މިދިޔަ ބުދަ ދުވަހު ފާސްކުރި މަސްތުވާތަކެއްޗާ ބެހޭ ބިލް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފި އެވެ.

އެ ގާނޫނުގައި ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރުމާއި ޕެޑްލްކުރުމާއި ޓްރެފިކްކުރުން ހުއްޓުވުމާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން މަސްތުވާތަކެއްޗަށް ބޭނުންވާ މިންވަރު މަދުކުރުމަށް ޓަކައި ނުވަތަ ނައްތާލުމަށް ޓަކައި އެމީހުން ފަރުވާގެ ޚާއްޞަ ޕްރޮގްރާމްތަކެއްގެ ދަށުން ފަރުވާ ލިބިގަތުމަށް ބާރުއަޅައި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި މުޖުތަމަޢުގައި އެމީހުން ބައިވެރިވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއި މަސްތުވާތަކެއްޗާ ގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި އެނޫން ވެސް ކަމާ ގުޅޭ އުސޫލުތައް ކަނޑައެޅު ބާރު އެ ގާނޫނުން ލިބިދެ އެވެ.

އެ ޤާނޫނުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން، މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް މަދުކުރުމަށް މަސައްކަތްކުރުމާއި މަސްތުވާތަކެއްޗަށް އަލަށް ދެވިހިފާ މީހުން، އެހިސާބުން ފެށިގެން ފާހަގަކޮށް، އެމީހުންނަށް އެކަމުން އަވަހަށް ދުރަށް ދެވޭނެ ގޮތްތައް ހޯދައިދިނުމަށް މަސައްކަތްކޮށްދިނުން ހިމެނެ އެވެ.

އަދި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަކީ، މަސްތުވާތަކެތި ބޭނުންކުރަމުންދިޔުމުގެ ސަބަބުން ނަފްސާނީގޮތުން ނުވަތަ ޖިސްމާނީގޮތުން އޭގެ އަސަރަށް ލެނބި، އެއަށް ބަރޯސާކުރަންޖެހިފައިވާ ބައެއް ކަމުގައިވާތީ، އެމީހުންނަކީ ހަމައެކަނި ކުށްވެރިން ކަމުގައި ބެލުމުގެ ބަދަލުގައި، ފަރުވާވެސް ބޭނުންވާ މީހުން ކަމުގައި ޤަބޫލުކޮށްގެން، އެމީހުންނަށް ފަރުވާ ދިނުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން ވެސް ހިމެނެ އެވެ.

އެ ގާނޫނުގައި މަސްތުވާތަކެތި ޕެޑްލްކުރާ މީހުން މަސްތުވާތަކެއްޗަށް ބޭނުންވާ ނިސްބަތް ދެމެހެއްޓުމަށްޓަކައި މަސްތުވާތަކެތިން މުޢާމަލާތުކުރާ ކުރުން ހުއްޓުވުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވުމުގެ ސަބަބުން އެމީހުން ކުށަށް އަރައިގަންނަ ނިސްބަތް މަދުކުރުމާއި މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމަށްޓަކައި އެކަން ކުރާ މީހުން ފާހަގަކޮށް، ޓްރެފިކްކުރުމުގެ ވިޔަފާރިއަށް ހުރަސްތައް ކުރިމަތިކުރުމަށްޓަކައި ޓްރެފިކްކުރާ މީހުން އެކަން ކުރުމުގައި ގެންގުޅޭ އުސޫލުތަކަށް ހުރަސްއެޅުމާއި އެ މީހުންނަށް ސީދާ އަމާޒުވާ ގޮތަށް އެކިއެކި ފިޔަވަޅުތައް އެޅުން ވެސް ހިމެނެ އެވެ.

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ކުރާ ކުށުގެ މައްސަލަތައް ބަލައި، މަސްތުވާތަކެއްޗަށް އެމީހުން ބޭނުންވާ މިންވަރު މަދުކުރުމަށްޓަކައި ނުވަތަ ނައްތާލުމަށް ޓަކައި އެމީހުން ފަރުވާގެ ޚާއްޞަ ޕްރޮގްރާމްތަކެއްގައި ބައިވެރިކުރުވައި، ފަރުވާ ލިބިގަތުން ލާޒިމުކޮށް، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އެމީހުން މުޖުތަމަޢުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅާކުރުމަށްޓަކައި ޚާއްޞަ ކޯޓެއް ޤާއިމުކުރުން ވެސް ގާނޫނުގައިވެ އެވެ.

ރައީސް އޮފީހުން ބުނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ކަމަށެވެ. އަދި މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި "ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކައުންސިލެއް އުފައްދަންވާނެ ކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

އެ ބިލްގެ އިތުރަށް ރައީސް މިއަދު ވަނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ބިލް ވެސް ތަޞްދީޤު ކުރައްވައިފަ އެވެ.

ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނަކީ، ދިވެހި ދައުލަތުގެ ރަސްމީ ރިކޯޑުތަކުގެ ތެރެއިން އަރުޝީފީ އަގު ހުރިކަމުގައި، ޤައުމީ އަރުޝީފު އޮފީހުން ކަނޑައަޅާ ރިކޯޑުތަކެވެ. އެ ޤާނޫނުގައިވާ ގޮތުން، ދިވެހި ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މަޢުލޫމާތު މި ޤާނޫނުގައިވާ ގޮތުގެމަތިން ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެ ތަކެތި ބެލެހެއްޓުން ޙަވާލުވެފައިވާ ކޮންމެ މީހެއްގެ ވާޖިބެކެވެ. އަދި ދިވެހި ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މަޢުލޫމާތު ބަލަހައްޓަންވާނީ މި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަމަށާއި، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ ދިވެހި ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މަޢުލޫމާތު ނައްތާލައިގެންނުވާނެ ކަމަށްވެސް މި ޤާނޫނުގައި ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، "ޤައުމީ އަރުޝީފު"ގެ ނަމުގައި ދައުލަތުގެ މުއައްސަސާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެކަމަށް މި ޤާނޫނުގައި ބުނެފައިވެއެވެ. ޤައުމީ އަރުޝީފަކީ އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނޫނީ ޝަޚްޞެކެވެ.

ދިވެހިރާއްޖޭގެ ތާރީޚީ އަދި ޤަދީމީ ލިޔެކިޔުންތަކުގެ ތެރެއިން މި ޤާނޫނު ފާސްވާއިރު ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެންމެހައި ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މަޢުލޫމާތު، ޤައުމީ އަރުޝީފުން ރައްކާތެރިކޮށް ބަލަހައްޓަންވާނެ ކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.