ހިލްޓަންގެ ކޯޕަރޭޓް ސްޓާފުންގެ 22 ޕަސެންޓު މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުން ކޮވިޑް19 އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިކަމާއެކު އެ ކުންފުނީގެ ކޯޕަރޭޓު ވަޒީފާތަކުގައ ިތިބި 2،100 މީހުން ވަޒީފާ އިން ވަކިކުރަން ވަނީ ނިންމައިފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޓެލް ޗެއިން، ހިލްޓަންގެ ކޯޕަރޭޓު މުވައްޒަފުންގެ ތެރެއިން ގިނަ ބަޔަކު ވަޒީފާ އިން ވަކިކުރަނީ، ކޮވިޑްއާ ގުޅިގެން ދުނިޔޭގެ ފަތުރުވެރިކަން ހުއްޓި، ދަތުރުކުރުމަށާއި ޗުއްޓީ ހޭދަކުރުމަށް އޮތް ޑިމާންޑު ވަރަށް ބޮޑަށް ދަށްވެފައިވާތީ އެވެ.

ބަލިމަޑުކަމުގެ ސަބަބުން ވިޔަފާރި އަށް އަސަރުކޮށް ހިލްޓަން އިން ވަނީ މާޗު މަހުން ފެށިގެން މުވައްޒަފުންގެ މުސާރައަށް ވެސް ބަދަލު ގެންނަން ފަށައިފަ އެވެ.

ހިލްޓަން އިން ނެރުނު ނޫސް ބަޔާނެއްގަިއ ބުނީ އެ ކުންފުނީގެ 101 އަހަރުވީ ހަޔާތުގައިވެސް މުޅި ދުނިޔެ މިހާރު ދެކެމުން މިދާ ފަދަ ކްރައިސިސްއެއްގެ ސަބަބުން ދަތުރު ކުރުމާއި ފަތުރުވެރިކަމަށް މިފަދަ ބޮޑު އަސަރެއް ނުކުރާ ކަމަށެވެ.

ހިލްޓަންގެ ދަށުން ހިންގާ 950 އަށް ވުރެ ގިނަ ހޮޓެލް އޮޕަރޭޝަންތައް މިވަގުތު އޮތީ ވަގުތީގޮތުން ހުއްޓާލައިފަ އެވެ.

އެކުންފުނީގައި 9600 އެއްހާ ކޯޕަރޭޓް ސްޓާފުން މަސައްކަތް ކުރާއިރު މިދިޔަ އަހަރުގެ ނިޔަލަށް ހިލްޓަންގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު 173،000 އަށް ވުރެ އިތުރެވެ.

ކޮވިޑް19 ގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށެވެ. ބޮޑެތި ހޮޓެލް އަދި ރިސޯޓުތައް ވަގުތީ ގޮތުން ބަންދުކޮށްފައިވާއިރު މި ދާއިރާގައި މަސައްކަތްކުރަ އެތައް ބައެއްގެ ވަޒީފާ އަށް ވަނީ އަސަރު ކޮށްފަ އެވެ.

ހިލްޓަންގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން، މެރިއޮޓް އިން ވެސް ވަނީ ކޮވިޑާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިިކަމުގެ ސަބަބުން މުވައްޒަފުންގެ މުސާރަތައް ކުޑަކޮށް ބައެއް މުވައްޒަފުން ވަޒީފާ އިން ވެސް ވަކިކޮށްފަ އެވެ.

މެރިއޮޓް އިން ބުނެފައިވާގޮތުން މިހާރު މިދެކޭފަދަ ބޮޑު ގެއްލުމެއް 2008 ވަނަ އަހަރުގެ ފައިނޭންޝަލް ކްރައިސިސް އަދި 9/11 ހަމަލާތަކާ ގުޅިގެންވެސް ނުލިބެ އެވެ.