31 Dec 2011, 10:36
މައިކުރޯސޮފްޓުގެ ވިންޑޯސް ފިޔަވާ އެހެން އޮޕަރޭޓިން ސިސްޓަމް ތަކަކީ ބޭނުން ކުރާ މީހުންނާއި، ރައްޓެހި ނޫން އޮޕަރޭޓިން ސިސްޓަމް ތަކެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. ދުނިޔޭގެ އެކި އެކި ހިސާބު ތަކުގައި ތަފާތު އޮޕަރޭޓިން ސިސްޓަމް ތައް ބޭނުން ކުރަމުންދާއިރު، މި ދިވެހިރާއްޖޭގަ ވެސް ވިންޑޯސް ފިޔަވާ އެހެން އޮޕަރޭޓިން ސިސްޓަމް ތައް ދަނީ މަދުން ނަމަވެސް މިހާރު ބޭނުން ކުރަމުންނެވެ. އެހެނަސް ފާހަގަ ކުރެވޭ އެންމެ ބޮޑު މައްސަލަ އެއްގެ ގޮތުގައި ބެލެވެނީ، އެބޭނުން ކުރާ މީހުންނާއި ހުންނަން ޖެހޭ ރަހުމަތްތެރިކަން ކުޑަ ވުމެވެ.
ސޮފްޓުވެއަރ އެއް ނުވަތަ ހާރޑުވެއަރއެއް ކޮންޕިއުޓަރަށް އަޅަންޖެހުނަސް ވިންޑޯސްގަ ނަމަ ނެކުސްޓު، ނެކުސްޓު ބަޓަނަށް ފިތަމުންގޮސް ވަރަށް ފަހޭސައިން އެކަން ކޮއްލެވެއެވެ. ވިންޑޯސް އޮޕަރޭޓިން ސިސްޓަމުގެ އަވާގައި ދިވެހިން ޖެއްސި އެއް ސަބަބަކީ އެއީ އެވެ.
ކޮންޕިއުޓަރުތައް ހިންގުމަށް މިއަދު ބޭނުންކުރަމުން މިދާ ހުރިހާ އޮޕަރޭޓިން ސިސްޓަމް ތަކެއްގެ އަސްލު ދަރިފަސްކޮޅު ފެށިގެން އަންނަނީ ޔުނިކުސް ކޯޑު ނުވަތަ ލިނަކުސް އޮޕަރޭޓިން ސިސްޓަމްގެ ތެރެއިން ކަމަށް ދުނިޔޭގެ ޓެކުނޮލޮޖީ ދަންނަ އެންމެން ވެސް އެއްބަސް ވެއެވެ.
އެގޮތުން ވިންޑޯސް އަދި މަސްހޫރު އެޕަލްގެ މެކު އޮޕަރޭޓިން ސިސްޓަމުތަކުގެ އިތުރުން ނިކުތުމަށް ތައްޔާރު ވަމުންދާ ގޫގުލް ކުންފުނީގެ ކުރޯމް އޮޕަރޭޓިން ސިސްޓަމްގެ ވެސް އަސްލު މައިބަދަ އަކީ ހަމަ ޔުނިކުސްކޯޑު ކަމަށް ވެއެވެ. ޔުނިކުސް އޮޕަރޭޓިން ސިސްޓަމްތަކާއި ލިނަކުސް އޮޕަރޭޓިން ސިސްޓަމް ތަކަކީ ހިލޭ ލިބޭ ހުޅުވާލެވިފައިވާ އޮޕަރޭޓިން ސިސްޓަމްތަކެކެވެ.
އެހެނަސް ޔުނިކުސް އޮޕަރޭޓިން ސިސްޓަމްތައް ގިނަ އިން ބޭނުން ކުރެވެނީ ބޮޑެތި ސަރވަރތައް ހިންގުމުގައެވެ. ނަމަވެސް ލިނަކުސްގެ ތަފާތު ނަންކިޔާ އޮޕަރޭޓިން ސިސްޓަމްތައް ދުނިޔޭގެ ގިނަބަޔަކު ދަނީ އާދައިގެ ކޮންޕިއުޓަރގެ އިތުރުން ލެޕުޓޮޕު ތަކުގައިވެސް ބޭނުން ކުރަމުންނެވެ. އޭގެ ތެރެއިން ލިނަކުސްގެ ރެޑުހެޓު އަދި އުބުންޓޫ އަކީ މިރާއްޖޭގައިވެސް މަސްހޫރު ކަންހޯދާފައިވާ އެބޭނުން ކުރާ މީހުންނާއި ރަހުމަތްތެރި އޮޕަރޭޓިން ސިސްޓަމް ތަކެކެވެ.
ލިނަކުސްގެ އެކިއެކި އޮޕަރޭޓިން ސިސްޓަމްތައް ދުނިޔޭގެ ގިނަ ބަޔަކު ބޭނުން ކުރަމުންދިޔަ ނަމަވެސް މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން ނެރުނު ލިނަކުސް މިންޓު ކިޔާ އޮޕަރޭޓިން ސިސްޓަމް ނެރުމާއި ހަމަ އަށް ވިންޑޯސް އޮޕަރޭޓިން ސިސްޓަމާއި ލިނަކުސް އޮޕަރޭޓިން ސިސްޓަމް އަޅާ ކިޔާފައެއް ނުވެއެވެ. ސަބަބަކީ ވިންޑޯސް އަކީ ހަޤީޤަތުގައިވެސް ކޮންޕިއުޓަރ ބޭނުން ކުރުމުގެ އެންމެ އަސާސީ ތަޢުލީމު ނުލިބިވެސް ބޭނުން ކުރެވޭހާ ފަސޭހަ އިނގިރޭސި ކިޔަން އެންގޭ މީހަކަށް މާބޮޑު ތަކުލީފަކާއި ނުލައި ދެނެގަނެވިދާނެ އޮޕަރޭޓިން ސިސްޓަމަކަށް ވުމެވެ.
އެހެނަސް ލިނަކުސް މިންޓު ފަރުމާކޮށް ފިސާރި ނަލަ ކޮށްލުމަށްފަހު ދުނިޔެތެރެއަށް ނެރެލުމާއި އެކު ޓެކުނޮލޮޖީ ދުނިޔޭގެ ގިނަ ބަޔަކު ބުނަމުންދަނީ ވިންޑޯސްއަށް ދެން އެނބުރި ނާދެވޭނެ ކަމަށާއި ލިނަކުސް މިންޓު އަކީ ވިންޑޯސް އަށް ވުރެ ފުރިހަމަ އިސްތިހާރު ކޮށްލެވިއްޖެ ނަމަ ކޮންޕިއުޓަރ ބޭނުން ކުރުމުގެ އެއްވެސް އަސާސީ ތަޢުލީމަކާއި ނުލައިވެސް ބޭނުން ކުރެވިދާނެ އޮޕަރޭޓިން ސިސްޓަމެއް ކަމަށެވެ. އޮޕަރޭޓިން ސިސްޓަމުގެ ރީތި ކަމާއި ފުރިހަމަ ކަމުގެ ވާހަކަ އަކީވެސް ދެއްކިދާނެ ގުރެފިކުސްގެ އެންމެ ކުރީގައިވާ އެޕަލް ކުންފުނީގެ މެކު އޮޕަރޭޓިން ސިސްޓަމާއި ވާދަ ކޮށްލެވޭ ފަދަ ރީތި ގުރެފިކުސް އެބަ ހުރިކަމަށް ބުނެވެއެވެ.
މިއަދު ދުނިޔެއަށް ތަޢާރަފް ވަމުންދާ ތުރީ.ޑީ ކޮމްޕިއުޓަރގެ މޮނިޓަރ ތަކާއި ލެޕުޓޮޕުގެ ސުކުރީން ތަކުގައި އެންމެ ފުރިހަމަ ބޭނުން ކުރެވޭނީވެސް ލިނަކުސްގެ މިންޓު އޮޕަރޭޓިން ސިސްޓަމްގަކަމާއި މެދު މިހާރު ގިނަ ބަޔަކު ސައްކެއް ނުކުރެއެވެ. ސަބަބަކީ މި އޮޕަރޭޓިން ސިސްޓަމުގެ ފަށަލަތައް ފަރުމާކުރެވިފައިވާލެއް ފުރިހަމަ ވުމެވެ. އޮޕަރޭޓިން ސިސްޓަމްގެ ތެރެއަށް ނުގެއްލި އެ ބޭނުން ކުރާ މީހާއަށް ފަސޭހައިން އުޅެލެވޭނެ ފަދަ ގޮތަކަށް މިފަހަރު ނެރުނު އޮޕަރޭޓިން ސިސްޓަމް ފަރުމާ ކޮށްފައިވާ އިރު ވިންޑޯސް ފަސޭހަ ކޮށްލަދިން ނެކުސްޓު، ނެކުސްޓު ބަޓަންގެ ފުރިހަމަ ކަން ލިނަކުސް މިންޓައްވެސް ވަނީ ގެނެސްފައެވެ.
ފަހުގެ ވިންޑޯސް ސެވަން ހިންގުމަށްޓަކައި ވަރުގަދަ ޕުރޮސެސަރގެ އިތުރުން މަދުވެގެން 1 ގީބީގެ މެމޮރީ ބޭނުންވި ނަމަވެސް ލިނަކުސް މިންޓު ނުވަތަ ކޯޑު ނަމެއްގެ ގޮތުން ލިޝާގެ ނަންދީފައިވާ މި އޮޕަރޭޓިން ސިސްޓަމަށް ބޭނުން ވަނީ 1 ގިގަހަރޓުސްގެ ޕުރޮސެސަރ އެއްގެ އިތުރުން 512 އެމް.ބީގެ މެމޮރީއެވެ. އެހެން ކަމުން މި އޮޕަރޭޓިން ސިސްޓަމްގެ ހަލުއިކަން ފަހުގެ ކޮންޕިއުޓަރ ތަކުން ފެނިގެންދަނީވެސް ވަރަށް ތަފާތު ކޮށެވެ. ވިންޑޯސް އޮޕަރޭޓިން ސިސްޓަމުތަކުގައި ހުންނަ ބަރުހެލިކަންނެތުމުގެ އިތުރުން ވިންޑޯސްގައި ބޭނުން ކުރެވޭ ސުކައިޕު އަދި ވިންރަރ އަދިވެސް އޮޕެރާފަދަ ގިނަ ސޮފްޓުވެއަރ ތަކެއް މި އޮޕޭޓިން ސިސްޓަމުގައި ކެވެލިޖެހިގެން އަމިއްލައަށް އިންސްޓޯލްވެއެވެ. އެޑޯބީގެ ފުލެސްގެ އެހީގައި ވެބުސައިޓު ތަކުގެ ރީތިކަން ގެނެސްދޭއިރު މި އޮޕަރޭޓިން ސިސްޓަމް ބޭނުން ކުރާ ގިނަ ބަޔަކު ދެކޭގޮތުގައި މިހާ ރީތި ބަލާލަން ފަސޭހަ އޮޕަރޭޓިން ސިސްޓަމެއް އަދި ނިކުމެފައެއް ނުވެއެވެ.
އެހެން ކަމުން ލިނަކުސް ނިންޓު ވެގެން ގޮސްފައިވަނީ ގިނަ ބަޔަކަށް ސިހުން ގެނުވި ތަފާތު އޮަޕަރޭޓިން ސިސްޓަމެއްގެ ގޮތުގައެވެ. މަޑުމަޑު މިންޓެއްގެ ރަހަ ދުނިޔޭގެ ބޮޑު ބައެއްގައި ހަރު ލައްވާލާނެ ކަމަށް މިހާރުވަނީ ޔަޤީން ކުރެވިފައެވެ.
ބިލް ގޭޓުސްދުރަށް ދިއުމުން މައިކުރޯސޮފްޓު އޮއްސެމުންދާއިރު ލިނަކުސް މިންޓު ދުނިޔޭގެ ތެރެއަށް ފެތުރިގެންދާނެ ކަމީ މިހާރު ޔަޤީން ކުރެވޭ ކަމެކެވެ. ސަބަބަކީ މިހާފުރިހަމަ ހިލޭ ލިބޭ އޮޕަރޭޓިން ސިސްޓަމެއް އަދި މިހާ ތަނަށް ނެރެވިފައިނެތުމެވެ.