17 Jun 2020, 22:02
ޓްރިޕޮލީ (17 ޖޫން 2020) : ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރަށް ވާގިވެރިވާ މައިގަނޑު ގައުމު ކަމަށްވާ ތުރުކީގެ މަތީފެންވަރުގެ ވަފްދެއް ވެރިރަށް ޓްރިޕޮލީ އަށް ހިނގައްޖެ އެވެ.
މި ވަފްދުގައި ތުރުކީގެ ޚާރިޖީ ވަޒީރު މައުލުދް ކާވްޝްއޮގްލޯގެ އިތުރުން މާލީ ވަޒީރު ބަރާއާތުލްބައިރަގް އާއި ޖާސޫސީ އިދާރާގެ ވެރިޔާ ހާކާން ފިދާން އާއި ރައީސް ރަޖަބް ތައްޔިބު އެރުދުޣާންގެ ތަރްޖަމާން އިބްރާހީމް ގަލިން ހިމެނިވަޑައިގަންނަވަ އެވެ.
ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ތަރްޖަމާން ވިދާޅުވީ އެސަރުކާރުގެ ރިޔާސީ މަޖިލީހުގެ ރައީސް ޑރ. ފާއިޒް އައްސައްރާޖް މިއަދު މެންދުރު ތުރުކީގެ ވަފްދުގެ ބޭފުޅުންނާ ބައްދަލުކުރައްވައި ލީބިޔާގެ މަސްރަހާ ގުޅޭ ގޮތުން މުހިއްމު މަޝްވަރާތަކެއް ކުރެއްވި ކަމުގައެވެ.
ޑރ. ސައްރާޖްގެ އިތުރުން އެބައްދަލުކުރެއްވުމުގައި ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ޚާރިޖީ ވަޒީރު މުހައްމަދު ތާހިރު އައްސައްޔާލާ އާއި ދާޚިލީ ވަޒީރު ފަތްހީ ބާޝާޣާ އާއި މާލީ ވަޒީރު ފަރަޖް އަމްތާރީއާއި ލީބިޔާގެ ތެލުގެ ސިނާއަތާބެހޭ މައިކުންފުނީގެ ވެރިޔާ މުސްތަފާ ސުންއުﷲ ބައިވެރިވެ ވަޑައިގެންނެވި ކަމަށް ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ތަރްޖަމާން ވިދާޅުވިއެވެ.
ލީބިޔާގައި ދެ ސަރުކާރެއް އުފެދި އެދެސަރުކާރުގެ މެދުގައި ދާޚިލީ ހަނގުރާމައެއް ހިނގަމުންދާތާ އެތަށް އަހަރެއް ވެފައިވާއިރު ވެރިރަށް ޓްރިޕޮލީގައި ވެރިކަންކުރަނީ ބައިނަލްއަގްޥާމީ ގޮތުން އިއްތިރާފް ލިބިފައިވާ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުންނެވެ. އެސަރުކާރަށް ވާގިވެރިވަނީ ތުރުކީއާއި ގަތަރުންނެވެ.
ދެން އޮންނަނީ ލީބިޔާގެ އިރުމަތީ ސިޓީއެއްކަމަށްވާ ތުބްރުގް ގައި އޮންނަ ބައިނަލްއަގްވާމީ އިއްތިރާފް ނުލިބޭ ސަރުކާރެކެވެ. އެސަރުކާރު ލީޑު ކުރަނީ ލީބިޔާގެ ކުރީގެ ޖެނެރަލެއް ކަމަށްވާ ޖެނެރަލް ޚަލީފާ ހަފްތަރެވެ. ހަފްތަރުގެ ސަރުކާރަށް އަސްކަރީ ގޮތުންނާއި ފައިސާގެ ގޮތުން ވާގިވެރިވަނީ މިސްރާއި ޔޫއޭއީ އަދި ސަޢޫދީ އަރބިޔާއިންނެވެ. މީގެއިތުރުން ފަރަންސޭސިވިލާތާއި ރަޝިއާވެސް ކޮންމެވެސް ވަރަކަށް ހަފްތަރަށް އަސްކަރީ ގޮތުން ވާގިވެރިވެއެވެ.
މި ޖޫންމަހުގެ ކުރީކޮޅު ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ބާރުތަކުންވަނީ ޖެނެރަލް ހަފްތަރުގެ ބާރުތައް ވެރިރަށް ޓްރިޕޮލީއާއި ޓްރިޕޮލީގެ ވަށައިގެންވާ ސަރަހައްދުތަކާއި ސިޓީތަކުން މުޅިން ފައްސާލައި އެތަންތަނުގެ ފުރިހަމަ ކޮންޓްރޯލް ހޯދައި ލީބިޔާގެ އުތުރުން މެދުތެރޭގައިވާ ސިޓީއެއްކަމަށްވާ ސިރުތު އާ ހަމައަށް ހަފްތަރުގެ ބާރުތައް ފަހަތަށް ޖައްސާފައެވެ.
މި ކާމިޔާބީ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުން ހޯދީ ތުރުކީގެ އަސްކަރީ އެހީތެރިކަމާ އެކުގައެވެ. ޚާއްސަކޮށް ތުރުކީގެ ޑްރޯން މަތިންދާބޯޓުތަކާއި ތުރުކީގެ އަސްކަރީ މުސްތަޝާރުންގެ އެހީ މިކަމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރިކަން ތުރުކީވެސްވަނީ އެއްބަސްވެފައެވެ.
މި ކާމިޔާބީއާއެކު ޖެނެރަލް ހަފްތަރުވަނީ މިސްރަށް ފިއްލަވާފައެވެ. މިހާރު ޚަބަރުތައް ލިބޭގޮތުން ހަފްތަރުގެ ނާކާމިޔާބީ އާއެކު މިސްރާއި ޔޫއޭއީގެ އިތުބާރު އޭނާއަށްވަނީ ގެއްލިފައެވެ. އިތުބާރު ގެއްލުމާއެކު ހަފްތަރުގެ ބަދަލުގައި އޭނާގެ ބާރުތަކުގެ ކޮމާންޑަރަކަށް އެބާރުތަކަށް ނިސްބަތްވާ ލީބިޔާގެ އެހެން ޖެނެރަލަކު އިޚްތިޔާރު ކުރުމަށް މިސްރާއި ޔޫއޭއީ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ސިފައިން މިހާރު މަސައްކަތް ކުރަނީ ސިރުތު ސިޓީވެސް ހަފްތަރުގެ ބާރުތަކުގެ ކިބައިން މިނިވަން ކުރުމަށެވެ. ނަމަވެސް މިފަދަ ހާލަތެއްގައި ރަޝިޔާއިން ސީދާ ގޮތެއްގައި ހަފްތަރުގެ ބާރުތަކަށް ވާގިވެރިވާން ފަށާފާނެކަމުގެ ބިރަށް ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ސިފައިން އެ އޮޕަރޭޝަން އަދި ފަށާފައެއް ނުވެއެވެ.
މިމަހުގެ ކުރީކޮޅު ހަފްތަރުގެ ބާރުތަކަށް ނާކާމިޔާބާ ކުރިމަތިލާން ޖެހުނީވެސް ރަޝިއާއިން ހަފްތަރުގެ ބާރުތަކަށް އަސްކަރީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ފަސްޖެހުމުންނެވެ. ތުރުކީގެ މަދަދު ލިބޭ ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ މިއަސްކަރީ ކާމިޔާބީތަކާއެކު ދެން އިތުރަށް ހަނގުރާމަ ކުރިޔަށް ގެންދިޔުމުގެ ބަދަލުގައި ތުރުކީއާއި ރަޝިޔާ ވާހަކަ ދައްކަމުން ގެންދަނީ ލީބިޔާގެ ވާދަވެރި ދެ ސަރުކާރުގެ ދެމެދުގައި ސުލްހައިގެ ވާހަކަތައް ފެށުމަށް ކަމަށް މައުލޫމާތު ލިބެއެވެ.
އެ ވާހަކަތަކުގެ ބޭނުމަކީ އިންތިގާލީ މަރުހަލާއަކަށްގޮސް އެދެ ސަރުކާރުވެސް އުވާލައި އިންތިގާލީ ސަރުކާރެއް ގެނައުމެވެ. އެއީ އިންތިގާލީ މަރުހަލާ އަކަށްފަހު ލީބިޔާގައި އަލުން އިންތިޚާބެއް ބާއްވައިގެން އައު ޕާލަމެންޓަކާއި ރައީސަކު އިންތިޚާބު ކުރާގޮތަށެވެ.
ލީބިޔާގެ ވާދަވެރި ދެސަރުކާރުގެ ބާރު ދާދި އެއްވަރުވެފައިވާ މިދަނޑިވަޅުގައި ހަނގުރާމަ ކުރިޔަށްގެންގޮސްފިނަމަ އާންމުންގެ ގިނަ ބަޔަކު މަރުވެ ލީބިޔާގެ ބޮޑުބައެއް އެއްކޮށް ފުނޑުފުނޑުވެ ވީރާނާ ވެގެންދާނެކަމަށް ވަނީ ބެލެވިފައެވެ.
ލީބިޔާގެ މައްސަލަ ސުލްހަވެރިކޮށް ހައްލުކުރުމަށް މިހާތަނަށް ކުރިމަސައްކަތްތައް ނާކާމިޔާބުވިނަމަވެސް ރަޝިއާއާއި ތުރުކީ ލީބިޔާގެ މައްސަލާގައި އެއްގަލަކަށް އަރައިފި ސުލްހައިގެ ވާހަކަތަކަށް މަގުފަހިކޮށްފިނަމަ ހަފްތަރުގެ ބާރުތަކަށް އަސްކަރީ ގޮތުން ވާގިވެރިވެ އަމިއްލަ މަސްލަހަތު އިސްކޮށް ލިބިޔާގައި ގަޑުބަޑު އުފައްދަން މިސްރާއި ޔޫއޭއީ އަށް ނުކެރޭނެ ކަމަށް މުހައްލިލުން ދެކެއެވެ.
ތުރުކީގެ ވަފްދުގެ ބޭނުމަކީ ސުލްހައިގެ ވާހަކަތަކަށް މަގުފަހުކުރުންކަން ނުވަތަ ނޫންކަން އަދި ސާފުވެފައެއް ނުވެއެވެ. ލީބިޔާއަކީ ތެލާއި ގުދްރަތީ ގޭހުގެ މުއްސަނދިކަން ލިބިފައިވާ ގައުމެކެވެ. (ނޫސްއެޖެންސީތައް)