ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގައި ކިޔަވައިދެމުންދާ ބިދޭސީ ޓީޗަރުން އެނބުރި ގައުމަށް ގޮސް ބައެއް ޓީޗަރުން ނަޔަސް އޮންލައިންކޮށް ކްލާސްތައް ނަގައިދޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ރޭ ރާއްޖެ ޓީވީން ކޮވިޑާ ގުޅޭ ގޮތުން ގެނެސްދިން ހާއްސަ ކަވަރޭޖް ޕްރޮގްރާމްގައި އިއްޒުއްދީން ސްކޫލް ޕްރޮގްރާމްގައި ކުޅުދުއްފުށީ ސިޓީގައި ހުންނަ އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ ބިދޭސީ ޓީޗަރުން އެނބުރި ރާއްޖެ އަންނަން ބޭނުން ނުވާ ކަމަށެވެ.

" އަޅުގަނޑުމެން އެބަ ގެންގުޅެން އެބަ 11 ބިދޭސީ މުވައްޒަފުން. އެއްވެސް ބޭފުޅަކު ވަޑައިގަންނަވާކަށް ބޭނުންފުޅެއް ނުވި އިނގޭތޯ." ނާސިހާ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ނިންމާފައިވަނީ އަންނަ މަހު އެކަކުން ފެށިގެން ކޮވިޑް ނެތް ރަށްތަކުގައި ސްކޫލްތައް އަލުން ފަށާށެވެ. ނަމަވެސް މާލޭގައި ސްކޫލްތައް އަލުން ހުޅުވާލަނީ ގްރޭޑް ނުވަޔަކުން މަތީގެ ދަރިވަރުންނަށެވެ.

" މިނިސްޓްރީން މިހާރު ނިންމާފައި އޮތީ ކިޔަވައިދިނުން ކުރިއަށް ގެންދާއިރު ޓީޗަރުންނަށް އޮންލައިންކޮށް ކްލާސްތައް ގެންދަން ފްލެކްސިބިލިޓީ ދޭން. އަދި ކަރަންޓީނުގައި ތިބޭ ޓީޗަރުންނާއި ދަރިވަރުންނަށްވެސް އޮންލައިންކޮށް ކްލާސްތަކުގައި ބައިވެރިވެވޭނެ. އެހެންވީމާ ރާއްޖެއިން ބޭރުގައި ތިބޭ ޓީޗަރުންނަށްވެސް އެ ފުރުސަތު އޮންނާނެ" އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އަލުން ސްކޫލްތައް ކިޔަވަން ފަށަން ނިންމާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅައިގެންނެވެ. އެގޮތުން ގަވައިދުން ސްކޫލްތައް ޑިސްއިންފެކްޓްކޮށް ދަރިވަރުންނަށް އަތް ދޮވެވޭނެ ގޮތް ހަދައި މާސްކު އެޅުމުގެ އިތުރުން ދަރިވަރުން ސްކޫލަށް ވަނުމުގެ ކުރިން ހުން ހުރިތޯވެސް ބެލުމަށް ވަނީ ނިންމައިފަ އެވެ.