޮވާލާފަ އެވެ.