16 Jun 2020, 19:01
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުންނަށް މަގުމަތީން ފުރައްސާރަ ކުރި މައްސަލަ ނުބެއްލެވުމަށް އެމަނިކުފާނު މިއަދު އެދިވަޑައިގެންފި އެވެ.
ޑރ. ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސައިން މިދިޔަ އާދިއްތަ ދުވަހުގެ ފަތިހު މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރައްވަން އުޅުއްވަނިކޮށް އެ ދެކަނބަލުންނަށް ހަމަލާދީފައިވާ ކަމަށެވެ. އަދި އެ ދުވަހު އެ މައްސަލަ ފުލުހަށްވެސް ވަނީ ހުށަހަޅާފައެވެ.
އެމަނިކުފާނުގެ ދެކަނބަލުންނަށް ހަމަލާދީފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އިބްރާހީމް ޖައުފަރު (ޖޯރޭ) އެވެ.
އެކަމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި ޑރ. ވަހީދު ވިދާޅުވީ ޖައުފަރަކީ ނަފްސާނީ އަދި ޖިސްމާނީ ބަލި ހުންނަ މީހެއް ކަން އެނގިވަޑައިންނަވާފައިވާ ކަމަށެވެ.
އެގޮތުން އެކަމަށް ބަލައި އޭނާގެ ބަލި ހާލަތުގެ ގޮތުން އިތުރަށް މައްސަލަ ނުބެއްލެވުމަށް ޑރ. ވަހީދު ވަނީ މިއަދު އެދިވަޑައިންނަވާފައެވެ.
ޑރ. ވަހީދު އިތުރަށް ވިދާޅުވެފައިވަނީ ޖައުފަރުގެ ނަފްސާނީ އަދި ޖިސްމާނީ ބައްޔަކީ ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ލިބިފައިވާ އަނިޔާތައް ކަމަށްވެސް ވުން އެކަށީގެންވާ ކަމަށެވެ.
ރައީސް ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުންނާ ދިމާކުރި މައްސަލަ ވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން ދިފާއުވެސް ކުރައްވާފައެވެ.