ކައުންސިލަރުންގެ ދައުރު ދިގުދަންމަން ގާނޫނު އަސާސީ އިސްލާހު ކުރަން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހަމަނުޖެހުން ހިންގައި، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމަށް އަނިޔާކުރި މައްސަލައިގައި، މެމްބަރުންގެ ބަޔާން ނަގައި ހޯދުންތައް ހޯދަން، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކާ ބެހޭ ކޮމިޓީގެ ސަބް ކޮމިޓީއެއް އެކުލަވާލައިފިއެވެ.

ޝިޔާމަށް އަނިޔާކުރި މައްސަލަ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ބަލައި ތަހުގީގެއް ކޮށްދިނުމަށް އެދި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމެވެ.

އެ މައްސަލަ ކޮމިޓީއަށް ފޮނުވުމާއެކު، މިއަދު 14:30 ގައި މައްސަލަ ދިރާސާކުރުމަަށް ކޮމިޓީގެ ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ.

މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުން ވެސް ވިދާޅުވީ މައްސަލަ ބަލަންޖެހޭނެ ކަމަށެވެ. އަދި މައްސަލައިގައި ހޯދަން ޖެހޭ ހޯދުންތައް ހޯދުމަށާއި ބަޔާންތައް ނެގުމަށް، ސަބް ކޮމިޓީއެއް ވެސް ވަނީ އެކުލަވާލައިފައެވެ.

ނަމަވެސް ސަބް ކޮމިޓީ އެކުލަވާލާނެ ގޮތާމެދު މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދި ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިގެން ދިޔައެވެ.

ތިން މެމްބަރުންގެ ސަބް ކޮމިޓީއެއް އެކުލަވާލަން އެމްޑީޕީން ހުށަހެޅިއިރު، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވީ ހުރިހާ ޕާޓީއެއް ތަމްސީލުވާނެ ގޮތަށް، ފަސް މެމްބަރުންގެ ސަބް ކޮމިޓީއެއް އެކުލަވާލުމަށެވެ.

ނަމަވެސް ކޮމިޓީން ފާސްވީ އެމްޑީޕީން ހުށަހެޅި ގޮތަށް، ތިން މެމްބަރުންްގެ ސަބް ކޮމިޓީއެއް އެކުލަވާލުމަށެވެ. މައްސަލައިގެ ބަޔާންތައް ނަގައި ހޯދުންތައް ހޯދުމަށް އެކުލަވާލި ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ދެ މެމްބަރުން ކަމުގައިވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އަދި ޕީއެންސީގެ މެމްބަރު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ.

ސަބް ކޮމިޓީ އެކުލަވާލި ގޮތާ ގުޅިގެން، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ އެމްޑީޕީގެ މެޖޯރިޓީ އޮތުމުން ބޭނުން ގޮތަކަށް ކަންކަން ކުރަމުން އަންނަ ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވައިފައެވެ. މެމްބަރު ވިދާޅުވީ، ޝިޔާމް ތަޅުމުން ނެރެން އެންގެވީ ރައީސް ނަޝީދު ކަމަށާއި، ނަޝީދަށް ފިޔަވަޅު އަޅަންޖެހިދާނެތީ އެމްޑީޕީ މެމްބަރުން ބިރު ގަންނަ ކަމަށެވެ.

އަދި ޝިޔާމް ތަޅުމުން ނެރުނީ ގަވާއިދާ ހިލާފަށް އެމްޑީޕީ މެމްބަރުން ގަބޫލުނުކުރާ ކަމަށާއި، އެގޮތަށް ގަބޫލުކުރާ ބަޔަކު ތިބެ ކޮމިޓީއެއް ހަދައިިގެން މައްސަލަ ނުނިންމޭނެ ކަމަށް ނޮޅިރަމް ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

ސަބް ކޮމިޓީ އެކުލަވާލިގޮތުން ނުރުހުން ފާޅުކުރެއްވުމަށްފަހު މެމްބަރު ނަޝީދު ވަނީ ކޮމިޓީ ދޫކުރައްވައި ވަޑައިގެންފައެވެ.

މެމްބަރު ނަޝީދުގެ އިތުރުން، މެމްބަރު ނާޒިމް ވެސް ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ. ނާޒިމް ވިދާޅުވީ މައިނޯރިޓީގެ އަޑުއެހުމުގެ ގާބިލުކަން އިމްތިޔާޒް ކޮމިޓީގައި ނެތްކަން މިއަދު އެނގިގެން ހިނގައްޖެ ކަމަށާއިި އެމްޑީޕީން ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަގޮތުގައި ހިފަމުން އަންނަ ކަމަށެވެ.

އެމްޑީޕީން ބުނީ ސަބް ކޮމިޓީ އެކުލަވާލީ މައްސަލަ ބަލަން ނޫން ކަމަށާއި، ސަބް ކޮމިޓީގެ މަސައްކަތަކީ ބަޔާން ނެގުމާއި، ހޯދުންތައް ހޯދުން ކަމަށެވެ. އަދި އެ ހޯދުންތަކުގެ މައްޗަށް ގޮތް ނިންމާނީ މައި ކޮމިޓީން ކަމަށް އެމްޑީޕީން ބުންޏެވެ.

މީގެ އިތުރުން، މައްސަލަ ހުށަހެޅުއްވި ޕީޕީއެމް/ޕީއެންސީގެ މެމްބަރުން މިއަދުގެ ކޮމިޓީގައި ބައިވެރިވެވަޑައިނުގަންނާތީ އެމްޑީޕީ މެމްބަރުން ވަނީ އެކަން ފާހަގަކޮށްފައެވެ.

އެމްޑީޕީގެ މެމްބަރުންގެ އަމަލަކީ އަނިޔާކޮށް މާރާމާރީ ހިންގުމުގެ އަމަލެއް ކަމަށް ބުނެ ޝިޔާމްގެ ފަރާތުން އެ މައްސަލަ ވަނީ ފުލުހަށްވެސް ހުށަހަޅައިފަ އެވެ.