14:30


އެމްޓީޑީސީގެ ޗެއާމަންކަމުގެ މަގާމުގައި ހުންނެވި ބަންދު އިބްރާހިމް ސަލީމު ނުވަތަ ކުޑަ ބަންދޭ، އެ ކުންފުނީގެ ޗެއާމަންކަމުގެ މަގާމުން ރޭ ވަކިކޮށްފި އެވެ.


މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ޗެއާމަން ކަމަށް ސަރުކާރުން ކުއްލި ގޮތަކަށް އިއްޔެ އިސްކުރެއްވި، ބަނޑޮސް ރިސޯޓުގެ ކުރީގެ ޖެނެރަލް މެނޭޖަރު، އެމްޓީޑީސީގެ ޗެއާމަންކަމުން ވަކިކޮށްފައި ވަނީ ރޭ ބޭއްވި އެ ކުންފުނީގެ ބޯޑުގެ ޖަލްސާއެއްގައި ސޮއިކުރި ސާކިއުލާ ރެޒޮލިއުޝަނަކުންނެވެ. އެ ސާކިއުލާ ރެޒޮލިއުޝަންގައި، ނުވަ މެމްބަރުން ހިމެނޭ އެމްޓީޑީސީގެ ބޯޑު މެމްބަރުންގެ ތެރެއިން ހަ މެމްބަރުން ސޮއިކުރައްވައިފައިވެ އެވެ.


އެމްޓީޑީސީގެ ޗެއާމަންކަމުން ބަންދު ސަލީމު ވަކިކުރުމަށް ބޯޑުން ނިންމައިފައިވާ ކަންކަމުގެ ތެރޭގައި އެ ކުންފުނީގެ ކަންކަމަށް އެންމެ އެކަށީގެންވާ ގޮތެއްގައި ބަންދު ސަލީމު ހިއްސާ ނުދެއްވައި، އެހެން ކަންކަމަށް އިސްކަންދީ، ބޯޑުގެ އަހަރީ އާންމު ޖަލްސާގެ ކަންތައް ހަމަނުޖައްސައި ދިގުލުން ހިމެނެ އެވެ.


ސަރުކާރާއި ރައްޔިތުންގެ ހިއްސާވާ އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ނުވަ މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުންނަކީ ސަރުކާރުން އައްޔަންކުރާ މެމްބަރުންނެވެ. އޭގެ ތެރެއިން ޗެއާމަން ހޮވާފައި ވަނީ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ ވޯޓަކުންނެވެ.


ރޭގެ ބައްދަލުވުމުގައި ސަރުކާރުގެ އެއް ހިއްސާދާރާއި އަމިއްލަ ފަސް ހިއްސާދާރުންނާއި ކޮމްޕެނީ ސެކްރެޓަރީ ވަނީ ބައިވެރިވެފަ އެވެ.


މިކަމާ ގުޅިގެން ބަންދު ސަލީމު ވިދާޅުވީ މިވަގުތު އިންނެވީ އެއާޕޯޓްސް ކޮމްޕެނީގެ ބައްދަލުވުމެއްގައި ކަމަށާއި ފަހުން ގުޅުއްވާނެ ކަމަށެވެ.


ނަމަވެސް އެމްޓީޑީސީން މިއަދު މެންދުރު ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ ޗެއާމަންކަމުން ބަންދު ވަކިނުކުރާ ކަމަށާއި 2009 ޖުލައި 16 އިން ފެށިގެން މިހާތަނަށް ޑިރެކްޓަރުންގެ ބޯޑަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ.