18 Jun 2020, 14:40
ވޮޝިންޓަން (ޖޫން 18): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް އިންތިހާބުވާން ކުރައްވާ މަސައްކަތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ އެހީއަށް އެދިވަޑައިގަތް ކަމަށް އެމެރިކާގެ ކުރީގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރުކަން އެޕްރިލް 2018 އިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހަށް ކުރެއްވި ބޯލްޓަން ލިޔުއްވާފައިވާ ފޮތެއްގައިވާ ގޮތުން ޓްރަމްޕް، ޝީގެ އެހީއަށް އެދިލެއްވީ މިދިޔަ އަހަރުގެ ޖޫން މަހު ޖަޕާނުގައި ބޭއްވި ޖީ20 ސަމިޓުގަ އެވެ. އަދި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ދަނޑުވެރިންގެ ވޯޓުގެ މުހިއްމުކަން ފާހަގަ ކުރައްވާ، ޗައިނާއިން އެގައުމުގެ ދަނޑުވެރިންގެ އުފެއްދުންތައް ގަންނަ މިންވަރު އިތުރު ކުރުމަށް އެދިލެއްވި އެވެ.
"އެބޭފުޅުން ދައްކަވަމުން ދިޔަ ވާހަކަތަކުގެ ތެރެއިން ޓްރަމްޕް އެމެރިކާގެ [މިއަހަރުގެ] ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ވާހަކަ ދައްކަވަން ފެއްޓެވި، އަދި ޗައިނާގެ އިގުތިސާދީ ގާބިލުކަން ފާހަގަ ކުރައްވާ، ޓްރަމްޕް އަލުން އިންތިހާބު ވާނެކަން ކަށަވަރު ކޮށްދެއްވުމަށް ޝީގެ ގާތުގައި އާދޭސް ކުރެއްވި. އަދި އެ އިންތިހާބުގައި ދަނޑުވެރިންގެ މުހިއްމުކަމާއި ޗައިނާއިން އެމެރިކާގެ ސޯއިބީންސް އާއި ގޮދަން ގަންނަ މިންވަރު އިތުރު ކުރުމުގެ މުހިއްމުކަން ފާހަގަ ކުރެއްވި،" ބޯލްޓަންގެ ފޮތުގައިވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ ޖީ20 ސަމިޓުގައި ބައްދަލު ކުރައްވާފަ -- ފޮޓޯ: ރޮއިޓާސް
ނަމަވެސް އެމެރިކާގެ ޓްރޭޑް ރެޕްރެންޒެންޓޭޓިވް ރޮބަޓް ލައިތައިޒާ ވަނީ އެއީ ހަގީގަތެއް ނޫން ކަމަށާއި، ޝީގެ އެހީއަށް ޓްރަމްޕް އެދިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
ބޯލްޓަންގެ ފޮތް "ދަ ރޫމް ވެއާ އިޓް ހެޕަންޑް: ވައިޓް ހައުސް މެމޮއާ" ނެރެން ހަމަޖެހިފައި ވަނީ އަންނަ އަންގާރައިގަ އެވެ. ނަމަވެސް ޓްރަމްޕްގެ ސަރުކާރުން ވަނީ އެ ފޮތުގައި ގައުމީ ސަލާމަތާ ގުޅުން ހުރި ސިއްރު މައުލޫމާތު ހިމެނޭ ކަމަށް ބުނެ، އެ ފޮތް ނެރުން ހުއްޓުވުމަށް ކޯޓުގައި އެދިފަ އެވެ.
ބޯލްޓަން ވިދާޅުވާ ގޮތުގައި އޭނާ ގައުމީ ސަލާމަތާ ބެހޭ މުޝީރުކަމުން އިސްތިއުފާ ދެއްވީ އެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވި ގޮތުގައި އުތުރު ކޮރެއާ، އީރާން، ޔޫކްރެއިން އަދި ތާލިބާނާ ބެހޭ ގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ބެހޭ ގޮތުން ދެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތު ވުމުން، އޭނާ މަގާމުން ދުރު ކުރެއްވީ އެވެ.