19 Jun 2020, 09:34
ކޮވިޑް19 އާއި ގުޅިގެން މާލެ ފުރަބަންދުކޮށްފައި އޮތް ދުވަސްވަރު ފުރަބަންދުގެ އުސޫލުތަކާ ހިލާފުވި 312 މީހެއްގެ މައްސަލަ ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ސްޕޯކްސްޕާސަން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު ވިދާޅުވީ ފުރަބަންދާ ހިލާފުވެގެން 582 މީހަކު ހައްޔަރު ކުރިކަމަށެވެ. މީގެ ތެރެއިން 37 މީހަކު ފިޔަވާ އެހެން އެންމެން ދޫކޮށްލާފައިވާކަމަށް ޔޫނުސް ވިދާޅުވި އެވެ.
"ލޮކްޑައުން ވަޔޮލޭޝަން އާއި ގުޅިގެމް 312 މީހެއްގެ މަައްސަލަ ޕީޖީ އަށްަނީ ފޮނުވިފައި" ޔޫނުސް ވިދާޅުވި އެވެ.
ޔޫނުސް ވިދާޅުވީ މާލެ ފުރަބަންދުގައި އޮތް ދުވަސްވަރު ރައްޔިތުންގެ ފަރާތުންބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ
"އެއްނގުންތަކަށް ތަބާވުމަށް ތައްޔިތުންގެ ފަރާތުން ރަނގަޅު އެއްބާރުކުމެއް ލިބުނު، ގިނަ ރައްޔތުން ފުރިހަމަ ގޮތުގައި ލޮކްޑައުން އަށް ތަބައަވި،" އޭނާ ވިދާޅުވި އެވެ.
ފުރަބަންދުގެ މުއްދަތުގައި ބޭރަށް ނިކުމެވެނީ ފުލުހުން ދޫކުރާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. ހުއްދައާ ނުލައި ބޭރަށް ނިކުމެއްވެ ނަމަ ފުރަތަމަ ނަސޭހަތްދެ އެވެ. އޭގެ ފަހުން ހިލާފުވެއްޖެނަމަ ޖޫރިމަނާ ކުރެ އެވެ. ތިންވަނަ ފަހަރު ދޭ އަދަބެއްގެ ގޮތުން ހައްޔަރު ކުރެ އެވެ.
ފުރަބަންދަށް ދިން ލުޔާއެކުވެސް ރޭގަނޑު 10 ގެ ފަހުން ޒަރޫރީ ކަމެއްގައި ނޫނީ ބޭރަށް ނިކުމެ އުޅޭނަމަ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުންޏެވެ.