އިންޑިއާގެ ޗެންނާއިގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން ޗެންނާއި އާއި އަވަށްޓެރި ތިން ސިޓީއެއް އަލުން ފުރަބަންދަކަށް ގެންގޮސްފި އެވެ.

އިންޑިއާގެ އޮފިޝަލުން ބުނެފައިވަނީ ފުރަބަންދާއެކު ހުއްދަ ލިބޭނީ ހަމައެކަނި އަސާސީ ހިދުމަތްތަކަށް ކޮންމެހެން ކުރަން ޖެހޭ ވިޔަފާރިތައް ކުރުމަށް ކަމަށެވެ. އަދި އެކަމަށް ހުއްދަ ދެވޭނީ 12 ދުވަހަށް އިއުލާނުކޮށްފައިވާ ފުރަބަންދުގެ ހުއްދަތަކުގެ ދަށުން ކަމަށްވެސް އޮފިޝަލުން ވަނީ ބުނެފަ އެވެ.

އޮފިޝަލުން އިތުރަށް ބުނެފައިވަނީ އެ ސިޓީގައި ފުރަބަންދު އިއުލާނުކޮށްފައިވަނީ މިމަހުގެ 30ގެ ނިޔަލަށް ކަމަށެވެ.

ތަމިލް ނާޑޫ މިހާރު އިންޑިއާގެ ވައިރަސް ހޮޓްސްޕޮޓް އަކަށް ވެފައިވާއިރު އެ ސްޓޭޓުން ވަނީ 50،000 ޕޮޒިޓިވް ކޭސް ފެނިފަ އެވެ. އޭގެތެރެއިން 37،000 ކޭސް އަކީ ހަމައެކަނި ޗެންނާއި އިން ފެނިފައިވާ ކޭސްތަކެވެ.

އެހާ ގިނަ ކޭސްތަކެއް ފެނިފައިވާއިރު އެ ސްޓޭޓުން މަރުވި މީހުންގެ އަދަދު އަރަނީ 600 އަށެވެ. އެހެން ނަމަވެސް، އޮފިޝަލުން އިތުރަށް ހާމަކޮށްފައިވަނީ އެ މައްސަލަ ރިވިއު ކުރަމުންދާ ކަމަށާއި މަރުގެ ކޭސްތައް ރިކޯޑުކުރިއިރު 200 ވަރަކަށް ކޭސް އޭގެތެރޭގައި ނުހިމެނޭ ކަމަށެވެ.

އިންޑިއާގައި ފުރަބަންދު އުވާލުމަށްފަހު އަލުން އެ އިއުލާނުކޮށްފައިވަނީ މިހާތަނަށް ޗެންނާއިގައި އެކަންޏެވެ.

މުޅި ދުނިޔޭގައި ވައިރަސްގެ ކޭސްތަކަށް ބަލާނަމަ މިހާރު އިންޑިއާ އުޅެނީ ހަތަރުވަނައަށް އެންމެ ގިނަ ޕޮޒިޓިވް ކޭސް ފެނުނު ގައުމުގައެވެ. އެގޮތުން އިންޑިއާއިން ވަނީ މިހާރު އެ ވައިރަސް އަށް ޕޮޒިޓިވް 350،000 ކޭސް ފެނިފަ އެވެ. އަދިވެސް އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނިފައިވަނީ އެމެރިކާއިންނެވެ. އެގައުމުން ދެ މިލިއަން މީހުންނަށް ވައިރަސް ޖެހުނެވެ.