17 Jun 2020, 17:16
ރާއްޖޭގައި، އެއް ބާރުމިނެއްގެ ދެ މުއައްސަސާއެއް ހަތިޔާރާއެކު އޮތުން ބުއްދިވެރި ނޫންކަމަށް، ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލާ ގުޅިގެން ވާހަކަދައްކަވަމުން ނަޝީދު އިއްޔެ ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާވިސް ޒަމާނީ މުއައްސަސާއަކަށް ބަދަލުކުރަން ބޭނުންވާ އެންމެހާ މައުލޫމާތާއި އިޖުރާއަތުތައް ބިލުގައި ފުރިހަމަވާ ކަމަށެވެ.
އެގޮތުން ބިލުގައި ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރައްވާ ފުލުހުންނަށް އޮތް ހިމާޔަތާއި ރައްކާތެރިކަން ބަޔާންކުރާ ބާބަކީ ދުވަހަކުވެސް ފުލުހުންނަށް އެ މިންވަރަށް ހިމާޔަތާއި ރައްކާތެރިކަން ނުދޭ މިންވަރަށް ކަންކަން ފޯރުކޮށްދީފައި އޮތް ބާބެއް ކަމަށާއި ފުލުހުންގެ އޮފިސަރަކަށް ވުމުގެ ފުރުސަތު ހޯދުމާއި، އެކަންކަން އިންސާފުވެރިކޮށް ގެންދިއުމަށާއި ޕްރޮމޯޝަންގެ ކަންކަން ކުރިއަށް ގެންދާނެ ގޮތްތައް ވެސް ބިލުގައި ވަރަށް ސަރީހަ އިބާރާތުން ބަޔާންކޮށްފައިވާ ކަމަށް ވިދާޅު ވިވެ.
ބިލާ ގުޅިގެން ވާަހަކަދައްކަވަމުން ނަޝީދު ވަނީ ރާއްޖޭގައި ފުލުހުން އުފެދިގެން އައި ގޮތުގެ މައްޗަށް ވެސް އަލިއަޅުވާލައްވައި ވާހަކަދައްކަވައިފަ އެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގައި އެންމެ ފުރަތަމަ ފުލުހުންގެ ނުވަތަ ސިފައިންގެ އިދާރާއެއް އުފެދިގެން އައީ 1892 ނުވަތަ 1893 ވަނަ އަހަރު، ނޫރައްދީން ބަންޑާރައިންގެ ރަސްކަމުގައި ކަމަށެވެ.
"އެ އަހަރު ހެންވޭރު ބޮޑިހިއްޗަށް ބަންޑާރަ އިން ވަޑައިގެންނެވި އިރުގައި ފައިހަމަކޮށް ޔުނިފޯމް އަޅައިގެން ހިނގާ ބައެއް ރަނދުންނާ މާ އަރިހުގައި، ހަނގުބޭކަލުންނަށް ވުރެ ވެސް އަރިހުގައި ރަދުން ބައިތިއްބަވާފައި ތިއްބެވި. މިދެންނެވި ޕާޓީއަކީ، އެއިރުގައި މާލޭ މީހުން އެ މީހުންނަށް ކިޔަނީ ދީދިފަތި،" ނަޝީދު ވިދާޅުވި އެވެ.
އަދި އާ ގަނޑުވަރުގައި ހެވިކަން ދަސްކުރަން ނޫރައްދީން ބަންޑާރައިން ގެންނެވި ވިއްސަކަށް ޒުވާން ކުދިން ސިފައިންގެ ގޮތުގައި ވެގެން ދިޔަ ކަަމަށެވެ.
ނަމަވެސް އޭގެ އަހަރެއް ކުރިން މުޅި މާލެ ރޯކޮށް، ބޮޑުހުޅުގައި މާލޭގައި ދައުލަތުގެ ހުރިހާ ބޮޑުން ޗޭނު ޖަހައި ކަތްޕަށް ނަގައި، ބުރިން ހަންގަނެފައި އެކި ރަށްރަށަށް އަރުވާލާފައިވާކަން ނަޝީދު ފާހަގަކުރެއްވިއެވެ.
ފުލުހުންގެ މުއައްސަސާއަކާ ދިމާލަށް މިސްރާބު ޖެހީ، ހަނގުބޭކަލުންނާއި، އަރިސް ބޭކަލުންނާއި، އަސްކަރީންނަށް އެކަނި އެކަން ކުރެވެން ނެތްކަން ވިސްނި، ރާއްޖެއަށް ހަމަޖެހުން ގެނައުމަށް ދާއިމީ ގޮތެއްގައި ބާރުވެރި ފަރާތެއް ނުވަތަ މުއައްސަސާއެއް އޮންނަންޖެހޭކަން ވިސްނިގެން ކަމަށެވެ. އެންމެ ފުރަތަމަ ސިފައިންނާ ފުލުހުން އެކުގައި އޮތުމަށްފަހު، ދެ މުއައްސަސާ ވަނީ ވަކިކޮށްފަ އެވެ.
"މިހާރު އަޅުގަނޑު ދެކޭގޮތުގައި އިއްޒަތްތެރި މެންބަރުންގެ ވިސްނުންފުޅުގައި ބަހައްޓަވަންވީ އެންމެ މުހިންމު އެއްޗަކީ، އެއް ބާރުމިނެއްގެ ދެ މުއައްސަސާ މި ރާއްޖޭގައި ހަތިޔާރާ އެކީގައި ބޭތިއްބުމަކީ ބުއްދިވެރިކަމެއް ނޫނޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިފަދައިން ވިދާޅުވި އިރު، ފުލުހުންގެ ބާރުތައް ހަނިކުރަން މަޖިލީހުގައި ބައެއް މެމްބަރުން އަންނަނީ ވާހަކަދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ އެއީ މިހާރު އޮތް ފުލުހުންގެ މުއައްސަސާއާ ގުޅޭގޮތުން ދައްކަވާ ވާހަކައެއް ނޫން ކަމަށާއި އެއީ އަންނަން އޮތް ފުލުސް އޮފީހަކާ މެދު ކުރައްވާ އުންމީދެއް ކަމަށެވެ.
"ދެން އާދެ! މިހާރު އޮތް ފުލުސް އޮފީހެއް އެބައޮތް. އެތަނުން ހިންގި ކަންތައްތަކެއް ވެސް އެބަހުރި. އެތަނުން ކުރާ އެތައް ކަމެއް ވެސް އެބަހުރި. ދެން އޭގެ ރަނގަޅާއި ނުބައިގެ ވާހަކަ އެތައް އިއްޒަތްތެރި މެންބަރުންނެއް ވާހަކަދައްކަވަމުން ގެންދަވާ. އެހެންނަމަވެސް، އަޅުގަނޑު މި ދަންނަވާ ވާހަކައަކީ، މި ބިލަކީ އަޅުގަނޑުމެންގެ ދަރިންގެ ބިލެކޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނު ބަހުސްގައި ބައިވެރިވަޑައިގަންނަވާ ކަމަށް ބައެއް ވާދަވެރިން ތުހުމަތުކުރައްވާ ކަަމަށާއި އެހެން ނަމަވެސް ބަހުސްގައި ބައިވެރިވުމާއި ވާހަކަދެއްކުމާ އެއީ ތަފާތު ދެ ކަމެއް ކަމަށެވެ. އަދި އެމަނިކުފާނު ކޮށްދެއްވާ ކަމަކީ، ބިލުގެ މިސްރާބެއް ދެއްކެވުން ކަމަށެވެ.
އިއްޔެގެ ޖަލްސާގައި ވާހަކަދައްކަވަމުން، ނަޝީދު ވިދާޅުވީ ތަޅުމުގައި މެމްބަރުން ދެއްކެވި ވާހަކަތަކުން ދޭހަވަނީ، އެހެން ފުލުސް އޮފީހަކާއި، އެހެން ނަމަކާއި އެހެން ކުލައެއް ވެސް ބޭނުންކަމަށެވެ.
"އަދި އެ ތަން ހުންނަންވީ، މައި މަރުކަޒުވެސް ހުންނާންވީ އެހެން ތަނެއްގައޭ. މިދިޔަ ހުރިހާ ދުވަހަކު އެ ދިޔަ ތަން ނިމުނިއްޔޭ. މުޅިން އާ ބާބެއް ފެށެނިއްޔޭ،" ނަޝީދު ވިދާޅުވި އެވެ.
ފުލުހުންނާ ގުޅޭގޮތުން މަޖިލީހުގައި މެމްބަރުން ދައްކަވާ ވާހަކަތަކާ ގުޅިގެން ފުލުހުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.