ކޮވިޑާއި ގުޅިގެން 'އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް 2020' ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން ލަސްވެއްޖެ ކަމަށާއި ކޮމެޓީ މަރުހަލާގައި އެ ބިލަށް ގިނަ އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް މެންބަރުން ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ.

އެ ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ ކޮވިޑް-19 އާ ގުޅިގެން މެދުވެރިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި، ވަކިވަކި ފަރުދުންނާއި، ޢާއިލާތަކާއި، ވިޔަފާރިތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުން ފަރުމާކޮށްފައިވާ އެ ބިލްގައިވާ ގޮތުން، ބިލްގައިވާ ކަންކަމަށް އަމަލު ކުރަން ޖެހޭނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރީސާގެ ހާލަތު ނިމުމަކަށް ގެންނަތާ 60 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

އެ ބިލްގެ އިބްތިދާއީ ބަހުސް މިއަދު ފަށާފައިވާއިރު، ބިލަށް ބަހުސް ކޮށްފައިވަނީ ވެރިކަން ކުރާ މައިި ޕާޓީ އެމްޑީޕީގެ މެންބަރުން އެކަންޏެވެ. ހުރިހާ މެންބަރުން ވެސް ބިލްގެ މުހިންމުކަން ފާހަގަކޮށްފައިވާއިރު ކޮމެޓީ މަރުހަލާގައި ގިނަ އިސްލާހުތަކެއް ގެންނަން ޖެހޭ ކަން ވަނީ ފާހަގަކޮށްފަ އެވެ. ހަމައެއާއި އެކު އެ ބިލް މަޖިލީހަށް ހުށަހެޅުން ލަސްވެފައިވާ ކަން ވެސް ގިނަ މެންބަރުން ފާހަގަކުރި އެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ، އެ ބިލްގައިވާ ގިނަ ކަންކަމަކީ މިހާރު ކުރިމަތިވެ އެކަމަށް ސަރުކާރުން ވެސް ހައްލު ގެނައިސްފައިވާ ކަންކަން ކަމަށާއި އެހެން ކަމުން ދެން 'ސަންސެޓް' ބިލެއް ފޮނުވުމުގެ މާ ބޮޑު ބޭނުމެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.

އެގޮތުން ކުލި ނުދެއްކުނު ފަރާތްތައް ގެއިން ނެރެލައިފި ކަމަށާއި ވަޒީފާ ގެއްލުނު ފަރާތްތައް މަގުމަތިވެ ނިމުމުގެ އިތުރުން ބޭންކްތަކުގެ ލޯނަށް ހަ މަސް ދުވަހުގެ ލުއި، ސަރުކާރުގެ އެދުމުގެ މަތިން ބޭންކްތަކުން ދީފައިވާކަން މުހައްމަދު ރަޝީދު ފާހަގަކުރެއްވި އެވެ.

"މި ބިލް މަޖިލީހަށް އަންނަން މިހާރު މާ ލަސްވެޖެ. އަޅުގަނޑުގެ ހިޔާލު ވެސް މި ބިލާއި ދޭތެރޭގައި ކުޑަކޮށް ތަފާތު. އެއީ ސަން ސެޓް ގާނޫނެއްގެ ބަދަލުގައި މި ގާނޫނު ވާން ޖެހޭނީ ކުރިއަށް މުސްތަގްބަލްގައި މިހެނެ ދިމާވެދާނެ މިކަހަލަ ހާއްސަ ހާލަތްތަކުގައި އަމަލު ކުރެވޭނެ ބިލެއް ގޮތުގައި އޮތުން މުހިންމު ކަމުގައި އަޅުގަނޑު ފާހަގަކޮށްލަން،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

އެ ބިލް އަނބުރާ ގެންގޮސްފައި އަލުން އިސްލާހު ކޮށްފައި މަޖިލީހަށް ފޮނުވުމަށް ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި ބިލް އައުން ލަސްވެއްޖެ އޭ. މިހާރު މި ބިލް އަންނަންޖެހޭނީ މިއަށް ވުރެން ފުރިހަމަ ކޮށޭ. މިހާރު އަންނަން ޖެހޭނީ ކުރިއަށް އޮތްތާންގައި މިފަދަ ކަމެއް ދިމާވެއްޖިއްޔާ އަޅުގަނޑުމެން އަމަލު ކުރަން ޖެހޭނެ ގޮތްތައް ހުރިހާ ކަމެއް ހިމަނައިގެން ޝާމިލް ކޮށްގެން،" އަފީފް ވިދާޅުވި އެވެ.

އެގޮތުން ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، ކޮވިޑްގެ ހާއްސަ ބިލެއް އަންނަން ޖެހޭ ކަމަށާއި ނަމަވެސް އެ ބިލްގެ ނަން ބަދަލު ކުރަން ޖެހޭ ކަމަށެވެ. އެހެން ކަމުން ދުނިޔާގެ އެހެން ގައުމުތަކުގައި ވެސް އަމަލުކޮށްފައިވާ އުސޫލުން އެ ބިލްގެ ނަން ކޮވިޑް ބިލަށް ބަދަލު ކުރަން ޖެހޭ ކަން ސަލީމް ފާހަގަކުރެއްވި އެވެ.

ކޮވިޑާއި ގުޅިގެން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިމާވެފައިވާ ދަތި އުނދަގޫ ހާލަތުން އަރައިގަތުމަށް އެ ބިލްގައި ހާއްސަ ބާބެއް އެކުލަވާުމަށް ކުޅުދުއްފުށީ އުތުރު ދާއިރާ މެންބަރު ޔާސިރު އަބްދުލް ލަތީފް ވަނީ ހުށަހަޅުއްވާފަ އެވެ.