31 Dec 2011, 13:12
މަސްތުވާތަކެތީގެ މައްސަލައެއްގައި ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ހުރި މީހަކު ފިލައިގެން އުޅެނިކޮށް ފުލުހުން ހައްޔަރުކޮށްފި އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނިކޮށް ފިލައިގެން އުޅެނިކޮށް ފުލުހުން ހައްޔަރުކޮށްފައި ވަނީ މ. ރަތްލިލީމާގޭ، މުހައްމަދު ހަމީދު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ބުރާސްފަތި ދުވަހު ފުލުހުން އޭނާ ހައްޔަރުކުރީ ގދ. ތިނަދޫން ކަމަށެވެ. އަދި ވިދާޅުވީ އޭނާ ހައްޔަރު ކުރީ ގެއްލިގެން ހޯދާތާ އެއް މަސް ފަހުން ކަމަށެވެ.
ފުލުހުން އޭނާ ތިނަދޫން ހައްޔަރު ކުރިޔަސް އޭނާ އަކީ ގއ. ދެއްވަދޫ މީހަކާ އިނދެގެން ދެއްވަދޫގައި ދިރިއުޅެމުން ދިޔަ މީހެކެވެ.
ދެއްވަދޫ ކައުންސިލްގެ ރައީސް އަހުމަދު ޒާހިރު މިއަދު ވިދާޅުވީ ހަމީދަކީ ދެއްވަދޫ މީހަކާ އިނދެގެން އެ ރަށުގައި ދިރިއުޅެމުން އަންނަ މީހެއް ކަމަށާއި ފުލުހުން ހަމީދު ހައްޔަރުކުރީ އޭނާ ތިނަދު އަށް ގޮސް އުޅެނިކޮށް ކަމަށެވެ.
"ހަމީދަކީ މިރަށު މީހަކާ އިނދެގެން މިރަށުގައި ދިރިއުޅެމުން ދިޔަ މީހެއް. ފުލުހުން އޭނާ ހައްޔަރު ކުރީ ގދ. ތިނަދު އަށް ގޮސް ހުއްޓައި ތިނަދޫން،" ޒާހިރު ވިދާޅުވި އެވެ.
ޒާހިރު ވިދާޅުވީ އޭނާ އަކީ ފިލައިގެން އުޅޭ މީހެއްކަން އެނގިފައި ވަނީ އެ ރަށުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދާ އައިމާ ކޮންސްޓްރަކްޝަންގެ ސައިޓުން އެސްލޯނު ހޮޅިތަކެއް ވަގަށް ނެގިކަން އޭނާގެ މައްޗަށް ތހުމަތު ކުރެވުނު ހިސާބުން ކަމަށެވެ.
އޭނާ ވިދާޅުވީ ހަމީދަކީ މީގެ ކުރިން ވައްކަމުގެ މައްސަލައެއްގައި ވެސް އެ ރަށަށް އަރުވާލާފައި ހުރި މީހެއް ކަމަށާއި އޭނާ މަސްތުވާތަކެތީގެ މައްސަލައެއްގައި ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ އެ ހުކުމް ތަންފީޒުކޮށް ނިމުނު ފަހުން ކަމަށެވެ.