ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ނުދެވިފައިވާ އިންޑިއާގެ އިތުރު 155 މީހަކު މިއަދު ގައުމަށް ފުރުވާލައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން ބުނެފައިވަނީ އެއާ އިންޑިއާއިން މިއަދު ރާއްޖެއިން ފުރާފައިވަނީ ޓްރިވެންޑްރަމް އާއި ބެންގަލޫރަށް ދާ އިންޑިއާ މީހުން ކަމަށެވެ.

އެ ފްލައިޓަކީ ވަންދޭ ބަރަތު މިޝަންގެ ދަށުން ކުރި އިވެކިއުއޭޝަން ފްލައިޓެއް ކަމަށްވެސް ހައި ކޮމިޝަނުން ބުންޏެވެ.

މިހާތަނަށް ރާއްޖޭގައި އުޅޭ އިންޑިއާ މީހުންގެ ތެރެއިން 2600 އަށްވުރެ ގިނަ މީހުން ވަނީ ގައުމަށް ފުރުވާލައިފަ އެވެ.

ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ މީހުން ފުރުވާލުމަށް ހަތަރު ފަހަރެއްގެ މަތިން އިންޑިއާ އަސްކަރިއްޔާގެ މަނަވަރެއް ވަނީ ރާއްޖެ އައިސްފަ އެވެ. މީގެ އިތުރުން އެއާ އިންޑިއާގެ ޗާޓަރު ބޯޓުތަކުގައިވެސް ބައެއް މީހުން ވަނީ ފުރުވާލައިފަ އެވެ.

ރާއްޖޭގައި އެކި މަސައްކަތްތަކުގައި 27،000 އެއްހައި އިންޑިއާ ރައްޔިތުން އުޅެ އެވެ.