ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ މަޖިލިސް މެމްބަރުން މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތައް ބޮއިކޮޓު ކުރުން ހުއްޓާލާނީ މަޖިލީހުގައި މެމްބަރުންނަށް ރައްކާތެރި މާހައުލެއް އޮންނާނެކަމުގެ ޔަގީކަން ދިނުމުން ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މި މަހުގެ ދެވަނަ ދުވަހުގެ ރޭ މެންދަމު ގާނޫނު އަސާސީ އިސްލާހު ކުރަން ބޭއްވި މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވުމުންވެސް ޝިޔާމް ތަޅުމުން ބޭރަށް ނުކުމެވަޑައިނުގަތުމުން، އެމްޑީޕީގެ މެމްބަރުން ވަނީ ތެދުވެވަޑައިގެން ގަދަކަމުން އޭނާ ތަޅުމުން ނެރެލައިފަ އެވެ.

ޕީޕީއެމް/ޕީއެންސީއިން ތުހުމަތު ކުރާ ގޮތުގައި ގަދަކަމުން ޝިޔާމް ނެރެލީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އެންގެވުމަށެވެ. އެ ހާދިސާގައި ޝިޔާމްއަށް ޖިސްމާނީ އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށްވެސް އެ ކޯލިޝަނުން ބުނެފައިވެއެވެ. އެ ހާދިސާގެ ފަހުން އެ ކޯލިޝަނުގެ މެމްބަރުން ދަނީ މަޖިލިސް ބޮއިކޮޓު ކުރައްވަމުންނެވެ.

މިއަދު ޕީޕީއެމް/ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުން ވަރަށް ކަންބޮޑުވާ ބިލުތަކަކާއި ގަރާރުތަކެއް މަޖިލީހުގެ މިހާރު ކުރިއަށްދާކަންވެސް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ފާހަގަކުރެއްވިއެވެ. އަދި އެ ކަންކަމުގައިވެސް ޒިންމާދާރުކުރުވަން މަޖިލީހުގައި ތިބެން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި ބޮއިކޮޓު ކުރުން ހުއްޓާލާފައި މަޖިލީހަށް ދާނީ ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމުގެ ޔަގީންކަމެއް މަޖިލީހުން ދިނުމުން، އެ ކޯލިޝަނުގެ އިސްވެރިންގެ މެދުގައި އެކަމާ މެދު މަޝްވަރާކޮށްފައެވެ. ރައްކާތެރި މާހައުލެއް އޮތްކަމަށް ގަބޫލު ކުރެވުމުން ނޫނީ މެމްބަރުން މަޖިލީހަށް ވަޑައިގަންނަވަން ނުފައްޓަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޔަގީންކަން އަޅުގަނޑުމެން ބޭނުންވޭ އެތަނަށް ދިޔުމުން ރައްކާތެރިކަން ކަށަވަރުކުރެވިފައިވޭތޯ. އެހެންވީމަ އެ ކަށަވަރުކުރަން އަޅުގަނޑުމެންނަށް ލިބުނީމަ، ޕާޓީގެ ލީޑާޝިޕާއެކީގައި މަޝްވަރާކުރުމަށް ފަހު އަޅުގަނޑުމެން ގޮތެއް ނިންމާނީ،" އާދަމް ޝަރީފު ވިދާޅުވިއެވެ.

އެގޮތުން، މަޖިލީހުގައި މެމްބަރު ޝިޔާމްއާ މެދު ކަން ކުރި ގޮތަކީ ގޯސް ގޮތެއް ކަމަށް ވިދާޅުވެ، އެކަން ތަކުރާރު ނުވާނެކަމުގެ ޔަގީންކަން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ބޭނުންވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ފުރަތަމަ ކަމަކީ، އެތަނުގައި ހިނގައިދިޔަ ކަންތައްތަކަކީ ގޯސް ކަންތައްތަކަކަށް ވާއިރު، އެކަންތައްތައް ދެން ނުހިނގާނެކަން މަޖިލީހުގެ ރައީސް އެބަ ޖެހޭ އަޅުގަނޑުމެންނަށް ކަށަވަރުކޮށްދެއްވަން،" އާދަމް ޝަރީފު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މަޖިލީހުގައި ތިބީ ޑިމޮކްރެސީގެ ހަމަތައް ގަބޫލު ކުރާ ބައެއް ނަމަ މައިނޯރިޓީއާ ނުލައި މަޖިލިސް ކުރިއަށް ނުގެންދާނެ ކަމަށެވެ.

"މަޖިލީހުގައި އެއީ ޑިމޮކްރެޓިކް ވެލިއުސް ގަބޫލު ކުރާ ބައެއް ނަމަ އިދިކޮޅު ފަރާތްތައް މައިނޯރިޓީ ބައިވެރި ނުވާ ގޮތަކަށް ނުވެސް ގެންދާނެ. އެހެންވީ ޑިމޮކްރެސީއިން ވިސްނާއިރު ވަރަށް ހުދުމުހުތާރު ކަމެއް ކުރައްވަމުން އެ ދަނީ،"

ޝިޔާމް މަޖިލީހުގެ ތަޅުމުން ބޭރު ކުރުމުގައި އަމަލު ކުރި ގޮތާ ގުޅިގެން މަޖިލީހުގެ ރައީސްއަށް ސިޔާސީ ގޮތުން ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ބޭރު ދުނިޔެއަށް އެމަނިކުފާނުގެ ހުދުމުހުތާރުކަން އެނގެން ގޮސްފި ކަމަށް ވިދާޅުވިއެވެ.