18 Jun 2020, 23:00
ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި 29 މުވައްޒަފަކު އެކަހެރިވާން އަންގައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ އިއްޔެ އެވެ.
މަޖިލީހުގެ މެއިންޓެނެންސްގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފަކު ބައްޔަށް ޕޮޒިޓިވް ވުމުން ކޮންޓެކްޓު ޓްރޭސިން ހެދިއިރު އޭނާގެ ކޮންޓެކްޓުންގެ ގޮތުގައި 29 މުވައްޒަފަކު ފާހަގަވިކަމަށާއި ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި 11 މީހަކު ފާހަގަވިކަމަށް އެންއީއޯސީ އިން ބުންޏެވެ.
މަޖިލީހުގެ މުވައްޒަފަކު ޕޮޒިޓިވް ވުމާ ގުޅިގެން މަޖިލީހުގެ އިދާރާ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ މުވައްޒަފު ޕޮޒިޓިވްވުމާ ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
ކޮންޓެކް ޓްރޭސިން ހެދުމާއި މަޖިލިސް ޑިސް އިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
"މަޖިލީހުގެ އިދާރާގައި މަސައްކަތް ފެށި އިރުވެސް މިފަދަ ކަމެއް މެދުވެރިވެދާނެ ކަމަށް ބަލައި، ދުރާލާ ފިޔަވަޅުތައް ވަނީ އެޅުފައިއެވެ. އަދި ރޯގާއާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން، އެހެން ނަމަވެސް މަޖިލީހުގެ މަސައްކަތްތައް މަޖިލިސް ކުރާ ގޭގައި ކުރިއަށް ގެންދިޔުމަކީ އަމާޒެކެވެ." މަޖިލީހުގެ ނެރުނު ކުރު ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނީ، އެޗްޕީއޭ އިން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން މަޖިލީހުގެ އިދާރާގައި މަޖިލީހުގެ މަސައްކަތްތައް ފެށޭނެ ކަމަށެވެ.
މަޖިލީހުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައްވެސް ބާއްވަމުންދިޔައީ މަޖިލިސް އިދާރާގައެވެ. ދެން އެންމެ އަވަހަށް މަޖިލިސްގެ ޖަލްސާއެއް އޮންނީ ހޯމަ ދުވަހުއެވެ.