18 Jun 2020, 17:05
ކޮވިޑް19 އިން ދިވެހިންނަށް ދަސްވި ފިލާވަޅެއް ފެންނަން ނެތް ކަމަށް ބުނެ، ބައެއް މީހުންގެ އަމަލުތަކަށް މާލެ ސިޓީގެ މޭޔަރު ސިފާ މުހައްމަދު ފާޑުވިދާޅުވެއްޖެ އެވެ.
މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވް މީހަކު ފެނުމާ ގުޅިގެން މާލެ ސިޓީ އެއްކޮށް ފުރަބަންދުކުރިއެވެ. އަދި ފުރަބަންދުގައި ދޮޅުމަހެއްހާ ދުވަސް ހޭދަކުރުމަށް ފަހު، ބަލި ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވެފައިވާތީ، ފުރަބަންދަށް ވަނީ ލުއި ދީފައެވެ.
އެގޮތުން ކޮންމެ ދުވަހަކު ފަތިހު 5:00އިން ރޭގަނޑު 10:00އަށް ހުއްދައަކާ ނުލައި ބޭރު ތެރޭގައި އުޅެވޭނެ ގޮތް ވަނީ ހަދައިފައެވެ. އެހެން ނަމަވެސް އަދިވެސް ތިން މީހުންނަށް ވުރެ ގިނަ މީހުން އެކުގައި އުޅުން ވަނީ މަނާކޮށްފައެވެ.
ލުއިތަކާ އެކު، އެޗްޕީއޭގެ އިރުޝާދުތަކަށް ނުބަލައި، މާލެ ތެރޭގައި މީހުން ގްރޫޕު ހަދާފައި އުޅޭ މަންޒަރު އަންނަނީ ފެންނަމުންނެވެ.
އެގޮތަށް މީހުން އެއްވެފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ޓުވީޓުކުރައްވައި މޭޔަރު ޝިފާ ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.
"ކޮވިޑްގެ ސަބަބުން އަޅުގަނޑުމެންނަށް އެއްވެސް ފިލާވަޅެއް ދަސްވި ކަމަކަށް ފެންނާކަށް ނެތް،" މޭޔަރު ވިދާޅުވިއެވެ.
ލުއިތައް ދިނުމާއެކު، މީހުން މާބޮޑަށް ހަރަކާތްތެރިވެ އުޅޭނަމަ، ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެ އަލުން ފުރަބަންދަށް ދާންޖެހިދާނެ ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާރު ކޭސްތަކާ ގުޅުން ނެތް މީހުން ބައްޔަށް ޕޮޒިޓިވްވާ މިންވަރު އިތުރުވަމުން އަންނަ ކަމަށާއި، އެއީ ކޮމިއުނިޓީ ސްޕްރެޑް އިތުރުވުމުގެ އަލާމާތެއް ކަމަށެވެ.
ނަމަވެސް ކޮމިއުނިޓީ ސްޕްރެޑް އިތުރުވާ ކަމަށް ނިންމޭނީ ގުޅުން ނެތް ކޭސްތަކާ އެކު، ބަލި ޖެހޭ މީހުންގެ އަދަދު ވެސް އިތުރުވާނަމަ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އެހެން ނަމަވެސް ފުރަބަންދަށް ލުއި ދިން ފަހުން، ބަލިޖެހޭ މީހުންގެ އަދަދު އަދި އިތުރެއް ނުވެއެވެ.