18 Jun 2020, 08:25
އެމެރިކާގެ ކުރީގެ ނެޝެނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ލިޔުއްވި ފޮތެއް ޝާއިއުކުރުން ހުއްޓުވުމުގެ ގޮތުން އެމެރިކާގެ ސަރުކާރުން އެ މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.
އީރާނު ހަނގުރާމައަށް ކެތް މަދުވެފައި ހުންނެވި ބޯލްޓަން މަގާމުން ދުރުކުރީ މިދިޔަ އަހަރު އެެވެ. އީރާނުގެ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ބޯލްޓަންއާ ވަރަށް ބޮޑަށް ހިޔާލުތަފާތުވި އެވެ.
އަންނަ ހަފްތާގައި ނެރެން ނިންމާފައިވާ އެފޮތުގައި ސިއްރު މައުލާމާތުތައް ހުރުން އެކަށީގެންވާ ކަމަށާއި އެ މައުލޫމާތުތައް ވައިޓް ހައުސްއިން "ރިވިއު" ނުކުރާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އެެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ފެޑެރަލް ކޯޓުގައި މިހާރު އެދެފައިވަނީ އެ ފޮތް ނެރުން ލަސްކުރުމަށެވެ.
ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ ބޯލްޓަންއަށް ޓްރަމްޕް ދިރިއުޅުއްވާ ވައިޓް ހައުސްގެ ވަރަށް ގިނަ ސިއްރުތައް އެނގޭނެކަމަށާއި އަދި ނެރޭ ފޮތުގައި 500 އަށް ވުރެ ގިނަ ސަފުހާ ހިމެނޭ ކަމަށެވެ.
"ދަ ރޫމް ވެއާ އިޓް ހެޕަންޑް: ވައިޓް ހައުސް މެމޮއާ" ގެ ނަމުގައި ނެރޭ ފޮތް އެންމެ ފުރަތަމަ ނެރެން ނިންމާފައި އޮތީ މިދިޔަ މާޗް މަހު އެވެެ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ އެކަން އޮތީ މިހާތަނަށްވެސް ލަސްވެފަ އެވެ.
އެ ފޮތް ޕަބްލިޝްކުރާ ސިމޮން އެންޑް ޝަސްޓާއިން ބުނީ އެ ފޮތުގައި ޓްރަމްޕް ޗައިނާ، ރަޝިއާ، އިރާން، އުތުރު ކޮރެއާ ފަދަ ގައުމުތަކާ ގުޅޭ ގޮތުން ނިންމުންތައް ނިންމަވާ ގޮތްތަކާ ބެހޭގޮތުން ކަންތައްތައް ހިމަނާފައިވާނެ ކަަމަށެވެ.
ބޯލްޓަންގެ ވަކީލް ޗަކް ކޫޕާ ވިދާޅުވީ "ގައުމީ ސަލާމަތް" ބަހަނާއަކަށް ހަދައިގެން ޓްރަމްޕް މަސައްކަތް ކުރައްވަނީ އެ ފޮތް ނެރުން ހުއްޓުވަން ކަމަށެވެ. --އަލްޖަޒީރާ--