18 Jun 2020, 15:07
ލ. ގަމުން ގޯތި ހޯދުމަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި އަމަލުކޮށްފައިވާ ގޮތާއި، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދަށް އެރަށުން ގޯއްޗެއް ލިބުނު ގޮތް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އޭސީސީން ބަލަމުން އަންނަނީ ގޯތި ދިނުމުގައި ކައުންސިލުން އަމަލުކޮށްފައިވާ މައްސަލަ ކަމަށާއި، އޭގެ ތެރޭގައި މެމްބަރު ޖީހާނަށް ގޯތި ލިބުނު މައްސަލަ ވެސް ބަލަމުން އަންނަ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އޭސީސީން އެ މައްސަލަ ބަލަން ނިންމީ، މީޑިއާތަކުގައި ތިލަވެފައިވާ މައުލޫމާތުތަކުގެ މައްޗަށް، ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް ކަމަށެވެ.
ޖީހާނަށް ގަމުން ގޯއްޗެއް ލިބުނު މައްސަލަ ބޮޑުވެ އެންމެ ފަހުން، ޖީހާން ވަނީ އެ ގޯތި ދޫކޮށްލައްވައިފަ އެވެ.
ޖީހާނަށް ގަމުން ގޯތި ލިބުނު ގޮތާމެދު ސުވާލު އުފެދުނީ ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުޅުވާލިއިރު، ގައުމުގައި ދިރިއުޅޭ މީހުންނާ ޕޮއިންޓް ދޭ ބައިން ޖީހާނަށް 10 ޕޮއިންޓް ލިބިވަޑައިގެންފައިވާތީ އެވެ.
އެ މައްސަލައިގައި ގަމު ކައުންސިލުން ބުނެފައި ވަނީ ޖީހާން ހުށަހެޅުއްވި ފޯމަށް ޕޮއިންޓް ދީފައި ވާނީ ރަނގަޅަށް ކަމަށެވެ.
ޖީހާންގެ ފޯމު އިވެލުއޭޓް ކުރުމަށްފަހު، ޕޮއިންޓް ދިނުމުގައި ބަލާފައިވާ ކަންތައްތަކުގެ ތެރެއިން ގަމުގައި ދިރިއުޅޭ މީހުންނަށް ދިނުމަށް ކަނޑައަޅާފައިވާ 10 ޕޮއިންޓް ދިނުމުގައި އަމަލުކޮށްފައިވާނީ އެ ކައުންސިލްގެ ގޯތި އިވެލުއޭޓް ކުރާ ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ކަމަށެވެ.
އެ މިންގަނޑު ކަމުގައި ކައުންސިލުން ބުނެފައި ވަނީ، ރަށުން ބޭރު މީހެއް ނަމަވެސް، ގޯއްޗަށް އެދުނު މީހާ ރަށުގެ ރަށްވެއްސަކާ ކައިވެނިކޮށްގެން އުޅުމާއި ދެމަފިރިންގެ ދަރިން ގަމުގައި ރަށްވެހިވެފައިވުމެވެ.
"މިފަދަ މީހުން ރަށުން ބޭރުގައި ދިރިއުޅެމުން ދިޔަ ނަމަވެސް، ގަމުގައި ދިރިއުޅޭ ނަމަ ދިނުމަށް ކަނޑައަޅާފައިިވާ 10 ޕޮއިންޓް އެމީހަކަށް ދިނުމަށެވެ. މި އުސޫލަށް ފެތޭގޮތަށް ހުރި ހުރިހާ ފަރާތްތަކަށް ދޭންޖެހޭ ޕޮއިންޓް ވާނީ ދެވިފައެވެ." ކައުންސިލްގެ ބަޔާނުގައިވެ އެވެ.
ކައުންސިލުން ބުނީ ޖީހާނަށް ވެސް ޕޮއިންޓް ދިނުމުގައި ބަލާފައި ވާނީ އެ މިންގަނޑަށް ކަމަށެވެ. ޖީހާނަށް ގަމުން ގޯއްޗެއް ލިބިވަޑައިގެންނެވި އިރު، ޖީހާންގެ ފިރިކަލުންނަކީ ގަމު ރަށްވެއްސެކެވެ. އަދި ދެމަފިރިންްގެ ދެކުދިންގެ ރަޖިސްޓްރީ ވެސް އޮތީ ގަމުގަ އެވެ.
ނަމަވެސް ޕޮއިންޓް ދިނުމުގެ އުސޫލު އާންމުކުރި އިރު ބުނެފައި ވަނީ، ގަމުގައި ދިރިއުޅޭ މީހުން ކަމުގައި ބަލާނީ އެ ރަށުގައި ވަޒީފާ އަދާކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި ވުމާއި، ދަރިންނަށް ކިޔަވައިދޭން ގަމުގައި ދިރިއުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވުމާއި ގަމު މީހަކާ ކައިވެނިކޮށް ގަމުގައި ދިރިއުޅޭ މީހުންނެވެ.
އެހެންކަމުން ގަމު ކައުންސިލުން ގޯތި ދީފައި ވަނީ އެންމެ ފުރަތަމަ އިއުލާނުކުރި އުސޫލާ އެއްގޮތަކަށް ނޫނެވެ. ޖީހާންއަށް 71 ޕޮއިންޓް ލިބިވަޑައިގެންނެވި އިރު، ރަށުގައި ދިރިއުޅޭތީ ކަމަށް ބުނެ ލިބިވަޑައިގެންނެވި 10 ޕޮއިންޓް އުނިކޮށްފި ނަމަ ލިބޭނީ 61 ޕޮއިންޓެވެ.
ގަމުން ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓުގައި، ގޯތި ލިބޭކަމަށް އޮތް 400 މީހުންގެ ތެރެއިން އެންމެ ދަށުން ލިބިފައިވާ މާކްސްއަކީ 67 އެވެ. އެހެންކަމުން ޖީހާންއަށް ނުހައްގުން ދީފައިވާ 10 ޕޮއިންޓް އުނިކޮށް، 61 ޕޮއިންޓު ލިބޭނަމަ އޭނާއަށް ގޯތި ލިބޭ ވަރަށް މާކްސް ލިބިވަޑައެއް ނުގަންނަވާނެ އެވެ.
ގަމުން ގޯތި ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި، ގޯއްޗަށް އެދި 1،400 އެއްހައި މީހުން ވަނީ ފޯމް ހުށައަޅާފަ އެވެ. ނަމަވެސް މި ބުރުގައި އެރަށުން ދޫކޮށްފައިވަނީ 400 ގޯއްޗެވެ.
ގަމުން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2007 ވަނަ އަހަރު އެވެ.