ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 29 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އިތުރު 130 މީހުން އެ ބަލިން ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން މިރޭ ހާމަކުރިގޮތުގައި ފަރުވާދޭ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 414 އަށް ތިރިވެފައެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން 15 ބަންގްލަދޭޝް މީހުން ހިމެނޭއިރު ދެވަނަ އަށް އެންމެ ގިނަ އިން ޕޮޒިޓިވް ވީ ނޭޕާލް މީހުންނެވެ. އެއީ ނުވަ މީހެކެވެ. އިތުރު ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ދެ އިންޑިއާ މީހުންނާއި ފިލިޕީންސް މީހެއްގެ އިތުރުން ދިވެއްސެއް ހިމެނެއެވެ. އަދި އޭގެ އިތުރުން މައުލޫމާތު ނެތް އިތުރު މީހެއްވެސް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އިއްޔެ ރާއްޖެއިން ކޮވިޑް-19 އަށް ވަނީ 30 މީހަކު ޕޮޒިޓިވް ވެފައެވެ.

އެއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ޖުމްލަ އަދަދު ވަނީ މިހާރު 2،094 އަށް އަރާފައެވެ. ރާއްޖެއިން 2،000 އަށްވުރެ ގިނަ ޕޮޒިޓިވް ކޭސް ފެނިފައިވާއިރު 36،857 ސާމްޕަލް ނަގާފައިވެއެވެ.

ރާއްޖެއިން ވައިރަސް ޖެހިގެން އަށް މީހަކު ވަނީ މިހާތަނަށް މަރުވެފައެވެ.