31 Dec 2011, 15:08
އިދިކޮޅު ފަރާތްތަކުން 23 ޑިސެމްބަރުގައި ބޭއްވި މުޒާހަރާއާ ގުޅިގެން ރިސޯޓްތަކުގެ ސުޕާތައް ބަންދުކުރުމަކީ ދުނިޔޭގައި ރާއްޖޭގެ ޓޫރިޒަމްގެ އަގު ވެއްޓި އިންވެސްޓަރުން މާޔޫސްވާނެ ކަމެއް ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަބުދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.
ސިންގަޕޫރުގައި ހުންނަވައިގެން "ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ ޗައިނާ ޓޫރިޒަމަށް ރާއްޖޭގެ މާކެޓް ބައްޓަން ވަމުން އަންނަ ދުވަސްވަރެއްގައި ޗައިނާގެ ޓޫރިސްޓުންގެ މެދުގައި މަގުބޫލް ސުޕާތައް ބަންދުކުރުމަކީ އެއްވެސް ފަރާތަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެ އަމަލަކީ ރާއްޖޭގެ "ނާޒުކު" ޓޫރިޒަމާ "ބެހުން" ކަމަށެވެ.
"މިހާރު ޗައިނާގެ ޓޫރިސްޓުންނަށް ޕްރޮޑަކްޓް ޑިޒައިން ކުރަން ޖެހެފައި މިއޮތީ. އެގޮތުން ވަކި ހުދޫދެއްގެ ތެރޭގައި ހިދުމަތްތައް ގާއިމް ކުރަން ޖެހޭ. ޒަމާނުއްސުރެ ދިވެހިންގެ އެތައް ބަޔަކު ކުރަމުން އައި މަސައްކަތެއް މިއީ. ރާއްޖޭގެ ނަން ދުނިޔޭގައި މިވަނީ މަތީ ފަންތިއަކަށް ގެންގޮސްފައި. އެހެން ވީމާ އިމޭޖު ވެސް ގެއްލިގެން ދާނެ. އިންވެސްޓަރުންނަށް ރާއްޖެ އަށް އިންވެސްޓް ނުކުރެވެންޏާ އިންވެސްޓް ކުރާނީ ދުނިޔޭގެ އެހެން ތަނަކަށް. ހަމަ އާންމު ރައްޔިތުންނަށް ގެއްލުންވެގެން ދާނީ ޓޫރިޒަމް ފުނޑު ފުނޑުވެގެން ގޮސްފިއްޔާ،" ޖާބިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެސް ސިޔާސީ ފަރާތަކުން ޓޫރިޒަމަށް ގެއްލުމެއްވާ ގޮތަށް ކަންތައްތަކެއް ކޮށްގެންނުވާނެ ކަމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ޓޫރިޒަމް ފުޅާ ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެއީ ރާއްޖޭގެ އިޖްތިމާއީ ހަމަޖެހުމާ ވެސް ގުޅިފައިވާ ކަމެއް ކަމަށެވެ.
"އެ ތަންތަނުގައި ރާވިކެން ޖެހޭނެ. ކެސިނޯތައް ވެސް ހުންނަން ޖެހޭނެ. އަޅުގަނޑުމެން މިދައްކަނީ ޓޫރިސްޓުންނަށް ރާ ވިއްކާ ހިދުމަތްތައް ދޭ ވާހަކަ. އެއީ އެއްގޮތަކަށް ވެސް ދިވެހިންނަކަށް ނޫން. ސިޔާސީ ބޭނުމަކަށް ޓަކައި ރާއްޖޭގެ މައިތަނބު ފުނޑާލައި ކުދިކުދި ކޮށްލުން އެއީ ކޮށްގެންވާނެ ކަމެއް ނޫން. މިކަންކަމާ އެންމެން ވެސް ސީރިއަސްކޮށް ވިސްނައި ފިޔަވަޅު އަޅަން ވެއްޖެ،" ސަރުކާރު ހިންގާ އެމްޑީޕީގެ މެންބަރު ޖާބިރު ވިދާޅުވި އެވެ.
ޓޫރިސްޓުންނަށް ހިދުމަތްދޭ ދިނުމުގައި ދިވެހިން އެތަކެތީގެ ބޭނުންކުރާ ނަމަ އަދި ރާއްޖެ އަންނަ ފުލައިޓަކުން ގަވާއިދާ ހިލާފަށް ނުރައްކާތެރި މީހެއް އަތުވެއްޖެ ނަމަ އެކަމަށް ފިޔަވަޅު އަޅާނީ ކަމާ ބެހޭ އިދާރާތަކުން ކަމަށާއި އެއީ ޓޫރިސްޓުންނަށް ދޭން ޖެހޭ ހިދުމަތްތައް ހުއްޓުމަކަށް ގެންނަން އޮތް ބަހަނާއެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިޒްރޭލުގެ ފުލައިޓް ވެސް ޖައްސަންވީ. އޭގެން ވެސް އަންނަނީ ޓޫރިސްޓުން. ދެން ގަވާއިދާ ހިލާފަށް މީހަކު އައިސްފިއްޔާ އެކަން ބަލައި ފިޔަވަޅު އަޅަން ޖެހޭނީ. އެކަމަށް އެބަތިބި މިނިސްޓްރީތަކާއި ކައުންސިލަރުން އައްޔަންކޮށްފައި. ދިވެހިން ވެސް އެގޮތަށް އަމަލުކުރާ ނަމަ ފިޔަވަޅު އަޅާނީ އެމީހުން. އެއީ އެއްގޮތަކަށް ވެސް ޓޫރިޒަމާއި ރާއްޖޭގެ އިގްތިސޯދު ފުނޑޭގޮތަށް ކަންކުރަންވީ ކަމެއް ނޫން." ޖޭ ހޮޓަލްސްގެ ޗެއާމަން ޖާބިރު ވިދާޅުވި އެވެ.
ސްޕާތައް ބަންދުކުރުމުން ޗާބިރު ކަންބޮޑުވެ ވަޑައިގަތް އިރު މަޓީ އާއި މަޓާޓޯ އަދި ވެސް ޓޫރިޒަމްގައި ހަރަކާތްތެރިވާ ގިނަ ވިޔަފާރިވެރިންތަކެއް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރާއްޖޭގައި ރަލާއި އޭރު މަސް ވިއްކުން މަނާކުރުމަށް ވިސްނާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.