16 Jun 2020, 17:58
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން ފުލުހުންގެ މުއައްސަސާއާ ބެހޭ ގޮތުން ދެއްކި ވާހަކަތައް ކުށްވެރިކޮށް، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފުލުހުންގެ ހައްގުގައި މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހުށަހެެޅުއްވި "ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް" މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަލައިގަނެ ވަނީ 241 ކޮމިޓީ އަށް ފޮނުވާފައެވެ. އެ ބިލަށް އިއްޔެ ކުރި ބަހުސްގައި އެމްޑީޕީގެ މެމްބަރުން ވަނީ ފުލުހުންގެ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
މިއަދު ހަވީރު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަކީ އެ ކޯލިޝަނުން އިހްތިރާމު ކުރާ މުއަައްސަސާއެއް ކަމަށެވެ. އަދި އެ މުއައްސަސާގެ ބާރު ކަނޑުވާލަން މަޖިލީހުންނާއި ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވިދާޅުވެ، އެކަން އޭނާ ކުށްވެރިކުރެއްވިއެވެ.
"އަޅުގަނޑުމެން މިއަދު ދިވެހި ފުލުހުންނަށް އަރުވަން އޮތް ޔަގީންކަމަކީ ދިވެހި ފުލުހުންގެ މުއައްސަސާގެ ހައްގުގައިއާއި ފުލުހުންގެ ވަކިވަކި ބޭފުޅުންގެ ހައްގުގައިވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރަމުން ގެންދާނަމޭ. އެ އަޑު އުފުލާނަން. އެކަމާ ދޭތެރޭ އަޅުގަނޑުމެން ކަންބޮޑުވުން ފާޅުކުރާނަން، އިހުތިޖާޖުވެސް ކުރާނަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ފުލުހުންނަކީ އަގު ނުކުރެވޭ މަސައްކަތް ކޮށްފައިވާ އަދި ކުރަމުންދާ ބައެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ނަމަވެސް، އެމްޑީޕީގެ ސަރުކާރެއް އަންނަ ކޮންމެ ފަހަރަކު އެ މުއައްސަަސާގެ އަގު ވައްޓާލަން މަސައްކަތް ކުރާ ކަަމަށް އޭނާ ވިދާޅުވިއެވެ.
ގައުމެއް ހަލާކުކޮށްލަން އެންމެ ފަސޭހަވާނެ ގޮތަކީ އެއްވެސް ހަގީގަތެއް ނެތް އިލްޒާމުތަކެއް އަޅުގައިގެން ސަލާމަތީ ބާރުތަކުގެ ބާރު ކަނޑުވާލުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ގައުމެއް ހަލާކުކޮށްލަން އެންމެ ފަސޭހަވާނީ އެ ގައުމެއްގެ ސަލާމަތީ ހިދުމަތްތަކުުގެ ބާރު ކަނޑުވާލާ އަގު ކަނޑުވާލާ ރައްޔިތުންގެ ކުރިމަތީގައި ފަޟީހަތްކޮށް އެ މީހުން ބޭޒާރު ކުރީމަ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ފުލުހުންގެ ހުވާގެ އިބާރާތް ބަދަލު ކުރުމާ ބެހޭގޮތުންވެސް އަަބްދުއްރަހީމް ކަންބޮޑުވުންފާޅުކުރެއްވިއެވެ. ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން އާންމުކޮށް ކުރާ ހުވާތަކުގެ އެންމެ ފުރަތަމަ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމާ ބެހޭ ވާހަކަ އަންނަ ނަމަވެސް، އޭގެ ބަދަލުގައި އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ ވާހަކަ އަންނަ ގޮތަށް ފުލުހުންގެ ހުވާއަށް ބަދަލު ގެންނަ އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމަށް ވުރެ ކުރިއަށް އިންސާނީ ހައްގުތަކުގެ ވާހަކަ ގެނައުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެގޮތަށް ބަދަލު ކުރަން އުޅެނީ ފުލުހުންގެ މުއައްސަސާ އިސްލާމް ދީނާ ދުރު ކުރަން ކަމަށް ތުހުމަތުކުރެއްވިއެވެ. އޭނާ ގޮވާލެއްވީ މިހާރުވެސް ފުލުހުންގެ ހުވާ އޮންނަ ގޮތަށް ބާއްވާށެވެ.
"އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަަކަށް ވާތީ އަޅުގަނޑުމެންގެ ހުވާ ބިނާވެގެން ވަނީ އެންމެ ފުރަތަމަވެސް މާތްވެގެންވާ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، އޭގެ ފަހުން މި އަންނަނީ ގާނޫނު އަސާސީއާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތަން. އެހެންނަމަވެސް މިއަދު މި ބަހުސް ކުރެވޭ ބިލުގައި އެންމެ ފުރަތަމަ މި އަންނަނީ އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، އިންސާނީ ހައްގުތައް އެންމެ ބޮޑަށް ކަށަވަރުކޮށްދީފައި އޮތީ މާތްވެގެންވާ އިސްލާމް ދީނުގައި،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ޝަހީދު ހުސެއިން އާދަމް ބިލްޑިންގެ ނަން ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގައި ވިދާޅުވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ހުސެއިން އާދަމް އަކީ ކިހާ ބޮޑު ގުރުބާނީއެއްވެވަޑައިގެންނެވި ބޭފުޅެއްކަން އަންނަން އޮތް ޖީލުތަކަށް ފެންނަ ގޮތަށް ފުލުހުންގެ ހެޑްކުއާޓާސްއަށް އެ ބޭފުޅާގެ ނަމުން ނަން ދީފައި ބާއްވަން ބޭނުންފުޅުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"ހުސެއިން އާދަމްގެ ނަންފުޅަށް ނިސްބަތްކޮށް ހުސެއިން އާދަމް ބިލްޑިން ހުރީމާ އެކަމާ ކަންބޮޑުވެގެން އުޅެނީ ނޮވެމްބަރު ތިނެއްގެ ހާދިސާއާ މި ބޭފުޅުންނާ އޮތް ގުޅުން ސިއްރު ކުރުމަށް ޓަކައި. އެއީ އަޅުގަނޑުމެން ދެކޭ ގޮތް. މީގެން އެބަ އެނގޭ ފުލުހުންގެ މުއައްސަސާއާ މެދު ޒާތީވެފައި އޮތް ވަރު،" އަބްދުއްރަހީމް ވިދާޅުވިއެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، ފުލުހުންގެ ބިލު އޮތް ގޮތުން ފުލުހުންގެ މުއައްސަސާ ކޮންޓްރޯލު ކުރުމުގެ ބާރު މަޖިލީހުގެ 241 ކޮމެޓީއަށް ލިބިގެންދާ ކަމަށެވެ. އަދި އެއީ ސަރުކާރުގެ ބާރު ކުޑަކޮށް، ރައްޔިތުންގެ ބަހަކާ ނުލައި ބަރުލަމާނީ ނިޒާމެއް ގެނައުމުގެ ގޮތުގައި އޭނަ ސިފަ ކުރެއްވިއެވެ.
ފުލުހުންގެ ހައްގުގައި މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެ، ސަރުކާރުގެ ފަރާތުން ހުށަހެޅި ފުލުހުންގެ ބިލަށް ފާޑުވިދާޅުވި ނަމަވެސް، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ މަޖިލީސް މެމްބަރުން މވަގުތު ތިއްބެވީ މަޖިލިސް ބޮއިކޮޓުކޮށްގެންނެވެ. އެއީ މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ މެންދަމު ގާނޫނު އަސާސީ އިސްލާހު ކުރަން ބޭއްވި މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމްއަށް އަނިޔާ ކުރި ކަމަށް ބުނެއެވެ.
މިއަދު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނީ، މަޖިލިސް ބޮއިކޮޓު ކުރުން ހުއްޓާލާނީ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ.