17 Jun 2020, 10:11
ސިންގަޕޫރުގެ ޗަންގީ އެއާޕޯޓު ބޮޑުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ޓާމިނަލް 5ގެ މަސައްކަތް ކުރިއަށް ނުގެންގޮސް މަޑުޖައްސާލަން ނިންމައިފިއެވެ.
ސިންގަޕޫރުގެެ ޓްރާންސްޕޯޓު މިނިސްޓަރު ހައު ބޫން ވަން ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން އޭވިއޭޝަން ދާއިރާއަށް އައިސްފައިވާ ބަދަލާއެކު، ވައިގެ ދަތުރުފަތުރަށް އޮތް ޑިމާންޑު ދަށްވެފައިވާ ކަމަށެވެ. މިއާއެކު ވައިގެ ދަތުރުފަތުރުގެ ދާއިރާގެ މުސްތަގުބަލު އޮތްގޮތާމެދު ވަކިއެއްޗެއް ބުނަން ނޭނގޭ ކަމަށް ވަނީ ވިދާޅުވެފައެވެ.
މި އިންޑަސްޓްރީ ރިކަވާވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށާއި ނަމަވެސް ބޮޑެތި ސުވާލުތައް އެބަހުރިކަން މިނިސްޓަރު ބޫން ފާހަގަ ކުރެއްވިއެވެ.
އެގޮތުން ކޮވިޑް19އަށް ވެކްސިނެއް ހޯދުމުގެ ކުރިން ބަލީދެ ދެވަނަ އަދި ތިންވަނަ ރާޅެއްވެސް އަތުވެދާނެ ކަމަށާއި އަދި ފަރުވާއެއް ހޯދިފައިނުވާ މި ބައްޔާއެކު ދަތުރު ކުރުމަށް ފަތުުރުވެރިން ތައްޔާރުވާނެތޯ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ހުރިހާ ސުވާލަކާއެކު މިހާރު ނިންމާފައި ވަނީ ޓީ5ގެ މަސައްކަތް ކުރިއަށް ނުގެންގޮސް އެހަށް މަޑުޖައްސާލުމަށް. އެގޮތުން މި ޕްރޮޖެކްޓް ދެ އަހަރަށް މަޑުޖައްސާލަން ވަނީ ނިންމާފައި،" އޭނާ ވިދާޅުވިއެވެ.
ސިންގަޕޫރުން ވަނީ ކޮވިޑާއެކު އޭވިއޭޝަން ދާއިރާއަށް އަންނާނެ ބަދަލުތަކާ ގުޅޭ ދިރާސާއެއް ހަދައިފައެވެ. މި ދިރާސާގެ ނަތީޖާ ކުރިއަށް އޮތް ދެ މަހެއް ތެރޭ އާންމު ކުރާނެއެވެ.
ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ރީތި އެއާޕޯޓުތަކުގެ ތެރޭ ހިމެނޭ ސިންގަޕޫރުގެ ޗަންގީ އީސްޓް ޑިވެލޮޕްމެންޓް ޕްރޮޖެކްޓުު ނިންމުމަށް ހަމަޖެހިފައިވަނީ 2030 ގެެ ނިޔަލަށެވެ. މިއާއެކު އެއާޕޯޓުން ހިދުމަތްދޭ މީހުންގެ ކެޕޭސިޓީ 150 މިލިއަނަށް އިތުރު ވާނެއެވެ.
މިހާރުގެ ހާލަތުގައި އެ އެއާޕޯޓުން ހިދުމަތް ދެނީ ޓާމިނަލް އެކެއް އަދި ތިނަކުން އެކަންޏެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އެއާޕޯޓު ބޭނުންކުރާ ފަސިންޖަރުންގެ އަދަދު ވަނީ 95 ޕަސެންޓް ދަށަށް ގޮސްފައެވެ.
މިދިޔަ އަހަރު ޗަންގީ އެއާޕޯޓުން 95 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނެވެ.