17 Jun 2020, 18:33
ކޮވީޑް1 އަށް މަޖިލީހުގެ މުވައްޒަފަކު ޕޮޒިޓިވްވި ނަމަވެސް، އަމާޒަކީ އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަޖިލިސް ކުރާ ގޭގައ ިމަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުން ކަމަށް އެ އިދާރާއިން ބުނެފި އެވެ.
މަޖިލީހުގެ މެއިންޓެނެންސްގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފަކު މިއަދު ކޮވިޑް19އަށް ޕޮޒިޓިވްވުމާއެކު މަޖިލިސް މިހާރު އޮތީ ބަންދުކޮށް، މޮނީޓަރިންގެ ހާލަތުގައެވެ.
މިކަމާ ގުޅިގެން މަޖިލީހުން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، މުވައްޒަފު ޕޮޒިޓިވްވުމާ ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެގޮތުން ކޮންޓެކް ޓްރޭސިން ހެދުމާއި މަޖިލިސް ޑިސް އިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
"މަޖިލީހުގެ އިދާރާގައި މަސައްކަތް ފެށި އިރުވެސް މިފަދަ ކަމެއް މެދުވެރިވެދާނެ ކަމަށް ބަލައި، ދުރާލާ ފިޔަވަޅުތައް ވަނީ އެޅުފައިއެވެ. އަދި ރޯގާއާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން، އެހެން ނަމަވެސް މަޖިލީހުގެ މަސައްކަތްތައް މަޖިލިސް ކުރާ ގޭގައި ކުރިއަށް ގެންދިޔުމަކީ އަމާޒެކެވެ." މަޖިލީހުގެ ނެރުނު ކުރު ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނީ، އެޗްޕީއޭ އިން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން މަޖިލީހުގެ އިދާރާގައި މަޖިލީހުގެ މަސައްކަތްތައް ފެށޭނެ ކަމަށެވެ.
"ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށްފަހު، މަޖިލީހުގެ އިދާރާގައި މަސައްކަތްތައް ކުރިއަށް ގެންދިޔުމުގެ މުހިންމުކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފާހަގަކުރައްވައެވެ."
މަޖިލީހުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، މަޖިލީހުގެ ޖަލްސާތައްވެސް އަދި ކޮމިޓީތައްވެސް ބާއްވަމުންދިޔައީ މަޖިލިސް އިދާރާގައެވެ. ދެން އެންމެ އަވަހަށް މަޖިލިސްގެ ޖަލްސާއެއް އޮންނީ ހޯމަ ދުވަހުއެވެ.