ޖުލައި މަހުގެ ފުރަތަމަ ދުވަހު ސްކޫލުތައް ހުޅުވާލަން ނިންމާފައިިވީ ނަމަވެސް، ކުދިން ސްކޫލަށް ފޮނުވަން ޖެހިލުންވާ ކަމަށާއި، ކުދިން ސްކޫލަށް ނުފޮނުވާނެ ކަމަށް ބައެއް ބެލެނިވެރިން ބުނަމުން އައި ނަމަވެސް، މަގުމަތިން ގިނައަދަދެއްގެ ކުޑަކުދިން ފެންނާތީ އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް އެކަމާ ސުވާލު އުފައްދަވައިފި އެވެ.

ޖުލައި 1 ގައި ސްކޫލްތައް ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމަައިފައެވެ. ނަމަވެސް އަދިވެސް މާލެއިން ބަލި ޖެހިފައިވާ މީހުން ކޮންމެ ދުވަހަކުވެސް ފެންނާތީ، ބައެއް ބެލެނިވެރިން އަންނަނީ ކުދިން ސްކޫލަށް ނުފޮނުވާނެ ކަމަށް ބުނަމުންނެވެ.

ކުދިން ސްކޫލަަށް ފޮނުވުމާ ގުޅޭގޮތުން ބެލެނިވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން ރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ ޖެހިލުން ވާންވީ ކުދިން ގެއިން ބޭރަށް ނެރުމަށް ކަމަށެވެ.

"އެކަމަކު އޭގެ އަނެއް ކޮޅުގައި މަގުމަތިން ފެންނަހާ ކުޑަކުދިންގެ ނަންބަރުތައް ވެސް ވަރަށް ގިނަ. އެހެންވީމަ އެއީ ކޮން ގޮތަކުން ބާއޭ އަޅުގަނޑު ހިތަށް އަރަނީ. ބިރު ގަންނަންޏާ ބިރު ގަންނާނެ ދެކޮޅުން ވެސް. ހަމައެކަނި ސްކޫލަށް ފޮނުވާކަށް ވެސް ނޫން. އޭގަ ގެއިން ބޭރަށް ނުކުތުމުގެ ހުރިހާ ހާލަތެއްގައި ވެސް އެކަމުގެ ޖެހިލުންވުން އޮންނާނެ،" ޑޮކްޓަރު ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ކުދިން ބޭރަށް ނެރޭއިރު ބެލެނިވެރިންގެ ހިތުގައި ޖެހިލުންވުން ނޯންނާނެ ކަމަށް އެއްގޮތަކަށް ވެސް ވިދާޅުނުވާ ކަމަށާއި އެހެން ނަމަވެސް ބޭރަށް ނެރޭ އިރު ވިސްނަންވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ މިންވަރަށް ކަމަށެވެ.

އެގޮތުން އަބަދުވެސް އަތް ސާފުކޮށް ބެހެއްޓުމަށް ކުދިންނަށް ހަނދާންކޮށްދީ، އެކަމުގެ މުހިންމުކަން ވިސްނައިދީ، ބޭރުތެރޭގައާއި ސްކޫލުގައި ވެސް އެހެން ކުދިންނާ ގައިދުރުކަން ބެހެއްޓުމަށް ނަސޭހަތްދިނުން ފަދަ ކަންކަން ބެލެނިވެރިންނަށް ކުރެވިދާނެ ކަމަށެވެ.

އަދި ރޯގާގެ އެއްވެސް އަސަރެއް ހުރި ނަމަ، ކުއްޖާ ސްކޫލަށް ނުފޮނުވުމަށާއި، މާސްކަ އަޅަންޖެހޭ ހާލަތުގައި މާސްކް އެޅުމަށް ވެސް ތަކުރާރުކޮށް އިލްތިމާސް ކުރެއްވިއެވެ.

"އަޅުގަނޑުމެން މިދޭ ވަރަށް ކުދިކުދި، ވަރަށް މުހިންމު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބަލައިގެން އެކަން ކޮށްފިކަމަށް ވާނަމަ، އިރާދަކުރެއްވިއްޔާ އެކުދިން ތިބޭނީ ރައްކާތެރިކޮށް،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. ވިދާޅުވީ އުމުރުން ފަސް އަހަރުން ދަށުގެ ކުޑަކުދިންނަކީ ގައިންގަޔަށް އަރާ ހުރިހާ ބަލިތަކެއްގައި ވެސް ރިސްކް ގްރޫޕުގެ ތެރެއަށް ލާފައި ތިބޭ ކުދިން ކަމަށާއި އެހެން ނަމަވެސް މިހާތަނަށް ރާއްޖެއާއި ދުނިޔެގެ ތަފާސްހިސާބުތަކަށް ބަލާއިރުވެސް، ކޮވިޑް19 ގެ ނުރައްކާތެރިކަން ބޮޑުވެފައި ވަނީ އުމުރުން ދުވަސްވީ މީހުންނާއި، ބައްޔެއްގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށި މީހުންކަން އެނގޭ ކަމަށެވެ.

ޑޮކްޓަރު ވިދާޅުވީ ލޮކްޑައުންގައި އޮތް މުއްދަތުގައި ވެސް އެންމެ ގިނައިން ބަލި ފެނިފައި ވަނީ އުމުރުން 18 އަހަރާ 40 އަހަރާ ދެމެދުގެ މީހުންގެ ގައިން ކަަމަށެވެ.

"އެއީ ކީއްވެގެން؟ އެއީ ގިނައިން ފިހާރައަށާ މިފަދަ ކަންކަމުގަ ބޭރަށް ނުކުމެ އުޅެނީ އެ އުމުރުފުރައިގެ މީހުން ކަމަށް ވާތީ،" ޑޮކްޓަރު ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވީ އެހެންކަމުން އެއްވެސް ވަރަކަށް ކުޑަކުދިން އެކަނި ބޭރަށް ދިޔަ ނުދީ، ބެލެނިވެރިންގެ ބެލުމުގެ ދަށުން، އެކުދިން ބޭރަށް ނުކުތުމަށް އޮންނަ ގަޑީގައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިގެން ކަސްރަތު ކޮށްލައި ހަދާނަމަ މިކަން ރަނގަޅަށް ކުރެވޭނެ ކަމަށެވެ. އަދި އަލުން އަނބުރާ ލޮކްޑައުން އަށް ދާން ނުޖެހޭނެ ކަމަށެވެ.

މިކަމާ ގުޅިގެން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ސްކޫލަށް ނުދާތީ، ކުދިންނަށް ބޭނުންވާ ވަރަށް ގިނަ ހުނަރުތަކަކުން ކުދިން މަހްރޫމް ވަމުން އަންނަ ކަމަށާއި އެހެންކަމުން އެކުދިން ސްކޫލަށް ދިއުން މުހިންމު ކަމަށެވެ.

"ސްކޫލުތައް ހުޅުވާއިރު، ސަލާމަތީ ފިޔަވަޅުތައް އެޅެން ހުރި ވަރަކަށް އަޅާ، އަދި އެޑިއުކޭޝަން މިނިސްޓަރު ވެސް ފާހަގަކުރެއްވި ގޮތަށް، ވީހާވެސް ރިސްކް ކުޑަކުރެވޭނެ ގޮތަކަށް މަސައްކަތް ފެށުން. ހަގީގަތުގައި ހަމަ މި ހުރިހާ ކަމެއްގައި ވެސް މި ކުރަނީ އެ މަސައްކަތް. ރިސްކް އެއްކޮށް އެލިމިނޭޓް ނުކުރެވޭނެ. ރިސްކް ކުޑަކުރެވޭނީ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ބެލެނިވެރިންގެ ކަންބޮޑުވުންތައް އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ގަބޫލުކުރެވޭ ކަމަށެވެ. އަދި އެ ކަންބޮޑުވުމާ ގުޅިގެން، ކުދިންް ސްކޫލަށް ނުފޮނުވި ނަމަވެސް، ވަކި ޕެނަލްޓީއެއް ނޯންނާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާކަން ވެސް މަބްރޫކް ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން އެންމެން މިއާ އެއްކޮށް އުޅެން އެބަޖެހޭ ދަސްކުރަން. ކުދިންނަށް ވެސް އެބަ ޖެހޭ ދަސްކޮށްދޭން. މި ރޯގާ ދުވަސްތަކެއް ވަންދެން އޮންނާނެ. ވެކްސިން އެއް ލިބޭނެ ޔަގީން ތާރީހެއް ވެސް އޮތީއެއް ނޫން،" މަބްރޫކް ވިދާޅުވިއެވެ.

ޖުލައި ފުރަތަމަ ދުވަހުން ފެށިގެން، ބަލިމަޑުކަން ނުފެތުރޭ ރަށްރަށުގައި ގްރޭޑު އެކަކުން ފެށިގެން 12 އަށް ފޭސް ޓު ފޭސް ކޮށް ކިޔަވައިދޭން ވަނީ ނިންމާފަ އެވެ.

މާލޭގައި އަދިވެސް ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން، މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ދަރިވަރުންގެ ތެރެއިން ސްކޫލަށް ހާޒިރުވާނީ ގްރޭޑު ނުވަޔަކުން މަތީގެ ގްރޭޑުތަކުގެ ކުދިން ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

ސްކޫލުތައް ހުޅުވިނަމަވެސް ކިޔަވައިދޭނީ ހަތަރު ދުވަހުއެވެ. ފަސްވަނަ ދުވަހަކީ ޓީޗަރުންނަށް ކިޔަވައިދިނުމަށް ތައްޔާރުވުމަށް އޮންނަ ދުވަހެވެ. ފޭސް ޓު ފޭސް ކޮށް ކިޔަވައިދިން ނަމަވެސް ދަރިވަރުން ސްކޫލުގައި ހޭދަކުރާނީ ހަތަރު ގަޑިއިރެވެ. އެއީ 45 މިނެޓުގެ ހަތަރު ގަޑި އެވެ.