18 Jun 2020, 09:20
ރާއްޖޭގައި ތިބި ހާލުބޮޑު ބަލިމީހުން، ފަރުވާއަށް ބޭރަށް ފުރުވާލަން މަސައްކަތް ކުރަމުން އައި ނަމަވެސް، އެ ގައުމުތަކުން އެކަމަށް ބޭނުންވާ ހުއްދަ އަދި ނުލިބޭކަމަށް އާސަންދައިން ބުނެފި އެވެ.
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގް މީގެކުރިން ވިދާޅުވީ ކޮންމެހެން ބޭރަށް ދާން ޖެހޭ ހާލުބޮޑު އެތައް ބަޔަކު ބޭރަށް ނުދެވި ރާއްޖޭގައި މިވަގުތު އެބަތިބި ކަމަށެވެ.
އެގޮތުން އާސަންދައިން ވަނީ ކްރިޓިކަލް ބަލި މީހުންގެ ލިސްޓެއް އެކުލަވާލައި، އޭގެތެރެއިން އެންމެ އަވަހަށް ފަރުވާ ބޭނުންވާ 33 މީހަކު ބޭރަށް ފޮނުވުމުގެ މަސައްކަތް ފަށައިފަ އެވެ.
އޭގެ ފަހުން މަހެއް ވާން ކައިރިވެފައިވާ އިރު، އަދިވެސް އެމީހުން ބޭރަށް ފޮނުވިފައެއް ނުވެއެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު، ބަލި މީހުން ބޭރަށް ފޮނުވުން ލަސްވާތީ މަޖިލީހަށް ވެސް ވަނީ މައްސަލައެއް ހުށަހަޅައިފައެވެ.
އެކަމާ ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މީހުން ބޭރަށް ނުފޮނުވެނީ އަދިވެސް ބޭރު ގައުމުތަކުން އެކަމަށް ބޭނުންވާ ހުއްދަ ލިބިފައި ނުވާތީ ކަމަށެވެ.
ހުއްދަ ލިބުނުހާ އަވަހަކަށް ބަލި މީހުން ބޭރަށް ފޮނުވުމުގެ ކަންކަން ފަށާނެ އެވެ.
ރާއްޖެއިން ބޭރަށް ގެންދަން ނިންމާފައި ވަނީ މިވަގުތު އެއްގޮތަކަށްވެސް ރާއްޖެއިން ލިބެން ނެތް ހިދުމަތްތައް ހޯދަމުންދާ މީހުންނެވެ. އޭގެ ތެރޭގައި ރޭޑިއޭޝަން ދޭ މީހުންނާއި ބޮޑެތި ސާޖަރީތައް ހަދަން ޖެހޭ މީހުން ހިމެނެ އެވެ.
ރާއްޖެއިން ބޭރަށް ދާން ޖެހިފައިވާ ވަރަށް ބައިވަރު ބަލިމީހުން ތިބުމާ ގުޅިގެން އެމީހުންނަށް އިތުރު ހިދުމަތެއް ދިނުމުގެ ގޮތުން މިދިޔަ މަހުގެ 25 އިން ފެށިގެން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް އަދި އާސަންދައާ ގުޅިގެން ޓެލެކޮންސަލްޓޭޝަންގެ ހިދުމަތެއްވެސް ވަނީ ފަށައިފަ އެވެ.