17 Jun 2020, 22:07
މިއަދު އިތުރު 26 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ބަލިން ރަނގަޅުވީ އިތުރު ހަތް މީހުން ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން މިރޭ އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިއްޔެ 18:00ން މިރޭ 18:00 އާ ހަމަޔަށް ކޮވިޑް-19 އަށް އިތުރު 26 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
މިރޭ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 2،120 އަށް އަރައިފަ އެވެ.
މިރޭ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ:
03 ދިވެހިން
16 ބަންގްލަދޭޝް ރައްޔިތުން
03 ނޭޕާލް ރައްޔިތުން
03 އިންޑިޔާ ރައްޔިތުން
01 ސްރީ ލަންކާގެ ރައްޔިތެއް
އެޗްޕީއޭއިން ބުނިގޮތުގައި މިރޭ ހަތް މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއިއެކު ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1،677 އަށް އަރައިފަ އެވެ.
ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ބައްޔަށް ފަރުވާ ދެވެމުން ދަނީ 433 މީހަކަށެވެ.
ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 318 މީހަކު ތިބި އިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 281 މީހަކުު އެބަ ތިއްބެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ނަގާފައި ވަނީ ޖުމްލަ 37،491 ސާމްޕަލްއެވެ. މީގެ ތެރޭގައި ރިޕީޓުކޮށް ނެގިފައިވާ ސާމްޕަލްވެސް ހިމެނެއެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ކޭސްއެއް ފެނިފައިވަނީ މާޗް 7 ވަނަ ދުވަހު ރިސޯޓަކުންނެވެ. މިއާއެކު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މާޗު 12 ވަނަ ދުވަހު ރާއްޖޭގައި ވަނީ އިއުލާން ކޮށްފައެވެ.
މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19 ކޭސްއެއް ފެނިފައިވަނީ އޭޕްރިލް 15 ވަނަ ދުވަހު އެވެ. މި ކޭސްއާއިއެކު މާލެ ސިޓީ ގައި ފުރަބަންދުގެ ހާލަތު ވަނީ އިއުލާންކުރެވިފަ އެވެ.
ފުރަބަންދުގެ ހާލަތުގައި ދޮޅު މަަހެއްހާ ދުވަސް ވޭތުކުރުމަށްފަހު ކޮވިޑް-19 ކޭސްތައް ކޮންޓްރޯލްކުރެވެން ފެށުމާއެކު ސަރުކާރުން ވަނީ ފުރަބަންދަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދޭންފަށައިފަ އެވެ.
އެގޮތުން މިހާރު ފުރަބަންދުގެ ލުއިތަކުގެ ދެވަނަ މަރުހަލާގައި ފެށިފައިވާއިރު މި މަރުހަލާގައި މާލޭގައި އާންމު ފަރާތްތަކަށް ވަކި ގަޑިތަކެއްގައި ހުއްދައާ ނުލައި ބޭރަށް ދިޔުމަށް ވަނީ ހުއްދަ ދެވިފަ އެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްތަކުގައި ބަލީގެ ސަބަބުން އެޅުނު ފިޔަވަޅުތައް ނަގައި އެހެން ހުރިހާ ރަށެއް ވަނީ އާންމު ހާލަތަށް ގެނެވިފައެވެ.