17 Jun 2020, 09:54
މިދިޔަ އާދިއްތަ ދުވަހު މަރުވި ސުޝާންތު ސިންހް ރާޖްޕުތްގެ ފަހު ފިލްމު "ދިލް ބޭޗާރާ" އޮންލައިންކޮށް ރިލީޒްކުރުމަށް ނިންމި ނިންމުމާ އެކު އޭނާގެ ފޭނުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ.
ރިޕޯޓްތައް ބުނާގޮތުގައި ސުޝާންތުގެ ފަހު ފިލްމު ރިލީޒްކުރަން ނިންމީ ހޮޓްސްޓާގަ އެވެ. ފޭނުން ބުނަނީ ސުޝާންތަކީ އަބަދުވެސް ސިނަމާތަކަށް ލޯބިކުރާ މީހެއް ކަމަށާއި އޭނާގެ ފަހު ފިލްމު ސިނަމާތަކުގައި އެޅުވުމަކީ އޭނާއަށް ދެވޭނެ އެންމެ ފަހުގެ ހަދިޔާ ކަމަށެވެ. އަދި އެއީ އޭނާއަށް ދެވޭ ޓްރިބިއުޓެއް ކަމަށްވެސް ފޭނުން ވަނީ ބުނެފަ އެވެ.
ސުޝާންތުގެ ފަހު ފިލްމު ސިނަމާތަކުގައި އެޅުވުމަށް އޭނާގެ ފޭނުން އަންނަނީ ސޯޝަލް މީޑިއާގައި ކެމްޕޭނު ކުރަމުންނެވެ.
ދެހާސް ސާދަ ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ހޮލީވުޑް ފިލްމު، "ދަ ފޯލްޓް އިން އަވާ ސްޓާޒް"ގެ ހިންދީ ރީމޭކްގައި ސުޝާންތު އާއެއްކޮށް ހަރަކާތްތެރިވަނީ ސަންޖަނާ ސަންގީ އެވެ. ސަންޖަނާ ވަނީ މީގެ ކުރިން ވަރަށް އިޝްތިހާރުތަކުންނާއި ފިލްމުތަކުގައި ވަރަށް ކުދި ކުދި ރޯލުތަކުން ފެނިގެން ގޮސްފަ އެވެ.
އެއީ ކެންސަރު ޖެހިފައިވާ ދެ ޒުވާނުންގެ ދެމެދުގައި އުފެދޭ ލޯބީގެ މައްޗަށް އުފައްދާފައިވާ އަސަރުގަދަ ފިލްމެކެވެ.