ހަމުގެ އެކި ތަންތަން އެކި ކުލައިގައި ހުރުކަމީ އެއްވެސް މީހަކު ބޭނުންވާނެ ގޮތެއް ނޫނެވެ. އެންމެންވެސް ބޭނުން ވާނީ ހަމުގެ ކުލަ އެއްވަރަކަށް ހުރުމެވެ. ގިނަ ފަހަރު މި ގޮތަށް ހަމުގެ ކުލަތައް އަމިއްލަ އަށް ބަދަލު ވަނީ އަވީގެ ސަބަބުން ނެވެ. ހޯމޯނަލް ކަންތަކާ ހެދި ވެސް ހަމުގެ ކުލަ ތަފާތު ވެދާނެއެވެ. އަދި މާބަނޑު އިރާއި ބާތް ކޮންޓޯރްލް ޕިލްސް ބޭނުން ކުރުމުން ވެސް ހަމުގެ ކުލަތަކަށް ބަދަލު އާދެއެވެ. ހަމަކީ ހަށިގަނޑުގެ ބޭރަށް ފެންނަން ހުންނަ ބައެވެ. އެހެން ކަމުން ހަމުގެ ކުލަ ރީތި ކޮށް އެއްވަރަށް ބެހެއްޓުން ކޮންމެހެން މުހިންމެވެ.

އަވީ ގެ ސަބަބުން ހަމަށް ރީތި "ޓޭން" އެއް ލިބެއެވެ. އެކަމަކު އަވީގައި މާ ގިނައިރު އުޅުމަކީ ހަމަށް ގެއްލުންވާ ކަމެކެވެ. އެގޮތުން އިރުގައި އެކުލެވޭ "އަލްޓްރާ ވައިލެޓް ރޭސް" ގެ ސަބަބުން ހަމުގެ ކެންސަރ ޖެހުން ވެސް އެކަށީގެން ވެއެވެ.
ފެނަކީ ހަމަށާއި ހަށިގަނޑަށް އެންމެ ބޭނުން ތެރި އަދި އެންމެ ފައިދާ ކާނާ އެވެ. ދުވާލަކު މަދުވެގެން އަށް ތަށި ފެން ބޯން އާދަކުރާށެވެ. މީގެ އިތުރަށް ހަމުގެ ކުލަ އަލިކޮށް ރީތި ކުރުމަށް ބޭނުން ކުރެވިދާނެ ބައެއް އެއްޗެހި ތަކުގެ ތެރޭގައި "އެކްސްފޯލިއޭޓިން ސްކްރަބް"، މޮއިސްޗަރައިޒަރ އަދި މޭކަޕް ހިމެނެއެވެ.

ހަމުގެ ކުލަ ރީތިކޮށް ބަހައްޓަން އެކްސްފޯލިއޭޓް ކުރުން:
ނެޝަނަލް ޖިއޯގްރަފިކް ގެ ދިރާސާ ތަކުން ދައްކާ ގޮތުގައި ހަމުގައި 300 މިލިއަން ސެލްސް ހިމެނެއެވެ. އަދި ކޮންމެ މިނެޓަކު މީގެން 40،000 ސެލްސް ވަކިވެ އާ ސެލްސް އުފެދެއެވެ. އެހެން ކަމުން ހަފްތާ އެއްގެ ތެރޭގައި ހަމުގައި ހުންނަ ހުރިހާ ސެލްސް ތަކެއް އާވެގެން ދެއެވެ.
އެކްސްފޯލިއޭޓިން އަކީ މިކަމަށް އެހީވެދޭ އެއްކަމެވެ. އެގޮތުން އާ ސެލްސްތައް އުފެދުމަށް ފުރުސަތު ދިނުމުގެ ގޮތުން އެކްސްފޯލިއޭޓް ކުރުމުން މަރުވެފައި ހުންނަ ސެލްސް ތައް ނައްތާލައެވެ. އެހެން ކަމުން ހަފްތާ އަކު ދެތިން ފަހަރު އެކްސްފޯލިއޭޓް ކުރުން މުހިއްމެވެ.
ތިން ވައްތަރެއްގެ އެކްސްފޯލިއޭޝަން ހިމެނެއެވެ. އެއީ މެނުއަލް، އެންޒައިމް އަދި ކެމިކަލް އެވެ. މީގެ ތެރެއިން އެންމެ ފަސޭހަ އަދި އެންމެ ގިނަ މީހުން ބޭނުން ކުރަނީ މެނުއަލް އެކްސްފޯލިއޭޝަނެވެ.
މެނުއަލް އެކްސްފޯލިއޭޝަނަކީ، ސްކްރަބް އެއް ބޭނުން ކޮށްގެން ކުރާ އެކްފޯލިއޭޝަނެވެ. ސްކްރަބް ގައި ހިމެނޭ ކުދި ކުދި "ގްރެނިއުލްސް" ހަމުގައި މަރުވެފައި ހުންނަ ސެލްސްތައް ނައްތާލަދެއެވެ. އެކަމަކު ހަމަކީ ސެންސިޓިވް ހަމަކަށް ވާނަމަ މި ގޮތަށް އެކްސްފޯލިއޭޓް ކުރުމުން ހަން ރަތްވެ ދުޅަވާގޮތް ވެއެވެ. އެހެން ކަމަށް ވާނަމަ އެންޒައިމް ނުވަތަ ކެމިކަލް އެކްސްފޯލިއޭޝަނެއް ބޭނުން ކުރާށެވެ. އެންޒައިމް އެކްސްފޯލިއޭޝަން ގައި ހިމެނެނީ މާސްކް ނުވަތަ ލޯޝަނެވެ. އަދި ކެމިކަލް އެކްސްފޯލިއޭޝަނަކީ ވެސް އެންޒައިމް އެކްސްފޯލިއޭޝަން ކަލަހަ އެއްޗެކެވެ. މިދެވައްތަރުގައި ވެސް ހިމެނެނީ މާސްކް އާއި ލޯޝަނެވެ. އަދި މި އެކްސްފޯލިއޭޓް ކުރުން ރަނގަޅީ ސެލޫނަކަށް ގޮސްގެނެވެ.
މި ތިން ގޮތުގެ ތެރެއިން ފަސޭހަ އަގު ހެޔޮކޮށް އެކްސްފޯލިއޭޓް ކުރަން ބޭނުން ކަމަށް ވާނަމަ މެނުއަލް އިހްތިޔާރު ކުރާށެވެ. އެކްސްފޯލިއޭޓް ކުރުމުން ހަމުގެ ބޭރު ފަށަލައިގެ ކުލަ ރީތިވެ އުޖާލާކޮށްދެ އެވެ.

ހަމުގެ ކުލަ ރީތި ކޮށް ބަހައްޓަން މޮއިސްޗަރައިޒް ކުރުން:
ހަމަ އެކަނި މޮއިސްޗަރައިޒް ކުރުމަކުން ހަމުގެ ކުލަ ރީއްޗެއް ނުވެއެވެ. އެކަމަކު މޮއިސްޗަރައިޒް ކުރުމަކީ މި ސައިކަލް ހަމަކުރަން ބޭނުން ތެރި އެއް ކަމެކެވެ. އެކްސްފޯލިއޭޓް ކުރުމަކީ ހަމުގެ ކުލަ ރީތިކޮށް ބަހައްޓަން ކުރަންޖެހޭ ކަންތަކުގެ ތެރެއިން އެންމެ މުހިއްމު އަދި ފުރަތަމަ ކަމެވެ. ހަފްތާ އަކު ދެތިން ފަހަރު ނުކުރެވިއްޖެ ނަމަ އެއް ފަހަރުވެސް އެކްސްފޯލިއޭޓް ކުރެވޭތޯ ބަލާށެވެ.
ހަން މޮއިސްޗަރައިޒް ކޮށް ބެހެއްޓުމަކީ ދެވަނަ އަށް ކުރަން ޖެހޭ ކަންތަކެވެ. މޮއިސްޗަރައިޒް ކޮށް ހަން ބެހެއްޓުމުން މޭކަޕް ކުރުމަށް އެހީ އަކަށް ވެސް ވެދެއެވެ. އަދި މިކަމުން ހަން މަޑުކޮށް އޮމާން ކޮށްދެއެވެ. އަދި މޮއިސްޗަރައިޒިން ގެ ސަބަބުން މޫނުގައި ހުންނަ ރޫތަކާއި، ޑްރައިވެފައި ހުންނަ ހަންތައް ފޮރުވައިދެއެވެ. ބޮޑަށް ރަނގަޅީ ވިޓަމިން އީ އާއި އެންޓިއޮކްސިޑެންޓްސް ހިމެނޭ މޮއިސްޗަރައިޒަރެއް ބޭނުން ކުރުމެވެ. އެއީ މި ދެ މައްދާ ގެ ސަބަބުން ހަން އުޖާލާ ކޮށް މަޑު ކޮށްދޭތީ އެވެ.

ހަމުގެ ކުލަ ރީތި ކޮށް ބަހައްޓަން މޭކަޕް ކުރުން:
އެކްސްފޯލިއޭޓް ކޮށް މޮއިސްޗަރައިޒް ކުރުމަށް ފަހު ދެން ހަމުގެ ކުލަ ރީތި ކުރުމަށް މޭކަފް އިހްތިޔާރު ކުރާށެވެ. ހަމަ ގުޅޭ ފައުންޑޭޝަނެއް މޫނުގައި ހޭކުމަށް ފަހު ފުށް ޖަހައި ބްލަޝް ކޮށް ހަދާށެވެ. ބްލަޝް ގަންނައިރު ހަމަކީ ކުލަ އަލި ހަމެއް ނަމަ މަޑު ކުލަތައް ހޯދާށެވެ. އަދި ހަމުގެ ކުލަ ކަޅު ނަމަ ގަދަ ކުލަ ތައް ހޯދާށެވެ. ފުށްޖެހުމުން މޫނުގައި ހުންނަ ތެޔޮކަން ފޮހެލަދެއެވެ. ބޮޑަށް ރަނގަޅީ "ލޫސް ޕައުޑަރެއް" ބޭނުން ކުރުމެވެ. އެކަމަކު ކޮންމެހެން ބޭރަށް ނުދާކަމަށް ވާނަމަ މޭކަޕް ނުކުރާށެވެ.