17 Jun 2020, 17:24
ބެއިޖިންގް (17 ޖޫން 2020): ބެއިޖީންގްގައި އަލަށް ފެތުރެންފެށި ކޮވިޑް-19 އެހެންސަރަހައްދުތަކަށް ފެތުރުނަ ނުދިނުމަށް އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާކަމަށާއި އަލަށްފެނުނު ވައިރަސް ޖެނެޓިކް ގޮތުން ތަފާތުކަމަށް ޗައިނާ އިން ބުނެފިއެވެ.
ޗައިނާގެ ނެޝަނަލް ހެލްތް ކޮމިޝަނުން ބުނީ ބެއިޖިންއިން އަލަށް ފެނުނު ވައިރެހަކީ ޗައިނާގެ އެހެން ސަރަހައްދުތަކުގައި ކުރިން ފެތުރުނު ކޮވިޑް-19 ވައިރެހާ ޖެނެޓިކް ގޮތުން ތަފާތު ތަކެއްހުރި ވައިރެހެއްކަން ތަޖްރިބާކާރުން ފާހަގަ ކުރައްވާ ކަމުގައެވެ. މިއާއެކު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިންވަނީ މި ވައިރެހުމުގެ ޖެނެޓިކް ސީކުއެންސް މައުލޫމާތު އެޖަމްއިއްއާ ހިއްސާކޮށްދިނުމަށް ޗައިނާގެ ކިބައިން އެދިފައެވެ.
ބެއިޖިންގްއިން އަލަށް ފެނުނު ކޮވިޑް-19 ކްލަސްޓާއިން ބެއިޖިންގް ގެ ގިނަ ސަރަހައްދުތަކަކަށް ވަރަށް އަވަހަށް އެރޯގާ ފެތުރިގެން ގޮސްފައިވާއިރު އެ ސިޓީގެ ގިނަ ސަރަހައްދުތަކެއް ފުރަބަންދުކޮށް ބެއިޖިންގެ ގިނަ އެއާޕޯޓްތައްވެސް އަވަސްގޮތަކަށް ވަނީ ބަންދުކޮށްފައެވެ.
ބެއިޖިންގްގައި ކޮވިޑްގެ ނުރައްކާ ނެތް ސަރަހައްދުތަކުގެ މީހުންވެސް ބެއިޖިން އިން ބޭރަށް ދަތުރު ކުރާނަމަ ކޮވިޑް އަށް ޓެސްޓް ކުރަންޖެހެއެވެ. އަދި ޗައިނާގެ އެހެން ސިޓީތަކާއި ޕްރޮވިންސްތަކުން ވަނީ ބެއިޖިންގް އިން އެތަންތަނަށް ދާ މީހުން ކަރަންޓީނު ކުރަން ފަށާފައެވެ.
ޗައިނާގެ ރަސްމީ ޓީވީ ކަމަށްވާ ސީސީޓީވީ އާ ހަވާލާދީ ޒިންހުވާ ބުނާގޮތުން މިދިޔަ ހަފްތާގައި ބެއިޖިންގް އިން ފެނުނު ކޮވިޑް-19 ކްލަސްޓާ ކޮންޓްރޯލް ކުރުމަށް ޓަކައި ބެއިޖިންގްގެ ސްކޫލްތައްވެސްވަނީ މިހާރުވަނީ ބަންދުކޮށްފައެވެ. މީގެތެރޭގައި ޕްރީ ސްކޫލްގެ އިތުރުން ޕްރައިމަރީ، މިޑްލް ސްކޫލާއި ސާނަވީ ސްކޫލްތައްވެސް ހިމެނެއެވެ. ފުރަބަންދު ދިގުދެމިގެން ހިނގައިދާނެތީ ޕްރީ ސްކޫލާއި ޕްރައިމަރީ ފިޔަވައި އެހެން ސްކޫލްތަކުގެ ކިޔެވުން އޮންލައިން ޕްލެޓްފޯމަށް ބަދަލުކުރުމަށްފަހު މާދަމާ ކިޔަވައިދޭން ފަށާނެއެވެ.
މިދިޔަ ހަފްތާގައި ކޮވިޑް-19 ގެ ވައިރަސް ފެނުނީ ބެއިޖީންގްގެ އެންމެ ބޮޑު ހޯލްސޭލް ބާޒާރު ކަމަށްވާ "ޝިންފާދީ" ން ނެވެ. "ޝިންފާދީ" ގެ އެކިތަންތަނުން ސާމްޕަލްތައް ނަގައިގެން ޓެސްޓްކުރުމުން ކޮވިޑް-19 ގެ ވައިރަސް ފެނުނީ އިމްޕޯޓްކޮށްފައިވާ މަހެއްކަމަށްވާ ސަލްމޮން ގެ މަސްބުރި ކުރަން ބޭނުންކުރާ ކަޓިން ބޯޑުތަކަކުން ކަމަށް ޗައިނާގެ ނެޝަނަލް ހެލްތް ކޮމިޝަނުން ބުނެފައިވެއެވެ.
އެހެންކަމުން މިއީ ބޭރު ގައުމަކުން އިންޕޯޓްކުރި ސަލްމޮން މަހުގައި އުޅުނު ވައިރެހަކަށް ބެލެވޭކަމަށް ތަޖްރިބާކާރުންނާ ހަވާލާދީ ޒިންހުވާ ނޫސްއެޖެންސީ ބުނެއެވެ.
"ޝިންފާދީ" ބާޒާރުން މިދިޔަ ހަފްތާގައި ފުރަތަމަ 6 ކޭސް ފެނުނުނަމަވެސް މިހާރު ޕޮޒިޓިވް ކޭސްތަކުގެ އަދަދުވަނީ 150 އަށް މައްޗަށް ގޮސްފައެވެ. ބެއިޖިންއިން ކޮވިޑް-19 ފެނިފައި މިވަނީ އެރޯގާގެ އެއްވެސް ކޭހެއް އެސިޓީން ނުފެންނަތާ 50 ދުވަސްފަހުންނެވެ. (ޒިންހުވާ)