19 Jun 2020, 11:51
ތުރުކީގެ އިސްތަންބުލް އެއާޕޯޓުގައި ތިންވަނަ ރަންވޭ އެއް ހުޅުވައިފި އެވެ.
މިއީ ޔޫރަޕުގައި ޕެރަރަލްކޮށް އޮޕަރޭޓު ކުރާ ތިން ރަންވޭ ބޭނުންކުރާނެ ދެވަނަ އެއާޕޯޓެވެ. އާ ރަންވޭ އިފްތިތާހު ކުރުމަށް ތުރުކީގެ ޓާކިސް އެއާލައިންގެ ތިން ފްލައިޓެއް ވަނީ މިމަޖުގެ 14 ވަނަ ދުވަހު ތިން ރަންވޭ އިން އެއްފަހަރާ ޓޭކް އޮފް ކޮށްފައެވެ.
އިސްތަންބުލް އެއާޕޯޓުން ބުނީ ތިންވަނަ ރަންވޭއާއެކު ޓެކްސީ ކުރުމަށް ހޭދަވާ ވަގުތު މަދުވެ، ލޭންޑިން އަށް އަދި ޓޭކް އޮޮފް އަށޤ ހޭދަވާ ވަގުތު ވެސް މަދުވާނެ ކަމަށެވެ.
މިއާއެކު އެ އެއާޕޯޓުން ހޭންޑްލް ކުރާ ފްލައިޓުތަކުގެ އަދަދުވެސް އިތުރުވާނެ ކަމަށް އިސްތަންބުލް އެއާޕޯޓުން ބުނެފައިވެއެވެ. އެގޮތުން ގަޑިއެއްގެ މައްޗަށް ފްލައިޓް މޫމަންޓް ކެޕޭސިޓީ 80 އިން 120 އަށް އިތުރު ވާނެ ކަމަށް ބުނެފައިވެއެވެ.
އާ ރަންވޭ އާއެކު އެންޑް ރައުންޑް ޓެކްސީވޭ އެއްވެސް އޮޕަރޭޝަނަށް ގެނެސްފައިވެއެވެ. މިއާއެކު ޓްރެފިކް ބާރުބޮޑުވާ ވަގުތުތަކުގައި އެއާޕޯޓަށް ލުއި ލިބޭނެ އެވެ.
ތުރުކީގެ އިސްތަންބޫލު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް 12 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް އިފްތިތާހުކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ.
މި މަޝްރޫއު 2028 ގައި ނިންމަން އަމާޒުހިފާފައިވާއިރު މުޅި މަޝްރޫއު ނިމުމުން އެ އެއާޕޯޓުން 200 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެކަމަށް ތުރުކީ އިން ބުނެއެވެ.
އެއާޕޯޓުގެ ޕްރޮޖެކްޓް ނިމޭއިރު ހަ ރަންވޭ އާއި ދެ ޕަސިންޖާ ޓާމިނަލް ތަރައްގީ ކުރާނެއެވެ. 76 އަކަ ކިލޯމީޓަރުގެ ސަރަހައްދެއްގައި ތަރައްގީ ކުރާ މި އެއާޕޯޓާއެކު ފަސިންޖަރުންނަށް ހާއްސަ މެޓްރޯވޭއެއްވެސް ތަރައްގީ ކުރަން ވަނީ ނިންމައިފައެވެ.