18 Jun 2020, 09:35
އެއްވެސް ކޭސް އަކާ ގުޅުން ނެތް، އިންޑެޕެންޑެންޓް ކޭސްތައް އިތުރުވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޮކްޓަރު، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
ރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ އިއްޔެ ޕޮޒިޓިވްވި 26 މީހުންގެ ތެރޭގައި އެއްވެސް ކްލަސްޓާއަކަށް ނިސްބަތް ނުވާ 10 މީހަކު ހިމެނޭ ކަމަށެވެ.
އިއްޔެގެ ކޭސްތަކުގައި ކޮންމެސް ވަރަކަށް ކުދި ކްލަސްޓާތަކާއި އެހެން ކްލަސްޓާތަކާ ގުޅުންހުރި މީހުން ތިބި ނަމަވެސް، ގިނައީ އިންޑެޕެންޑެންޓް ކޭސްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
ރޭގެ ޕްރެސްގައި ޑރ. އަފްޒަލް ވަނީ، އެއް ކޭސް އަނެއް ކޭސް އަކާ ގުޅިފައި ނުވާ ކޭސްތަކުގެ ގްރާފެއް ހިއްސާކުރައްވައިފަ އެވެ. އޭގެ ތެރޭގައި އިންޑެޕެންޓް ކޭސްތަކާއި، ކްލަސްޓާއެއް ފަށާ ކޭސްތަކެވެ.
ޑރ. އަފްޒަލް ވިދާޅުވީ ކޮމިއުނިޓީ ސްޕްރެޑެއް ފެށިގެން އައިއިރު ގުޅުން ނެތް ކޭސްތައް ހުރީ 10 ޕަސެންޓުގައި ކަމަށެވެ. އެހެން ނަމަވެސް މިހާރު ގުޅުން ނެތް ކޭސްތައް 30 ވަރަކަށް ޕަސެންޓަށް މަތިވެފައިވާ ކަމަށެވެ.
"އިންޑެޕެންޑެންޓް ކޭސްތައް ގިނަވާކަމަށް ވާނަމަ އެއީ ކޮމިއުނިޓީ ސްޕްރެޑް އިތުރުވާކަމުގެ އަލާމާތެއް، އެހެން ނަމަވެސް ދެ ކަމަކަށް ބަލަން ޖެހޭނެ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.
ޑރ. އަފްޒަލް ވިދާޅުވީ ގުޅުން ނެތް ކޭސްތައް އިތުރުވުމާއެކު، ޕޮޒިޓިވްވާ މީހުންގެ ޖުމްލަވެސް އިތުރުވަމުން އަންނަ ނަމަ، އެއީ ފުރަބަންދަށް ދިން ލުއިތަކުގެ ސަބަބުން، މީހުން މާބޮޑަށް ހަރަކާތްތެރިވެ އުޅުމުގެ ސަބަބުން ކޮމިއުނިޓީ ސްޕްރެޑް އިތުރުވަނީ ކަމަށް ބެލެވިދާނެ ކަމަށެވެ.
އެފަދަ ގްރާފެއް ތައްޔާރުކޮށްފައި ވަނީ ވެސް އެކަހަލަ ނިންމުމަކަށް ދިއުމަށްޓަކައި ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
"އެހެން ނަމަވެސް ކުރިން ވެސް ދެންނެވި ފަދައިން އެންމެ ކަމެއް ނޫނޭ ބަލަން ޖެހޭނީ. މިއާއެކު ބަލަންޖެހޭނޭ މުޅި ޖުމްލަ ނަންބަރުތައް އިތުރުވޭތޯ. ކުރީގެ ދުވަސްތަކަށް ބަލާއިރު އެއް ދުވަހެއްގެ ކޭސްތައް ފުދޭވަރަކަށް ގިނަކޮށް އުޅެނީ. އެހެން ނަމަވެސް މިހާރު މި އުޅެނީ ފުދޭވަރަކަށް ތިރީގައި. އެހެންވީމަ ދެ ކަންތައް އެކުގައި އިތުރުވާނަމަ ނުރައްކާތެރި ފައްތަރެކޭ ކިޔާނީ. ނޫނީ އަޅުގަނޑުމެން ދެވަނަ ވިސްނުމަކަށް ދާން ޖެހޭނީ،" ޑޮކްޓަރު ވިދާޅުވި އެވެ.
ރާއްޖެއިން މިހާތަނަށް 2،120 މީހަކަށް ކޮވިޑް19 ޖެހިފައި ވާއިރު، 1،677 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފަ އެވެ. އަދި އަށް މީހަކު ވަނީ ބަލީގައި މަަރުވެފަ އެވެ.
ރާއްޖޭގެ ރިކަވަރީ ރޭޓް 79.10 ޕަސެންޓުގައި ހުރިއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ބައްޔަށް ފަރުވާ ދެމުން ދަނީ 433 މީހަކަށެވެ.
އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، މާލެ ސިޓީ ވަނީ ފުރަބަންދުކޮށްފަ އެވެ.
ފުރަބަންދުގެ ހާލަތުގައި ދޮޅު މަަހެއްހާ ދުވަސް ވޭތުކުރުމަށްފަހު ކޮވިޑް-19 ކޭސްތައް ކޮންޓްރޯލްކުރެވެން ފެށުމާއެކު ސަރުކާރުން ވަނީ ފުރަބަންދަށް ލުއި ދޭން ފަށައިފަ އެވެ.
އެގޮތުން މިހާރު ފުރަބަންދުގެ ލުއިތަކުގެ ދެވަނަ މަރުހަލާ ފެށިފައިވާއިރު މި މަރުހަލާގައި މާލޭގައި އާންމު ފަރާތްތަކަށް ފަތިހު ފަހަކުން ރޭގަނޑު 10:00 އަށް ހުއްދައަކާ ނުލާ ބޭރުގައި އުޅެވޭނެ އެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްތަކުގައި ބަލީގެ ސަބަބުން އެޅުނު ފިޔަވަޅުތައް ނަގައި އެހެން ހުރިހާ ރަށެއް ވަނީ އާންމު ހާލަތަށް ގެނެވިފަ އެވެ.