18 Jun 2020, 08:40
މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާއެކު އުޅެން ގިނަ ދިވެހިން ވެސް މިހާރު ދަސްކޮށްފައިވާ ކަމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން (އެންއީއޯސީ)ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅޭގޮތުން ފަހުގެ މައުލޫމާތު ދިނުމަށް ރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ މިހާރު މަގުމަތިންވެސް ނިއު ނޯމަލްގެ މަންޒަރުތައް ފެންނަ ކަމަށެވެ. އެގޮތުން ގިނަ ބަޔަކު ތިބެނީ މާސްކު އަޅައިގެން ކަމަށާއި ކުރިއާ އަޅާ ބަލާއިރު ގައިދުރުކުރުންވެސް ރަނގަޅު ކޮށްފައިވާ ކަމަށް މަބްރޫކް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެނަށް މިހާ ހިސާބަށް އާދެވިފައިވަނީ ތިން ކަމެއްގެ ސަބަބުން. ފުރަތަމަ ކަމަކީ [ފަރުވާ ދިނުމުގެ] ކެޕޭސިޓީ އިތުރު ކުރެވުން. ދެވަނަ ކަމަކީ ގިނަ ބަޔަކަށް ބައްޔާއެކު އުޅެންވީ ގޮތް ދަސްވެ، ކަން ކުރަންވީ ގޮތް އެނގުން. ތިންވަނަ ކަމަކީ ކުރެވުނު ތަޖުރިބާތައް،" މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ ކުރިއަށް ދާން ބަލާއިރު، ގައުމު އަބަދު ލޮކްޑައުންގެ ހާލަތުގައި ނުބޭއްވޭނެ ކަމަށެވެ.
އަދި މިފަދަ ކަމެއް ކުރާއިރު އެ މަސައްކަތަކީ ހަމައެކަނި ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށް މަބްރޫކް ފާހަގަކުރެއްވި އެވެ. އެގޮތުން މިފަދަ ހާލަތުގައި މަސައްކަތް ކުރަން ޖެހޭނީ މުޅި ގައުމު އެކުގައި ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތަަށް ބަލާއިރު، އިއްޔެ ޕޮޒިޓިވްވެފައި ވަނީ އިތުރު 26 މީހެކެވެ. އަދި މުޅިން އަލަށް ހަތް މީހަކު ބަލިން ރަނގަޅުވީ އިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ބައްޔަށް ފަރުވާ ދެވެމުން ދަނީ 433 މީހަކަށެވެ.
ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2،120 އަށް އަރާފައިވާ އިރު، ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 1،677 އެވެ.