އަވަހާރަކޮށްލައިފައިވާ އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީ އަންހެން ކޮއްކޮ ޖީން ކެނެޑީ ސްމިތު އަވަހާރަވެއްޖެއެެވެ.

އެކަމަނާ އަވަހާރަވީ އުމުރުން 92 އަހަރުގައެވެ. ޖީން އަކީ އެންމެ ފަހުން ދުނިޔޭގައި ހުންނެވި ޖޯން އެފް ކެނެޑީގެ އެއްބަނޑުއެއްބަފާ ބޭފުޅާވެސް މެއެވެ.

ޖީން ވަނީ 1993 އިން 1998 އަށް އެމެރިކާއިން އަޔަލެންޑަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑާގެ މަގާމުވެސް ފުރައްވައިފައެވެ. އެ ދުވަސްވަރު އެކަމަނާ ވަނީ އުތުރު އަޔަލެންޑްގެ ސުލްހައިގެ މަރުހަލާގައިވެސް މުހިންމު ދައުރެއް އަދާކުރައްވައިފައެވެ.

ޖީން އަކީ ރޯސް ކެނެޑީއާއި ޖޯސެފް ކެނެޑީއަށް ލިބިވަޑައިގެންނެވި އަށް ކުދިންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭގެ ތެރެއިން ގިނަ ބޭފުޅުން އެކި ނުރައްކާތެރި ހާދިސާތަކުގައި އަވަހާރަވެފައި ވެއެވެެ. އެގޮތުން އެކަމަނާގެ އެންމެ ދޮށީ ބޭބެ ޖޯސެފް ކެނެޑީ ޖޫނިއާ ދެވަނަ ބޮޑުހަނގުރާމައިގައި އުޅުއްވަނިކޮށް އަވަހާރަކޮށްލިއިރު ދައްތަ ކެތުލީން 1948 ވަނަ އަހަރު ދަތުރުކުރެއްވި ބޯޓު ވެއްޓިގެން ވަނީ އަވަހާރަވެފައެވެ. އޭގެ އިތުރުން އެކަމަނާގެ ދެ ބޭބެއިން ކަމަށްވާ ކުރީގެ ރައީސް ޖޯން އެފް ކެނެޑީއާއި ސެނެޓާ ރޮބާޓް އެފް ކެނެޑީވެސް ވަނީ އަވަހާރަކޮށްލައިފައެވެ.

އެކަމަނާގެ އެއްބަފާ ބޭފުޅުންގެ ތެރެއިނ އެންމެ ފަހުން ދުނިޔޭގައި ތިއްބެވި ދައްތަ އިޔުނިސް ކެނެޑީ އަދި ބޭބެ އެޑްވާޑް ކެނެޑީ އަވަހާރަވީ 2009 ވަނަ އަހަރުއެވެ.

ޖީން ކެނެޑީ 2016 ވަނަ އަހަރު ވަނީ "ދަ ނައިން އޮފް އަސް"ގެ ނަމުގައި ކެނެޑީ އާއިލާއާ ގުޅޭ ގޮތުން ފޮތެއްވެސް ލިޔުއްވައިފައެވެ.

ޖީން ކެެނެޑީއަށް ހަތަރު ކުދިން ލިބިވަޑައިގެންނެވިއެވެ. އެކަމަނާގެ ފިރިކަލުން އަވަހާރަވީ 1990 ވަނަ އަހަރު އެވެ. ---އޭޕީ--