މާލެ ސިޓީގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއިދިނުމުގެ ދެވަނަ މަަރުހަލާގެ ދަށުން އައިޖީއެމްއެޗްގެ ކެންސަރު ބަލީގެ ހާއްސަ ޑިޕާޓްމެންޓުން ހޮސްޕިޓަލްގައި ކުރިއަށް ގެންދާ އޯޕީޑީ ފަށައިފި އެވެ.

އައިޖީއެމްއެޗް އިން މިއަދު ބުނީ ކެންސަރު ބަލީގެ ހާއްސަ ޑިޕާޓްމަންޓުގެ އޯޕީޑީ ހިދުމަތްތައް ދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ކަމަށެވެ.

އެޕޮއިންޓްމަންޓް ހެދުމަަށް ގުޅާނީ ހޮސްޕިޓަލުގެ ކޯލް ސެންޓަރު 3335335 ނުވަތަ 3335336 އަށެވެ.

އައިޖީއެމްއެޗް އިން ބުނީ އޯޕީޑީ ހިދުމަތްތައް ފެށި ނަމަވެސް، ކުރިއެކޭ އެއްގޮތަށް ޓެލެކޮންސަލްޓޭޝަން ކުރިއަށް ގެންދާނެ ކަމަށެވެ.

އޯޕީޑީގެ ހިދުމަތްތައް ފަށަން ނިންމީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އައިޖީއެމްއެޗް އިން ބުނީ އޯޕީޑީގެ ހިދުމަތް އަލުން ފަށަން ނިންމީ، ކޮވިޑް19ގެ ނުރައްކާތެރިކަން ފިލަައިގެން ގޮސްފައިވާތީ ނޫން ކަމަށާއި، ބަލި ފެތުރުމާއި ބަލީގައި ގިނަ ބަޔަކު ސީރިއަސް ވުމުގެ ނުރައްކާތެރިކަން އަދިވެސް އޮތް ކަމަށެވެ.

ނަމަވެސް އޯޕީޑީގެ ހިދުމަތް އަލުން ފަށަނީ ކޮވިޑް ނޫން އެހެން ބަލިތަކުގެ މީހުންނަށް ލިބިދޭންޖެހޭ ފަރުުވާ ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ހޮސްޕިޓަލުން ދެކޭތީ އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އޯޕީޑީއަށް އެޕޮއިންޓްމަންޓް ހެއްދުމުގައި ވަކި ޑޮކްޓަރަކަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ބަދަލުގައި އެޕޮއިންޓްމަންޓު ހެއްދޭނީ ބަލިމީހާ ދައްކަންޖެހޭ ޑިޕާޓްމަންޓުގެ ހާއްސަ ޑޮކްޓަރަކަށެވެ.

އޯޕީޑީގެ ހިދުމަތް އަލުން ފެށި ނަމަވެސް ކޮވިޑް19 އާ ގުޅިގެން އަމަލުކުރަމުން އަންނަ އުސޫލުތައް ދަމަހައްޓާނެ ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ.

އެގޮތުން ވޯޑްތަކުގައި އެޑްމިޓްކޮށްފައިި ތިބޭ މީހުންނަށް ޒިޔާރަތް ކުރުން އަދިވެސް މަނާވާނެއެވެ. އަދި އެޑްމިޓްކޮށްފައި އޮންނަ މީހާގެ ކައިރީގައި އެހީތެރިއެއްގެ ގޮތުގައި ވެސް މަޑުކުރެވޭނީ އެންމެ މީހަކަށެވެ.

ހަމައެއާއެކު ބަލިވެގެން ޑޮކްޓަރަށް ދެއްކުން ނޫން ގޮތަކަށް ކުޑަކުދިން ހޮސްޕިޓަލްތަކަށް ގެންދިއުން އަދިވެސް މަނާވާނެ އެވެ.

ދުރާލާ ރޭވިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ރޫޓިން އޮޕަރޭޝަންތައް އަދިވެސް ވަނީ މެދުކަނޑާލައިފަ އެވެ. އަދި ހޮސްޕިޓަލަށް ދާ މީހުން ހުމާއި ރޯގާގެ އަލާމާތްތަކަށް ސްކްރީން ކުރުން ކުރިއަށް ގެންދާނެ އެވެ.