18 Jun 2020, 22:40
މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވީ ފަރާތްތަކުގެ ތެރޭގައި އެހެން ބަލިތަކަށް ބޭސްކުރަމުންދާ އުމުރުން 54 އަހަރުގެ މީހަކު ހިމެނޭކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 54 އަހަރުގެ ދިވެއްސަކު ހިމެނޭ ކަމަށެވެ.
"ދިވެހި ފިރިހެނެއް 54 އަހަރުގެ ފިރިހެނެއް ބައްޔަށް ޕޮޒިޓިވްވެފައިވޭ. އިތުރު ބަލިތަކެއް މި ބަލީގެ ކޮމްޕްލިކޭޝަންސް ނުވަތަ ނުރައްކާ އިތުރުވެދާނޭފަދަ އެހެން ބަލިތަކަކަށް ބޭސްކުރަމުންދާ ފަރާތެއް،" މަބްރޫކު ވިދާޅުވި އެވެ.
މިއަދު 17 މީހަކު ބައްޔަށް ޕޮޒިޓިވްވި އިރު މީގެ ތެރޭގައި ދިވެހި ހަތް މީހަކު ހިމެނެއެވެ. މީގެ ތެރެއިން ދެ މީހުންނަކީ ކުރިންވެސް ފާހަގަކުރެވިފައިވާ ކްލަސްޓާތަކާއި ގުޅުން ހުރި ބައެއް ކަމަށް މަބްރޫކު ވިދާޅުވި އެވެ.
ބާކީ ތިބި ފަސް މީހުންނަކީ އަދި އިންޑިޕެންޑެންޓް ނުވަތަ ކްލަސްޓާއަކަށް ނިސްބަތްނުވާ ފަސް ކޭސްކަމަށް މަބްރޫކު ވިދާޅުވިއިރު އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މުޅިން ނުނިމޭކަމަށް މަބްރޫކު ވިދާޅުވި އެވެ.
މިހާރު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ ބިދޭސީ 235 މީހަކާއި ދިވެހި 133 މީހެކެވެ. ޖުމްލަ ގޮތެއްގައި 368 މީހެކެވެ.
މީގެ ކުރިންވެސް ރާއްޖެއިން ވަނީ ހައި ރިސްކު ނުވަތަ ބަލީގެ ނުރައްކާ ބޮޑުވެދާނޭފަދަ ސިއްހީ މައްސަލަތައް ހުރި ފަރާތްތަކެއް ބައްޔަށް ޕޮޒިޓިވް ވެފައެވެ.