18 Jun 2020, 12:09
އެންމެ ފަހުގެ 100 މީޓަރު ދުވުމުން އެއްވަނަ ހޯދި ދުނިޔޭގައި މިވަގުތު ހުރި އެންމެ ބާރު އެއް ދުވުންތެރިޔާ ކްރިސްޓިއަން ކޯލްމަން ސަސްޕެންޑް ކުރުމަށް ކުޅިވަރުތަކުގައި މަނާ ބޭސް ބޭނުންކުރުމާ ބެހޭ ވޯލްޑް އެންޓި ޑޯޕިން އޭޖެންސީގެ މައި އިދާރާ އެތުލެޓިކްސް އިންޓެގްރިޓީ ޔުނިޓުން ނިންމައިފި އެވެ.
ކޯލްމަން، 24 ސަސްޕެންޑް ކުރަން ނިންމާފައިވާކަން އެތުލެޓިކްސް އިންޓެގްރިޓީ ޔުނިޓުން އިއްޔެ އިއުލާން ކުރީ ވޭތުވެ ދިޔަ 12 މަސް ދުވަހުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ޑްރަގް ޓެސްޓް ނަގާފައިވާ ނުވާ މައްސަލައިގަ އެވެ. ފަހަކަށް އައިސް އެތުލީޓުން މަނާ ބޭސް ބޭނުން ކުރުމުގެ މައްސަލަ ބޮޑުވެފައިވާ އިރު ޕްރޮފެޝަނަލް އެތުލީޓުން ގަވާއިދުން ޑްރަގް ޓެސްޓް ނަގަން ޖެހޭނެ އެވެ.
އަދި އެކަމަށް މަކަރު ހަދާ އެތުލީޓުންނާއި، އެސޯސިއޭޝަންތަކަށް ހަރުކަށި އަދަބު ދޭން ފަށާފައިވާ އިރު ކޯލްމަން މިދިޔަ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ޓެސްޓް ނުނަގާކަން ވަނީ ހާމަވެފަ އެވެ. އަދި މި މައްސަލައިގައި އޭނާ ދެ އަހަރަށް ސަސްޕެންޑް ކުރަން އެތުލެޓިކްސް އިންޓެގްރިޓީ ޔުނިޓުން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ.
ރިޕޯޓްތަކުން ބުނާ ގޮތުގައި ކޯލްމަން މިދިޔަ އަހަރުގެ ފުރަތަމަ މަހާއި، އޭޕްރީލް އަދި ޑިސެމްބަރު މަހުގެ ޓެސްޓް ނަގާފައެއް ނުވެ އެވެ. އެކަމާ ވިދިގެން އޭނާއަށް އަދަބު ދޭން ނިންމާފައިވާ އިރު އަންނަ އަހަރު އޮންނަ ޓޯކްޔޯ އޮލިމްޕިކުގައި ވެސް އޭނާއަށް ބައިވެރިވެވޭނެ ކަމާ މެދު މިހާރު ވަނީ ޝައްކު އުފެދިފަ އެވެ.
މި މައްސަލައިގައި ކޯލްމަން ވަނީ އޭނަގެ ދިފާއުގައި ވާހަކަތަކެއް ދައްކާފަ އެވެ. އެހެން ކަމުން އެ މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު ކޯލްމަން ބުނީ ޑްރަގް ޓެސްޓް ހެދުމަށް އޭނާގެ ގެޔަށް ކަމާ ބެހޭ އިދާރާއިން އައިސްފައިވަނީ އެއްވެސް ނޯޓިސްއެއް ނުދީ ކަމަށާއި، އެ އިދާރާއިން ކޯލްމަންގެ ގެޔަށް ޒިޔާރަތް ކުރި ވަގުތު އޭނާ އުޅުނީ ގެއިން ބޭރުގައި ކަމަށެވެ. އެހެން ކަމުން ޓެސްޓް ނުހެދުނީ ކަމަށާއި އޭނާއަށް އެ ފަރާތްތަކުން ޓެސްޓް ނަގަން އަންނާނެ ދުވަހެއް ކަނޑައެޅިގެން ނޭންގުނީ ކަމަށެވެ.
އެތުލެޓިކްސް އިންޓެގްރިޓީ ޔުނިޓުގެ ގަވާއިދުގައިވާ ގޮތުން އަހަރެެއްގެ މައްޗަށް ތިން ފަހަރެއް ވުރެން ގިނައި ޓެސްޓް ނުކޮށްފި ނަމަ އެއީ އަދަބު ދެވޭނެ ކުށެކެވެ. އެހެން ކަމުން ކޯލްމަންގެ މައްސަލައި ތަހުގީގުކޮށް ނިމެންދެން އޭނާއަށް އެއްވެސް ކުޅިވަރުގެ ހަރަކާތެއްގައި ބައިވެރިއެއް ނުވެވޭނެ އެވެ. އަދި އެ މައްސަލަ އޭނާގެ މައްޗަށް ސާބިތު ވެއްޖެ ނަމަ ބޮޑު ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހޭނެ އެވެ.
"އަހަރެން މީގެ ކުރިން ދުވަހަކުވެސް އަދި ކުރިއަށް އޮތްތާ ވެސް ޕާފޯމަންސް މަތި ކުރަން އެއްވެސް ޑްރަގެއް ބޭނުމެއް ނުކުރާނަން. އަދި ކޮންމެ ދުވަހެއްގައި ޓެސްޓް ހަދަން ޖެހުނަސް ހުންނާނީ ތައްޔާރަށް." ކޯލްމަންގެ ޓްވިޓާގައި އޭނާ ބުނެފައިވެ އެވެ.
ކޯލްމަންގެ މައްޗަށް ޑްރަގް ޓެސްޓަށް މަކަރު ހެދި ކަމުގެ ތުހުމަތު ކުރެވިފައިވާ އިރު އޭނާ ވަނީ މިދިޔަ އަހަރުގެ 100 މީޓަރު ދުވުމުން ދުނިޔޭގެ އެއްވަނަ ހޯދައިފަ އެވެ. ކޯލްމަންގެ ޕާސޮނަލް 100 މީޓަރުގެ ރެކޯޑަކީ 9.76 ސިކުންތެެވެ.