ހިޔާލުތަފާތުވެފައިވާ ދީނީ ކަންކަން ކަމުގައި އިލްމުވެރިންގެ ނަޒަރު އެއްގޮތް ކުރުމަށް އިސްލާމިކް މިނިސްޓަރީ އިން އިންތިޒާމު ކުރި "އިލްމުވެރިންގެ މަހާސިންތާ" މިއަދު އިފްތިތާހުކޮށްފި އެވެ.

"މާތްﷲގެ ވާފަށުގައި ތިޔަބައިމީހުން ހިފަހައްޓާށޭ، އަދި ތިޔަބައިމީހުން ބައިބައިވެ ނުގަންނާށޭ"ގެ ނަމުގައި މިއަދު އިސްލާމީ މަރުކަޒުގައި ފެއްޓި މަހާސިންތާ އިފްތިތާހުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ދިވެހި ރާއްޖޭގައި ތިބި އިލްމުވެރިން، އެ އިލްމުވެރިންގެ ހަކަތަ ދިވެހި ރާއްޖޭގައި ބަލިކަށިވަމުން އަންނަ އަގީދާ ވަރުގަދަ ކުރައްވަން މަސައްކަތް ކުރަރައްވަން ޖެހިފައިވާ ކަމަށެވެ.

"އިލްމުވެރިންގެ މެދުގައި ދީނީ ކަންކަމުގައި އުފެދިފައި ހުރި ފަރްއީ ކުދިކުދި މައްސަލަތަކަށް ބަހުސްކޮށް އިލްމުވެރިންގެ ހަކަތަ ހޭދަކުރުމުގެ ބަދަލުގައި، ދިވެހި ރާއްޖޭގެ އަގީދާގެ ކަންތައްތަކުގައި ވާހަކަ ދައްކަން ޖެހިއްޖެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ދިވެހި ދަރިންގެ އަގީދާ ބަލިކަށިވެއްޖެ ކަމަށާއި އެކަންތައްތައް ހައްލުކުރުމަށް އިލްމުވެރިންގެ ދައުރު ވަރަށް ބޮޑު ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"ދިވެހި މަންމަ އަކަށާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ދަރިންކޮޅެއް ނުކުމެ ރާއްޖޭގައި ދީނީ މިނިވަންކަމުގެ ވާހަކަ ދައްކަން ފެށިކަމީ، އަޅުނގަޑުމެން ސިއްސުވާލި ކަމެއް. އަޅުނގަޑުމެންނަށް ދިން އިންޒާރެއް. އަދި މިކަމުން އަޅުނގަޑުމެންނަށް އިނގިގެން ހިނގައްޖެ ދިވެހި ދަރިންގެ އަގީދާ ބަލިކަށިވަމުންދާ ކަން. އަދި އިލްމުވެރިންގެ ދައުރު ބޮޑުވެއްޖެކަން." މި މަހު 10 ވަނަ ދުވަހު ބަޔަކު ދީނީ މިނިވަން ކަމަށް ގޮވާލައި އާޓިފިޝަލް ބީޗަށް އެއްވެ އަޑު އުފުލި މައްސަލަ އަށް އިޝާރާތް ކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިޚް ހުސެއިން ރަޝީދު ވެސް ވާހަކަ ދެއްކެވި އެވެ.

މިއަދާއި މާދަމާ އަށް އިސްލާމީ މަރުކަޒުގައި ބާއްވާ އެ މަހާސިންތާގައި ރާއްޖޭގައި ތިބި 64 ދީނީ ޢިލުމުވެރިއެއްގެ އިތުރުން ބައެއް ފަންނީ ގާބިލް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ

Ahmed Faiz Hussein (mp3)