31 Dec 2011, 10:31
އިހަށްރޭ މެންދަމު މީހަކު ބުންޏެވެ.
" އެއްބަސްވާން ޖެހެއެވެ. މަޝްވަރާގެ އުސޫލަކީވެސް އެއީޔޯލައެވެ.
ދިމާކުރާތީ އެހެންހަދަންޖެހެނީ އެވެ. ގިނަމީހުންރުއްސޭނީ ދިމާކޮށްގެންނެވެ. އެއްބަސްވެގެންނެވެ. "
ވިސްނާލުމުން އެނގުނީ އޭގައި ތެދުވެސް އެބަ އެކުލެވޭ ކަމެވެ. ދޮގަށްވުރެ އެތައްގުނައެއް މަދުންނެވެ. ދިމާކުރާތީ އޭ ކިޔާފައި އެހެންހަދާކަށް ނުޖެހެ އެވެ. އެކަމަކު ގިނަމީހުން ރުއްސޭނީ ދިމާކޮށްގެންނެވެ. އެއްބަސްވެސް ވެގެންނެވެ. މިފިކުރުގައި ނިދަން އޮށޯވެ އޮއްވާ ބޭރުން ގޮވާލި އަޑުއިވުނީ އަވަށުކައުންސިލުން ބާއްވާ މަޝްވަރާ ޖަލްސާ އަކަށް ފައިއިނދޭފުރާއިން އެއްމެން އަވަށު ބޮޑުފަސްގަނޑަށް ދާން އެބަގޮވައޭ އެވެ. ތެދުވެގެން ދިޔައީއެވެ. ފައިއިނދޭ މީހަކަށްވާތީ އާއި އަވަށްދެކެ ލޯބިވާ މީހަކަށް ވާތީ އެވެ.
ޖަލްސާ ފެށިއްޖެއެވެ. ކާންސެލަރު ޖަލްސާ ފަށައިދެމުން ބުނަނީ މިބައްދަލުވުމަކީ އެއްމެންގެ ވިސްނުން ހުރީކިހިނެއްތޯ ބަލައިލަން ބާއްވާ ބައްދަލުވުމެއް ކަމުގައެވެ. ވެގެން މިއުޅޭގޮތަކީ އިބުނިބަތޫތާ ލިއެފައިވާ ލިއުމަކުންނާއި އެސްކިމޯ ހިސާބުގެ އާދަކާދަތަކާއި އަދި ފަރަންސޭސި ވިލާތުގެ ބައެއް ހިސާބުގައި ފެނިފައިވާކަމެއް އަހަރެމެންގެ ތެރޭގައިވެސް ކުރަން ބޭނުންވާތީ އެކަމުގައި ވާހަކަދައްކާލައި ހިތްރުއްސައި ހައްލާލުމުގެ " ބުރެއް " ފަށަން ފާޑަކަށް މަޖުބޫރުވީއެވެ.
އެއްމެން އެއްއަޑުން ހެން އެއީކޮންކަމެއްތޯ އަހާލުމުން ކާންސެލަރު ހަމަޖެހިލާފައި ޖަވާބުދިނެވެ. އެއީ ކުރީޒަމާނުގައި އަހަރެމެން ގެ އިހުއެވޭލާ ކާބަފައިން ހަށިގަނޑުގެ މަތީބައި ނިވާނުކޮށް އުޅުނުކަން އެނގިފައި ވުމާއި ގުޅިގެން މިހާރު އެކަން އަލުން ދިރުވައި އާލާކުރުމުގެ ގޮތުން މިޒަމާނަށްފައްތައި އެއްމެންވެސް ތިރީކޮޅުނިވާނުކޮށް އުޅުމާއި ބެހޭގޮތުންނެވެ. މިކަމުގައިހުރިތަފާތު ފައިދާތަކާއި މޮޅު، އަހަރެމެން އެއްމެންނަށް ކިޔާދީ އޮޅުންފިލުވާދިނުމަށްޓަކައި އެސްކިމޯ ގެ ބޭކަނބަލަކު މިރޭ ވާހަކަ ދައްކަވާނެއެވެ. މިއިންނެވީ އެތާނގައި އޮރިޔާނީ ގެ ނަމުން މަޝްހޫރުވެފައި ވާ އެކަމަނާއެވެ.
އެކަމަނާއަކު ވާހަކަ ފެށިއެވެ. ސިއްހީގޮތުން ތިރީކޮޅު ހާމަކޮށްފައި ބެހެއްޓުމުން ލިބެންވާ އޮކުސިޖަން ހުރަހެއްނެތި ލިބޭކަމަށް ވާތީ އޭގެސަބަބުން ވެގެންދާ ބޮޑަތި ބޮޑަތި ފައިދާތަކާއި އިގުތިސާދީގޮތުން އެބައިނިވާކުރުމަށް ކުރަންޖެހޭހޭދަ ނުކޮށްދޫކޮށްލުމުން އިތުރުވެގެންދާ ބެންކުއެކައުންޓުގެ އަދަދުތައް ވަރަށް ތަފުސީލުކޮށް އޮރިޔާނީ ކިޔައިދިނެވެ. އަދި އެގޮތަށް ތިބުމުން އެކަކު އަނެކަކަށް ފެނި އެނގުމުގެ ނަތީޖާއެއްގެ ގޮތުން ބުނަންނުކެރި ނުބުނެވިގެން ބައެއްކަހަލަކަންކަމުގައި ވެގެންދާ ގެއްލުންތައްކުޑަވެ އެކަކަށް އަނެކެއްގެ ހާލަތު ރީތިކޮށްފެނި އެނގި އަނެކާއަށް ބޭނުންވާ ބޭނުންތައް ފުއްދައިދިނުމުގައި ބުނުމަކާއި ނުލައި އެހީތެރިވެ އަޅާލައިދޭނެކަން ދިރާސާތަކުން ސާބިތު ވެފައިވާކަން ޔަގީންކޮށްދިނެވެ.
ވާހަކަނިމުމުން އެއްބަޔަކު ގެއަށްދިޔައީ ތެދުހިތުންގަބޫލުކޮށްގެން އެކަމަށް ފުރިހަމައަށްތާއީދު ކުރަމުން ނެވެ. އަނެއްބަޔަކު ދެފުށުއެޅި ހިތާހިތުން އެކަމާއިދޭތެރޭ ފިކުރުބޮޑުވެ ވިސްނަމުންނެވެ. އަހަރެން ހިމެނުނީ އެކަމާ ކަނޑައެޅިގެން ދެކޮޅުހެދި ގިނަމީހުންގެ ތެރޭގައެވެ. އަހަންނަށް އެހެން ވާންޖެހުނީ އެކަމަކީ އަހަރެމެންގެ ގާނޫނާ، އުސޫލުތަކާ އަދި ދީނާވެސް އިދިކޮޅުކަމަކަށް ވާތީއާއި އަހަންނަކީ ކާންސެލަރުން މިއަވަށުގައި ދީނީކަންކަން ބަލަހައްޓާ ހިފަހައްޓަން ހަވާލުކޮށް މުސާރައާއި އިއްޒަތް ދީފައިވާ މީހާކަމަށްވެސް ވާތީއެވެ.
ދިމާކުރުމަކީ ހަމަ ރަނގަޅު ކަމެކޭވެސް ބުނެ ވިދާނެއެވެ. އެއާއިއެކު ވަރަށްނުރަނގަޅު ނޭދެވޭ ކަމެކޭ ބުނާނެ ޖާގަވެސް ހަމަ އޮވެއެވެ. ރަނގަޅުވާގޮތަކީ ދިމާކޮށްގެން ކުރަންޖެހޭކަންކަމުގައި ދިމާކޮށްގެން ނޫނީ އެކަން ފުރިހަމައަށް ނުކުރެވޭތީއެވެ. ނޭދެވޭ ކަމެކޭ ބުނަން މަޖުބޫރުވަނީ ދިމާކޮށް ޖެއްސުންކޮށް އަނެކާއަށް ދެވުނުހާ ދެރައެއްދޭން އުޅޭ ދިމާކުރުމަށެވެ. ކޮންމެއަކަސް ދުނިޔޭގެ މިދުވަސްވަރު ނުކުމެ މަޝްހޫރުވެގަނެގެން މިއުޅޭ ޑިމޮކުރަސީ އަކީ އަހަރެމެންގެ ލަފުޒެއް ނޫންނަމަވެސް އެ ބަހުގެ މާނަ އާއި "ދިމާކުރުން" މިބަހުގެ މާނައާއި އެއްގޮތްކަމެއް އެބަހުއްޓޭ ބުނާބަޔަކު އުޅެއެވެ. އަދި އެފަދަ ބައެއްމީހުން އެބަހަށް ދިވެހިބަހުން "ދިމިކުރަތީ" އޭކިޔައިގެން ލިއުންތައް ވެސް ލިޔެފިއެވެ. ޒަމާނީ ދޫތަކަށް ދިވެހިބަހުގެ އަޑުތަކަށް ވުރެ ހުޅަނގުގެ ގޮތްގަނޑު ރީތިވެފައި ފަސޭހަވަމުންދާތީ ޑިމޮކުރަސީ ދިމިކުރަތީ އަކަށް ނުވެއެވެ. ދެން ވާނެއެކޭ ހީއެއްވެސް ނުވެއެވެ. އެކަމަކު ޑިމޮކުރަސީ އެއޮތްގޮތަށް އަހަރެމެންގެ ބަސްފޮތަށް ވައްދާއިރު ލިޔަންޖެހޭނީ އިނގިރޭސިބަހުން ގެނެވިފައިވާ ލަފުޒެއްކަމުގައެވެ. އެއާއި ތަފާތުކޮށް ދިމިކުރަތީ އެއީ އެބަސް ކަމުގައި ހެދިއްޖެނަމަ އެބަހުގެ ތަފުސީލު ލިޔާއިރު އެއީ ބޭރުބަހަކުން ގެނައިބަހެކޭ ލިޔާކަށް ނުޖެހޭނެކަން ޔަގީނެވެ.
ދިމިކުރަތީ ގައި މިއޮންނަނީ ދިމާކުރުމެވެ. މިނިވަންކަމުގެ ނަމުގައި އަނެކާއާއި ޖައްސާލުމެވެ. ތިމާގެ ގޮތާއި އުސޫލު، އެއީ ކޮންމެފަދަ ގޮތްތަކެއްކަމުގައި ވިޔަސް ފަތުރާލުމެވެ. ގިނަބަޔަކު ގަބޫލުކުރާ ގޮތް އެއީ ގޮތް ކަމުގައި ބެލުމެވެ. އެތަނަކަށް ދިމިކުރަތީ އައުމަށްފަހު އެތަނެއްގައި އޮންނަންވެސް މިޖެހެނީ " ފުރިހަމަ "މިނިވަން ކަމެވެ. ބިރުނުގަތުމެވެ.
މިނިވަންކަމާއި ބިރުނުގަތުން ދުނިޔެމަތީގައި ގުޅިލާމެހިއްޖެނަމަ ސަގާފަތާއި އުސޫލުތައް ބަނޑުބިންމަތީ ޖައްސައި ހަތަރުފަށް އެއްތެލުން ތަޅާއަދަބުދީ ކުޑަކަކޫ ޖައްސުވާނެކަން ޔަގީނެވެ. އެއްދަނޑިދިގު ރަސްގެއަށް އަރުވައި ކުޑަދޫވެސް ދަމައިގަންނާނެ ކަމާއި މެދަކު ޝައްކެއްނެތެވެ. ބަނޑުނުބައި ވެއްޖެކަން ނޭފަތަށް ޔަގީނެވެ.