ޔޫރޮޕުގެ ބޮޑެތި ގިނަ ކުލަބުތަކަކުން ފާރަވެރިވަމުން އައި ޖަރުމަނުގެ އާރްބީ ލިޕްޒިގަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް ޓިމޯ ވާނާ އެންމެ ފަހުން ޗެލްސީއަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.

ވާނާ ހޯދަން މީގެ ކުރިން އިންޓަމިލާނާއި ބާސެލޯނާއިން ވަނީ މަސައްކަތްކޮށްފަ އެވެ. އެކަމަކު އޭރު ވާނާގެ އޭޖެންޓް ވަނީ އޭނާ ބޭނުންވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުމަށް ކަމަށް ބުނެފަ އެވެ. ފަހުން މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީންވެސް ވާނާއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އޭރު އޭނާ ބަދަލުވުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ލިވަޕޫލަށް ކަމަށް ދޭހަވާ ގޮތަށްވެސް އޭޖެންޓް ޖަރުމަނު މީޑިއާގައި ވާހަކަ ދެއްކި އެވެ.

ނަމަވެސް ވާނާގެ ސޮއި ޗެލްސީއިން 47.5 މިލިއަން ޕައުންޑުގެ އަގަކަށް ހޯދައި އެކުލަބަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް ޗެލްސީއިން މިއަދު ވަނީ އިއުލާން ކޮށްފަ އެވެ. ޗެލްސީއިން މިއަދު ހާމަ ކުރި ހޮތުގައި ވާނާ ފަސް އަހަރުގެ ދުވަހުގެ މުއްދަތަށް އެކުލަބަށް ބަދަލުވާން ނިންމައިފައިވާ އިރު، އެ ކްލަބުން އޭނާ އަށް ހަފްތާއަކު 170،000 ޕައުންޑްގެ މުސާރަ އެއް ދޭން ވަނީ ނިންމާފަ އެވެ.

ވާނާ 24 އަނގަބަހުން ޗެލްސީއާ ގުޅޭނެ ކަން އިއުލާން ކުރި އިރު އޭނާ ރަސްމީކޮށް އެކުލަބާއި ގުޅޭނީ މިހާރު ކުރިއަށްދާ 2019-2020 ވަނަ ސީޒަން ނިމުމުން އަންނަ މަހުންނެވެ. އެހެން ކަމުން އަންނަ އޮގަސްޓް މަހު ލިޕްޒިގުން ކުޅޭ ޗެމްޕިއަންސް ލީގުގެ މެޗުތަކުގައި ވާނާއަށް ނުކުޅެވޭނެ އެވެ.

ޖަރުމަންގެ ވީއެފްބީ ސްޓުޓްގާޓުން 2016 ވަނަ އަހަރު ލައިޕްޒިގްއަށް ބަދަލުވި ވާނާ ވަނީ، މި ސީޒަނުގައި މިހާތަނަށް 40 މެޗުން 32 ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން 26 ގޯލަކީ މި ފަހަރު ލީގުގައި ޖެހި ގޯލުގެ އަދަދެވެ. މިއީ ވާނާގެ ކެރިއަރުގައި މިހާތަނަށް އޭނާ އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ސީޒަނެވެ.

"ޗެލްސީ ފަދަ ބޮޑު ތާރީހެއް އޮތް ކުލަބަކާއި ގުޅެން ފުރުސަތު ލިބުމަކީ ލިބުނު ބޮޑު އުފަލެއް. އަންނަ ސީޒަނުގައި ޗެލްސީގެ މެނޭޖަރާއި، ސަޕޯޓަރުންނާ އެކު މަސައްކަތް ކުރުމަށް މިހުރީ ތައްޔާރަށް." ވާނާ މިއަދު ޓްވިޓާ މެދުވެރިކޮށް ޕޯސްޓް ކުރި ވީޑިއޯ މެސެޖެއްގައި ބުނެފައިވެ އެވެ.