18 Jun 2020, 11:03
ޗައިނާއާ އިންޑިއާއާ ގުޅޭ ލަދަކްގެ ބޯޑަރު ސަރަހައްދުގައި ދެގައުމުގެ ސިފައިންގެ ދެމެދު ބަދަލުކުރަމުންދިޔަ ހަމަލާތައް ހުއްޓާލުމަށް ދެގައުމުން އެއްބަސްވެއްޖެ އެވެ.
އިންޑިއާއިން ބުނީ އެ ހާދިސާގައި ދެގައުމުގެ ސިފައިންވެސް އެއްވެސް ވަރަަކަށް ބަޑިން ހަމަލާ ދީފައި ނުވާ ކަމަށެެވެ. ނަމަވެސް ދެފަރާތުންވެސް ގާއުކާ ހަދައިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
އެ ހާދިސާގައި އިންޑިއާގެ ވިހި ސިފައިން ވަނީ މަރުވެފަ އެވެ.
އިންޑިއާއިން ބުނީ ޗައިނާގެ ސިފައިން އިންޑިއާގެ އިމުގެ ތެރެއަށް ތިން ފަރާތަކުން ވަދެ ޓެންޓްތައް ޖެހިކަމަށާއި އެކަން ނުކުރުމަށް ގޮވައި ހަޅޭލެވުމުންވެސް ޗައިނާ ސިފައިން އެކަން ނުހުއްޓި ކަމަށެވެެ. ނަމަވެސް ޗައިނާއިން ވަނީ އެކަން ދޮގުކޮށްފަ އެވެ.
ޗައިނާފެ ފޮރިން މިނިސްޓަރު ވޭންގް ޔީ ވަނީ އެ ހާދިސާގައި ޝާމިލްވާ އިންޑިއާގެ ސިފައިންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލައިފަ އެވެ. އަދި އެ ހާދިސާގައި އިންޑިއާ ސިފައިން ޗައިނާގެ ސަރަހައްދަށް ވަތް ކަމަށްވެސް ވަނީ ބުނެފަ އެެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ މިނިސްޓަރު ސުބްރަމާނިއަން ޖައިޝަންކަރު ވިދާޅުވީ އިންޑިއާގެ ބޯޑަރު ތެރެއަށް ޗައިނާއިން ވަނީ ކުރިން ވަރަށް ބޮޑަށް ރާވައިގެން ކަމަށެވެ. އަދި އޭގެ ސަބަބުން ދެގައުމުގެ ގުޅުމަށް ވަރަށް ބޮޑަށް އަސަރުކުރާނެކަމަށްވެސް ވަނީ ވިދާޅުވެފަ އެެވެ.
އެ ހާދިސާއާ ގުޅިގެން އިންޑިއާގައި ހުންނަ ޗައިނާގެ އެމްބަސީގެ ކުރިމަތީގައި އިންޑިއާގެ ބައެއް މީހުން ވަނީ މުޒާހަރާކޮށް ޗައިނާގެ މުދާތައް ބޮއިކޮޓް ކުރުމަށް ގޮވާލައިފަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއްޔެ ވިދާޅުވީ މަރުވި ސިފައިން ވީ ގުރުބާނީ ބޭކާރު ވެގެން ނުދާނެ ކަމަށެވެ. އަދި ރައްދުގައި ހަމަލާ ދިނުމުގެ ގާބިލްކަން އެބަހުރި ކަމަށާއި ނަމަވެސް ބޭނުންވަނީ ސުލްހަކަމަށް ވަނީ ވިދާޅުވެފަ އެވެ.
އިންޑިއާ އަދި ޗައިނާއާ ދެމެދު 2017 ވަނަ އަހަރު ބޯޑަރު ސަރަހައްދުގައި ބޮޑު ކުރިމަތިލުމަކަށް ނުދިޔައީ ހަމަ ކިރިއާ އެެވެ. ނޭޕާލް ސަރަހައްދާ ގުޅޭ ބޯޑަރު ސަަރަހައްދުގައި އެ މައްސަލަ ކުރިމަތިވުމުން ދެ ގައުމުން ފަހުން ވަނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން އިންޑިއާއިން އަނެއްކާވެސް ވަނީ ބޯޑަރު ސަރަހައްދުގައި މައްސަލަ ހޫނުވެފަ އެވެ.
މީގެ ކުރިން 1962 ޗައިނާ އަދި އިންޑިއާއާ ދެމެދު ހަނގުރާމައެއްވެސް ކުރިއެވެެ. އަދި މިއީ އޭގެ ފަހުން އިންޑިއާގެ ސިފައިންތަކެއް އެފަދަ ކުރިމަތިލުމެއްގައި މަރުވި ފުރަތަމަ ފަހަރެވެ. -- އޭޕީ ނިއުސް