18 Jun 2020, 22:05
މިއަދު އިތުރު 17 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެ ބަލިން އިތުރު 82 މީހުން ރަނގަޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން މިރޭ އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިއްޔެ 18:00ން މިރޭ 18:00 އާ ހަމަޔަށް ކޮވިޑް-19އަށް އިތުރު 17 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
މިރޭ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 2،137 އަށް އަރައިފަ އެވެ.
އެޗްޕީއޭއިން ބުނިގޮތުގައި މިރޭ 82 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1،759 އަށް އަރައިފަ އެވެ.
ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ބައްޔަށް ފަރުވާ ދެވެމުން ދަނީ 368 މީހަކަށެވެ.
މިރޭ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 7 ދިވެހިން، 6 ބަންގްލަދޭޝް ރައްޔިތުން، 3 އިންޑިޔާ ރައްޔިތުންނާއި ނޭޕާލް ރައްޔިތެކެވެ.
ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 215 މީހަކު ތިބި އިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 301 މީހަކުު އެބަ ތިއްބެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ނަގާފައި ވަނީ ޖުމްލަ 38،623 ސާމްޕަލްއެވެ. މީގެ ތެރޭގައި ތަކުރާރުކުރަން ޖެހުނު ސާމްޕަލްވެސް ހިމެނެއެވެ.
މިއަދު ގ.އ. މާމެންދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ކޭސްއެއް ފެނިފައިވަނީ މާޗް 7 ވަނަ ދުވަހު ރިސޯޓަކުންނެވެ. މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19 ކޭސްއެއް ފެނިފައިވަނީ އޭޕްރިލް 15 ވަނަ ދުވަހު އެވެ.
މި ކޭސްއާއިއެކު މާލެ ސިޓީ ގައި ފުރަބަންދުގެ ހާލަތު ވަނީ އިއުލާންކުރެވުނު ނަމަވެސް ދޮޅު މަަހެއްހާ ދުވަސް ފުރަބަންދުގައި ވޭތުކުރުމަށްފަހު ސަރުކާރުން ވަނީ ފުރަބަންދަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދޭންފަށައިފަ އެވެ.
އެގޮތުން މިހާރު ފުރަބަންދުގެ ލުއިތަކުގެ ދެވަނަ މަރުހަލާގައި ފެށިފައިވާއިރު މި މަރުހަލާގައި މާލޭގައި އާންމު ފަރާތްތަކަށް ވަކި ގަޑިތަކެއްގައި ހުއްދައާ ނުލައި ބޭރަށް ދިޔުމަށް ވަނީ ހުއްދަ ދެވިފަ އެވެ.