ފ. ފިލިތެޔޮ އައިލެންޑް ރިސޯޓްގައި ކަރަންޓީންގައި ހުރި އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިއަދު ހަވީރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ބުނެފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، އެ ރިސޯޓްގައި ކަރަންޓީންގައި ހުރި ފަރާތަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ތުހުމަތު ކުރަނީ އަތަނުގެ މެނޭޖަރެއްގެ ގޮތުގައި ހަވާލުވެ ހުންނެވި އެމްއެންޑީއެފްގެ އޮފިސަރަކަށް ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ފުރާވަރުގެ އެ އަންހެން ކުއްޖާ އަކީ ލަންކާގައި ހުރުމަށްފަހު މި މަހުގެ 10 ވަނަ ދުވަހު ރާއްޖެއައި ކުއްޖެކެވެ. އަދި ވަކިން ކޮޓެރިއެއްގައ ހުރުމަށްފަހު ފުރައްސާރަ ބޮޑުވުމުން އޭނާގެ ރަހުމަތްތެރިއެއްގެ ކޮޓެރިއަށް ބަދަލު ވެފައިވާ ކަން ވެސް ވަނީ އެނގިފަ އެވެ.

ކަރަންޓީން ފެސިލިޓީތަކުގައި ޖިންސީ ފުރައްސާރަ ކުރާ ކަމުގެ ދެތިން މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.