ޕޯސްޓްޕެއިޑް ޕެކޭޖްތަކުގެ "ފްރީ ނަމްބަރު"ތަކަށް ހިލޭ މިނެޓް ކަނޑައަޅައި އެ ނަމްބަރުތަކަށް އަންލިމިޓެޑް] ހައްދެއް ނެތި[ ކޯލް ނުކުރެވޭ ގޮތަށް ދިރާގާއި ވަތަނިއްޔާ އިން ހަމަޖައްސައި އެކަން އިއްޔެ އިއުލާންކޮށްފި އެވެ.

ދިރާގާއި ވަތަނިއްޔާ އިން ދެމުން އަންނަ ހިދުމަތްތަކަށް މައިގަނޑު ދެ ބަދަލެއް ޖެނުއަރީ އެކަކުން ފެށިގެން ގެންނާނެ ކަން ކަސްޓަމަރުންނަށް މިހާރު ވަނީ އަންގައިފަ އެވެ.

އައު އަހަރު ފެށޭ އިރު ހިދުމަތްތަކަށް ގެންނާނެ ބަދަލުތަށް ކަސްޓަމަރުންނަށާއި މީޑިޔާ އަށް އެންގުމަށް ދެ ކުންފުނިން އިއްޔެ އާންމުކުރި އިއުލާނެއްގައި ބުނަނީ ޕޯސްޕެއިޑް ޕެކޭޖްތަކުގައި ހިމެނޭ ހިލޭ ނަމްބަރުތަކަށް ގުޅުމަށް ޖެނުއަރީ އެކަކުން ފެށިގެން ލިބޭނީ، ނަމްބަރަކަށް 1000 މިނެޓްގެ ފެއާ ޔޫސާ އެލަވަންސެއް ކަމަށެވެ. އަދި ބުނަނީ ހިލޭ ލިބޭ މިނެޓް ހުސްވުމަށް ފަހު އެ ނަމްބަރުތަކަށް ގުޅާ ނަމަ އާންމު ރޭޓްތަކުން ޗާޖް ކުރާނެ ކަމަށެވެ.

މީގެ ކުރިން އެއްވެސް ހިފެހެއްޓުމެއް ނެތި ގުޅެމުން އައި ނަމަވެސް ޖެނުއަރީ އެކަކުން ފެށިގެން އެއް ނަމްބަރު ފުރީ ޕެކޭޖަކަށް ލިބޭނީ 1000 މިނެޓެވެ. އަދި ފްރީ ދެ ނަމްބަރުގެ ޕެކޭޖަށް ލިބޭނީ 2000 މިނެޓެވެ.

ތިން ނަމްބަރު ހިލޭ ޕެކޭޖަކަށް 3000 މިނެޓު ލިބޭ އިރު ހަތަރު ނަމްބަރުގެ ޕެކޭޖަކަށް ހިލޭ ލިބޭ ލިބޭނީ 4000 މިނެޓެވެ. އަދި ފަސް ނަމްބަރު ފްރީ ޕެކޭޖަގަށް ލިބޭނީ 5000 މިނެޓެވެ.

ދިރާގުގެ މާސްކޮމިޔުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަން އެކްޒިކިއުޓިވް އިމްޖާދް ޖަލީލް އިއްޔެ ވިދާޅުވީ ދިރާގުން ފުރީ ނަމްބަރުތަކަށް ލިމިޓެއް ކަނޑައެޅީ ދިރާސާތަކެއް ކުރުމަށް ފަހު ފްރީ ނަމްބަރުތަކުގެ ސަބަބުން ނެޓްވޯކް ބިޒީވެ ފޯންކުރާ އެހެން ފަރާތްތަކަށް ދަތިތަކާ ކުރިމަތިވާތީ ކަމަށެވެ.

"އަޅުގަނޑުމެން ދިރާސާ ކުރި އިރު އޯވަރޯލްކޮށް މި ކަނޑައެޅި އަދަދަށް އާންމުކޮށް ފުރީ ނަމްބަރުތަކަށް ކޯލްތަށް ކޮށްފައި ހުރީ. މި ބަދަލްގެ ސަބަބުން ނެޓްވޯކް ބިޒީވެ ކޯލްތައް ކޮންޖެސްޓްވުމުގެ މައްސަލަ ދުރުވާނެ. މީގެ ކުރިން ގިނަ ކޯލްތައް އެގޮތަށް ކުރާތީ ކޮންޖެސްޓްވެ ނެޓްވޯކް އެބަ ބިޒީވޭ. މީގެން އެކަން ރަނގަޅުކުރެވޭނެ،" އިމްޖާދު ވިދާޅުވި އެވެ.

ވަތައްނިއްޔާގެ ސީނިއާ އެގްޒެކެޓިވް ޑިޖިޓަލް މީޑިޔާ އަހުމަދު ޒަރީރު ވެސް ވިދާޅުވީ އެ ކުންފުނިން ވެސް ފުރީ ނަމްބަރުތަކަށް ހިލޭ ގުޅުން ކޮންޓްރޯލް ކުރީ ނެޓްވޯކު ބިޒީވެ ކޯލްކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވާތީ ކަމަށެވެ.
"އޭގެން މި ނެޓްވޯކް ވެސް ވަރަށް ބޮޑަށް އެބަ ބިޒީވޭ. މީގެން ނެޓްވޯކުގައި ކޯލްކުރާ ފަރާތްތަކަށް ފަސޭހަވާނެ. އެއީ ޓްރެފިކް ކުޑަވާނެ،" ޒަރީރު ވިދާޅުވި އެވެ.

ދެ ކުންފުނިން ވެސް ދެން ގެނައި އެންމެ ބޮޑު ބަދަލަކީ ރިލޯޑްކުރާ ނިސްބަތަކުން ހިލޭ އެސްއެމްއެސް ލިބޭ މިންވަރު އިތުރުކުރުމެވެ. އެގޮތުން ރިލޯޑްކުރާ ނިސްބަތަކަށް ބަލައި 50 އެސްއެމްއެސް ހިލޭ ލިބޭނެ ކަމަށް ދެ ކުންފުނިން ވެސް ބުނެ އެވެ.

ދިރާގާއި ވަތަނިއްޔާ އިން އެ ބަދަލުތައް ގެނައީ ކޮމިޔުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ހުއްދަ އާ އެކު ކަމަށް އެ ދެ ކުންފުނިން ވެސް ބުންޏެވެ.