18 Jun 2020, 08:32
ރާއްޖޭގެ ގޭމް ޑިވެލޮޕާއެއް ކަމަށްވާ "އާސިލްސް" އާއި ދިރާގުން ގުޅިގެން ރާއްޖޭގެ ފުރަތަމަ އޮންލައިން މަލްޓިޕްލޭޔާ ގޭމް "ތަކުރު ވޯސް" ތައާރަފުކޮށްފި އެވެ.
އާސިލްސްގެ އެތައް އަހަރެއްގެ މަސައްކަތް ކަމަށްވާ ތަކުރު ވޯސް އަކީ ރާއްޖޭގެ އާދަކާދައާއި ތާރީހާއި ސަގާފަތާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ ގޭމެކެވެ. އެގޮތުން ގޭމުން ފެނިގެންދާނީ ދިވެހި ކެރެކްޓަރުންނާއި ދިވެހި މާހައުލުތަކެވެ.
އެ ގޭމުގައި މައިގަނޑު ފަސް ދިވެހި ކެރެކްޓަރު ހިމެނޭއިރު އެ ކެރެކްޓަރުން ކަސްޓަމައިޒުކުރުމުގެ ފުރުސަތު ވެސް ކުޅުންތެރިންނަށް ލިބިގެންދާނެ އެވެ. ކޮންމެ ކެރެކްޓަރަކަށް ވެސް ތަފާތު ސުޕަރ ޕަވާ އަދި ހާއްސަ ހަތިޔާރުތައް ބޭނުންކޮށްގެން އެހެން ކުޅުންތެރިންނާ ބައްދަލުކޮށް ލީޑާ ބޯޑުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އާސިލްސްގެ މެނޭޖިން ޑިރެކްޓަރު ހުސައިން ޝާފިއު ވިދާޅުވީ ރާއްޖޭގައި ގޭމް އެއް އުފެއްދުމަކީ އަބަދުވެސް އާސިލްސްގެ ޓީމުން ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އަދި އެ ކުންފުނި އުފެއްދުމުގެ ބޭނުމަކީވެސް އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަދި އަޅުގަނޑުމެންގެ މި މަސައްކަތުގައި ދިރާގުން ލިބުނު އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރަން. ދިރާގާ އެއްކޮށް މަސައްކަތްކޮށްލުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް،" ޝާފިއު ވިދާޅުވި އެވެ.
އެ ގޭމް ލޯންޗުކުރުމާ ގުޅޭގޮތުން ދިރާގުގެ މެނޭޖާ ބިޒްނަސް ޑިވެލޮޕްމެންޓް އަހުމަދު ޝިނާއު އަބްދުލްގާދިރު ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކަސްޓަމަރުން ގުޅުވައިދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ އިޖުތިމާޢީ ގައިދުރުކަން އިސްކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި މި ގޭމަކީ ކަސްޓަމަރުން މުނިފޫހިފިލާ، ރައްޓެހިންނާ އާއިލާއާ އެކު ދުރުގައި ހުއްޓަސް އެކީ ކުޅެވޭނެ ކަހަލަ މަޖާ ގޭމަކަށް މި ގޭމް ވެގެން ދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ތަކުރު ވޯސްގެ އާލީ އެކްސެސް ރިލީޒްކޮށްފައިވާއިރު އެ ގޭމް މިހާރުއެންޑްރޮއިޑްއާއިއައިއޯއެސްއަށް ލިބޭނެ އެވެ.