ބެއިޖިން (ޖޫން 18): ޗައިނާގެ ބެއިޖިންގައި އަނެއްކާވެސް ކޮރޯނާވައިރަސް ފެތުރުމާ ގުޅިގެން އެ ސިޓީއަށް ދާން އޮތް އަދި ބެއިޖިން އިން ފުރަން އޮތް 1،000 ވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފި ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ޗައިނާގެ ގްލޯބަލް ޓައިމްސްގައިވާ ގޮތުން ކޮރޯނާވައިރަހާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ބެއިޖިންގެ އެމާޖެންސީ ރެސްޕޮންސް ލެވެލް ތިނެކުން ދޭކަށް މަތި ކުރި ފަހުން، އެ ސިޓީން ފުރަން އޮތް 615 ފްލައިޓާއި ބެއިޖިންއަށް ދާން އޮތް 640 ފްލައިޓު މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން މިއަދު ބުނި ގޮތުގައި ފާއިތުވި 24 ގަޑި އިރު ތެރޭ އެގައުމުން 28 މީހަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ބެއިޖިންއިން ޕޮޒިޓިވްވި 21 މީހަކު ހިމެނެ އެވެ. އެހެންކަމުން މިދިޔަ ހަފްތާގައި ބެއިޖިންއިން ފެނުނު ކްލަސްޓާއިން 150އަށް ވުރެ ގިނަ މީހުންނަށް ވަނީ ބަލިޖެހިފަ އެވެ.

ބެއިޖިންއިން މިދިޔަ ހަފްތާގައި ވައިރަހުގެ ކޭސްތައް ފެނިފައި ވަނީ އެސިޓީގެ އެތެރޭގައި ވައިރަސް ނުފެތުރޭތާ 55 ދުވަސް ފަހުންނެވެ. އެ ކްލަސްޓާ ގުޅިފައި ވަނީ ބެއިޖިންގެ އެންމެ ބޮޑު ހޯލްސޭލް ބާޒާރު ކަމަށްވާ "ޝިންފާދީ"އާ އެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި އެ ކްލަސްޓާއާ ގުޅުން ހުރި ކޭސްތައް މިހާރު ވަނީ ބެއިޖިންގެ 17 ޑިސްޓުރިކްޓުގެ ތެރެއިން ނުވަ ޑިސްޓްރިކްޓަކުން ފެނިފަ އެވެ. އަދި ބެއިޖިންގެ ޕްރައިމަރީ އަދި ސެކަންޑްރީ ސްކޫލުތަކާއި ޔުނިވާސިޓީތައް ބަންދު ކުރަން މިހާރު ވަނީ އަންގާފަ އެވެ.

މީގެ އިތުރުން ބެއިޖިންގެ ބާޒާރާ ގުޅުން ހުރި ކޭސްތައް ޗައިނާގެ އެހެން ބައެއް ސަރަހައްދުތަކުންވެސް ފެނިފައިވާތީ، އެގައުމުގެ ބައެއް ސިޓީތަކުން ވަނީ ޝިންފާދީ މާކެޓަށް ދިޔަ މީހުން 14 ދުވަހަށް ކަރަންޓީނު ވުމަށް އަންގާފަ އެވެ.

ޗައިނާގައި މިހާތަނަށް 84،458 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 79،000އަށް ވުރެ ގިނަ މީހުންގެ ބަލި ވަނީ ރަނގަޅުވެފަ އެވެ. އެގައުމުން ބަލީގައި މަރުވެފައި ވަނީ 4،638 މީހެކެވެ.