ބޭސްފުޅިއަކާ އެކު، ކުޑަ ފޮށްޓެއްގެ ތެރޭގައި މާފުށީ ޖަލަށް ވައްދަން އުޅުނު ތިން އިންޗީގެ ކުޑަ ފޯނެއް އަތުލައިފި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކި އެކި ގޮތްގޮތުން ޖަލަށް މަނާ އެއްޗެހި ވެއްދުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް ޖަލު އޮފިސަރުން ވެސް އެކި ވަސީލަތްތަކުގެ ބޭނުންހިފަމުން އަންނަ ކަމަށެވެ.

ހަމައެއާއެކު ޓެކްނޮލޮޖީ ފުޅާވަމުން އަންނަ ވަރަކަށް މޮބައިލް ފޯނު ފަދަ ތަކެތީގެ ސައިޒު ކުޑަވަމުން އަންނަ ކަމަށެވެ.

"މިއަދު މާފުށީ ޖަލު އޮފިސަރުން ވަނީ ތިން އިންޗީގެ ކުޑަ މޮބައިލް ފޯނެއް އަތުލައިފައި،" ކޮމިޝަނަރު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ކޮމިޝަނަރު ވިދާޅުވީ އެންމެ ގިނައިން ޖަލަށް އެއްޗެހި ވައްދަނީ ޖަލުގައި ތިބޭ މީހުންނަށް ޒިޔާރަތްކުރަން އަންނަ މީހުން މެދުވެރިކޮށްގެންނާއި، ޖަލުގެ ފެންސް މަތިން އެތެރެއަށް އެއްލައިގެން ކަމަށެވެ.

ހަމައެއާއެކު ބައެއް ފަހަރު ޖަލު އޮފިސަރުން ވެސް އެކަމުގައި ބައިވެރިވާ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

ނަމަވެސް ފާއިތުވި މަަސްތަކުގައި ޖަލަށް އެއްޗެހި ވެއްދުމަށް ކުރި ގިނަ މަސައްކަތްތަކެއް އޮފިސަރުން ނާކާމިޔާބުކޮށްލާފައިވާކަން ވެސް ކޮމިޝަނަރު ފާހަގަކުރެއްވި އެވެ.

އެގޮތުން މިދިޔަ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު ޖަލުގެ ހުޅަނގު ސްޓާފް ބަދިގެއާ ދިމާލުން، އުތުރު ޖެޓީ ފެންސް ކައިރިން ވެސް ވަނީ ގިނަ އަދަދެއްގެ ޖަލަށް ވެއްދުން މަނާތަކެތި ހޯދައިފަ އެވެ.

އޭގެ ތެރޭގައި ތިން ސްމާޓް ފޯނާއި، 26 ނޮކިއާ ބައްތި ފޯނާއި، ޑޭޓާ ކޭބަލްތަކަކާއި، ހެޑްސެޓާއި ޗާޖަރު ފަދަ ތަކެތި ހިމެނެ އެވެ. އެ ތަކެތި ޖަލަށް ވައްދަން މަސައްކަތްކޮށްފައި ވަނީ ޖޫސް ޕެކެޓުތަކެއްގެ ތެރޭގައި ފޮރުވައިގެންނެވެ.

ހަމައެއާއެކު ފެބުރުއަރީ 24 ވަނަ ދުވަހުވެސް ނުވަ ސްމާޓް ފޯނާއި، 11 ނޮކިއާ ބައްތި ފޯނާއި 11 ބެޓެރި އާއި ސިމްކާޑު ތަކަކާއި ހެޑްސެޓާއި، ކޭބަލް އާއި ޗާޖަރުތަކެއް ވަނީ ޖަލުގެ ހުޅަނގު ސްޓާފް ބަދިގެއާ ދިމާލުން، އުތުރު ޖެޓީގެ ފެންސް ކައިރިން ހޯދައިފަ އެވެ.

އެތަކެތި ފޮރުވާފައި ހުރީ ލެކްނޯ ކިރު ޕެކެޓުތަކެއްގެ ތެރޭގަ އެވެ.