ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން އަލުން ހުޅުވާލުމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ގައިޑްލައިނަށް ބައެއް ބަދަލުތައް ގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ގައިޑްލައިނަށް ބަދަލުތަކެއް ގެންނަން ނިންމަވާފައި ވަނީ މިއަދު ކުރިއަށް ދިޔަ، ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީގެ ދެވަނަ ބައްދަލުވުމުގައި އެ ގައިޑްލައިނާ ގުޅޭގޮތުން ޓާސްކްފޯސްގެ ބައިވެރިންނާއި މަޝްވަރާކުރެއްވުމަށްފަހު އެވެ.

ރައީސް އޮފީހުން ބުނީ މިއަދު މެންދުރު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ގައިޑްލައިނާ ގުޅޭގޮތުން މަޝްވަރާކުރައްވަން ފެއްޓެވުމުގެ ކުރިން، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ރާއްޖޭގެ ބޯޑަރުތައް އަންނަ މަހުގެ ތެރޭގައި ހުޅުވާލާއިރު އެކަމުގައި ސަރުކާރުން ވިސްނުންގެންގުޅުއްވާ ގޮތް ބައްދަލުވުމުގެ ބައިވެރިންނަށް ރައީސް ހިއްސާކުރެއްވި އެވެ.

އެއަށްފަހު ރައީސް ވަނީ ގައިޑްލައިންގައި ހުރި ބައެއް މާއްދާތަކާމެދު ޓާސްކްފޯހުގެ މެންބަރުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާފަ އެވެ.

އެގޮތުން އެ ބައްދަލުވުމުގައި ޓާސްކްފޯހުގެ މެންބަރުން ހިޔާލު ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިން ރާއްޖެ އަންނައިރު އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވާ މާއްދާތަކާއި، ފަތުރުވެރިން ކޮވިޑް-19 އަށް ޓެސްޓުހެދުމާއި، އައިސޮލޭޓް ކުރުމާއި ގުޅޭގޮތުން ހުރި ބައެއް މާއްދާތަކާއި އަދި ރިސޯޓްތަކަށް ދަތުރުކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކޮށްފައިވާ މާއްދާތަކުގައި ހުރި ކަންކަން ހިމެނެ އެވެ.

މީގެ އިތުރުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު ދިވެހި ރައްޔިތުންނާއި، ފަތުރުވެރިންނާއި އަދި ރާއްޖޭގައި އުޅޭ ހުރިހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމާއި ބެހޭގޮތުން މި ބައްދަލުވުމުގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޓާސްކްފޯހުގެ ބައިވެރިންގެ ހިޔާލުފުޅުތަކާއެކު ބައެއް މާއްދާތަކަށް ބަދަލުތަކެއް ގެންނެވުމަށް ނިންމަވާފަ،" ރައީސް އޮފީހުން ބުންޏެވެ.

ނަމަވެސް އެއީ ކޮން ބަދަލުތަކެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީގެ މައިގަނޑު މަގުސަދަކީ ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ހާލަތުން، އިގްތިސާދީ ގޮތުން އަވަސް ރިކަވަރީ އަކަށް ވާސިލުވެ، އަދި އިގްތިސާދީ ދުވެލި އާރާސްތުކުރުމަށް ކަމާގުޅޭ ހުރިހާ ދާއިރާތަކެއްގެ ބައިވެރިވުމާ، ހިޔާލާ، މަޝްވަރާގެ މަތިން، ކުރާނެ ކަންކަން ރާވައި ހިންގުމާ އަދި އެ ކަންކަމަށް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ.

ނެޝަނަލް ޓާސްކްފޯސް ހިނގަމުންދާނީ ރައީސްގެ ބެއްލެވުމުގެ ދަށުންނެވެ. އަދި ޓާސްކްފޯހުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ތިން މަސައްކަތު ގްރޫޕަކަށް ބަހާލައިގެންނެވެ. އެ ތިން މަސައްކަތު ގުރޫޕަކީ، ވޯކިންގް ގްރޫޕް އޮން ފައިނޭންސް، ވޯކިންގް ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ އަދި ވޯކިންގް ގްރޫޕް އޮން ސޯޝަލް ސެކްޓާ އެވެ.